ޗިލްޑްރަންސް އޮމްބަޑްސްޕާސަން އޮފީހުގެ ގިނަ މައްސަލަތަކެއް ފާހަގަކޮށް، އެ އޮފީހުގެ މުވައްޒަފުންގެ މެދުގައި ތަފާތު ކުރާ ކަމަށް ތުހުމަތުކޮށްފިއެވެ.
ޗިލްރަންސް އޮމްބަޑްސްޕާސަންސް އޮފީހުގައި ހިނގާ ކަންކަމާއި ގުޅޭ ގޮތުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓަށް ވަނީ އެ އޮފީހުގެ ހުރި މިފަދަ އެތައް މައްސަލަތަކެއްގެ ތަފްސީލީ ރިޕޯޓެއް ހުށަހަޅާފައެވެ. އެ ރިޕޯޓުގެ ކޮޕީއެއް "ހަތާވީސް" އަށް ލިބިފައިވާއިރު އެ ރިޕޯޓުގައި ބުނެފައި ވަނީ ޗިލްޑްރަންސް އޮމްބަޑްސްޕާސަން އޮފީހުގެ އިދާރީ ގަވާއިދުގައި ޗިލްޑްރަންސް އޮމްބަޑްސްޕާސަން ސުލޫކީ މިންގަނޑުގައި މަގާމުގެ މަސްއޫލިއްޔަތުގެ ދާއިރާގައި ކޮންސަލްޓަންޓެއްގެ ހައިސިއްޔަތުން އެއްވެސް މަސައްކަތެއް ނުކުރުމަށާއި މަގާމުގެ މަސްއޫލިއްޔަތު ފުށުއަރާނެ ބާވަތުގެ މަދަނީ ޖަމާއަތެއްގެ މެންބަރަކަށް ނުވުމަށް ބަޔާން ކޮށްފައިވާ ކަމަށެވެ.
މިވަގުތު ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމުގައި ހުންނެވި ނިއުމާތު ޝަފީގަކީ، އެ މަގާމަށް އައްޔަން ކުރެއްވިއިރުވެސް އަދި މިހާރުވެސް ގާލް ގައިޑް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރެވެ. އަދި އެ މަގާމަކީ ޒިންމާ ބޮޑު، އަދި އެކަމުގައި ގިނަ ވަގުތު ހޭދަކުރަން ޖެހޭ މަގާމެއްކަން ފާހަގަކޮށްފައިވެއެވެ. އެ މަގާމުގެ ޒިންމާ އަދާކުރުމުގެ ގޮތުން ރާއްޖޭން ބޭރަށް ގިނަ ދަތުރުތައް ކުރަން ޖެހޭއިރު އެކަމަކީ ގާނޫނުގައި ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ ޒިންމާތައް ފުރިހަމަ ގޮތުަގއި އެފަރާތަށް އަދާކުރެވެމުންދާ ކަމާމެދު ސުވާލު އުފެދުމުގެ ފުރުސަތު އޮތް ކަމެއްކަން ވެސް އެ ރިޕޯޓުގައިވެއެވެ.
އެ ރިޕޯޓުގައި ބަޔާން ކޮށްފައިވާ ގޮތުގައި ޗިލްޑްރަންސް އޮމްބަޑްސްޕާސަން އޮފީހުގެ އެއްވެސް ރައްކާތެރިކަމެއް ނެތް ކަމަށް ބުނެފައިވެއެވެ. އެ އޮފީހަކީ ކުޑަކުދިންނާއި ގުޅޭ ހައްސާސީ ގިނަ ތަހުގީގުތަކެއް ހިންގާ ތަނެކެވެ. އަދި މޮނީޓަރިންގެ ގިނަ މަސައްކަތްތަކެއް ކުރާ އޮފީހެކެވެ. ނަމަވެސް އޮފީސް ހުޅުވާ ލެއްޕުމުގައި ވެސް އެއްވެސް "ހަމައެއް ލަމައެއް" ނޯވެއެވެ. އެއިރެއްގައި އޮފީހުން އެންމެ ފަހުން ނިކުންނަ މުވައްޒަފަކީ އެ އޮފީސް ލައްޕާ މުވައްޒަފެވެ. އަދި އެދުވަހަކު އޮފީހުގެ ތަޅުދަނޑި އޮންނަނީ އެ މުވައްޒަފެއްގެ އަތުގައެވެ. އެހެންކަމުން އޮފީހުން ކުރިޔަށް ގެންދާ ތަހުގީގުތަކާއި އެނޫންވެސް އެހެން މަސައްކަތްތައް އޮފީހުން ބޭރު ކުރަން ބޭނުންވާ ކޮންމެ މުވައްޒަފަކަށް ވެސް އެ ފުރުސަތު އޮވެއެވެ.
"ދައުލަތުގެ މުއައްސަސާތަކަކީ އެ މުއައްސަސާއަކަށް ކަނޑައެޅިފައިވާ ރަސްމީ މަސައްކަތްތައް ކުރުމަށް ކަނޑައެޅިފައިވާ ތަންތަން ކަމަށްވާއިރު ޗިލްޑްރަންސް އޮމްބަޑްސްޕާސަން އޮފީހުގެ ރަސްމީ މަސައްކަތްތައް ކުރުމުގެ ބަދަލުގައި އޮފީހުގެ ތެރޭގެ މުވައްޒަފުންނަށް ފެންނަން ނުޖެހޭ އަހުލާގީ ގޮތުން ދަށް ނުރަނގަޅު މަންޒަރުތައް ފެންނައިރު މިކަމަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަން...،" ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓަށް ހުށަހަޅާފައިވާ ރިޕޯޓުގައިވެއެވެ.
އެ އޮފީހުގެ މުވައްޒަފުންގެ މެދުގައި ތަފާތު ކުރުންތައް ގެންގުޅުމުގެ ސަބަބުންނާއި މަސައްކަތުގެ މާހައުލުގައި ފެންނަމުންދާ އަދި ދިމާވާ ނޭދެވޭ ކަންތައްތަކުގެ ސަބަބުން ހިތްވަރު ގެއްލި އެ އޮފީހުގެ މުވައްޒަފުންނަށް ނަފްސާނީ ގޮތުން ގިނަ އަސަރުތަކެއް ކޮށްފައިވާ ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ. އެ އޮފީހުގެ ބައެއް ވެރިން ގުޅިގެން އޮފީހުގެ މުވައްޒަފުންނާއި ޑިޕާޓުމަންޓުތަކުގެ މެދުގައި ފާޅުކަން ބޮޑު ގޮތެއްގައި ތަފާތު ކުރާ ކަމަށްވެސް ތުހުމަތު ކޮށްފައިވެއެވެ.
ޗިލްޑްރަންސް އޮމްބަޑްސްޕާސަން އޮފީހުގައި ގާއިމް ކޮށްފައިވާ ހުރިހާ ޑިޕާޓުމަންޓަކީ ވެސް އެ އޮފީހުގެ މަސްއޫލިއްތުގެ ތެރޭގައި ހިމެނޭ ކަންކަން ތަންފީޒު ކުރުމަށްޓަކައި ގާއިމް ކޮށްފައިވާ ޑިޕާޓުމަންޓުތަކަކަށްވީ ނަމަވެސް އެ އޮފީހުގެ ވަކި ބަޔަކީ "ދަށް އަދި މުހިއްމު ނޫން" މަސައްކަތްތަކެއް ކުރަމުންދާ ބައެއްކަން ދޭހަވާ ގޮތަށް ވާހަކަދައްކާ ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
ސަރުކާރުގެ ރަސްމީ ދުވަހެއްގައި އޮފީސް ބަންދުކޮށް ކުޑަގިރި ޕިކްނިކް އައިލެންޑަށް ދަތުރު ގޮސްފައިވާއިރު އެ ދަތުރުގައި އޮފީހުގެ ހުރިހާ މުވައްޒަފުން ވެސް ބައިވެރިވުމަށް މަޖުބޫރު ކޮށްފައިވެއެވެ. އަދި ދަތުރުގައި ބައިވެރިނުވެވޭ މުވައްޒަފުންނަށް އޮތް ހަމައެކަނި "ޗޮއިސް" އަކީ ސަލާމް ބުނުން ކަމަށް އެ އޮފީހުގެ ކޯޕަރޭޓް އެފެއާޒު ޑިރެކްޓަރު އަންގާފައިވާ ކަމަށް ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓަށް ހުށަހަޅާފައިވާ ރިޕޯޓުގައިވެއެވެ.
ޗިލްރަންސް އޮމްބަޑްސްޕާސަން އޮފީހަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އޮފީހެކެވެ. އެ އޮފީހުގެ އިސްވެރިއަކަށް ހުންނެވި ހުންނަވާ އޮމްބަޑްސްޕާސަން އަކީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން އައްޔަންކުރާ ބޭފުޅެކެވެ. އެނގިފައިވާ ގޮތުގައި ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓުން މިހާރު ވަނީ އެ އޮފީހާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލަ ތަހުގީގު ކުރަން ވެސް ފަށައިފައެވެ.
ތިތަން ތީ އަމިއްލަ ކެފޭއެއް ހެން ހިންގާ ތަނެއް. އޮޑިޓް ޑިރެކްޓަރ ބުނާ ގޮތަށް ހުރިހާކަމެއް ދާނީ. އޮމްބޮޑްސްޕަރސަން އުޅޭނީ ޔޮޓް ހެދުމުގަ
މާއްޓެތިތަނަކީ ވަގުތުން އުވާލަންޖެހޭތަނެއް. ޙާދަ އަނިޔާވެރިކޮށޭ ނިއުމަތުއާ ނިއުމަތުގެ ގްރޫޕް މިވައްޒަފުންނަށް ޓްރީޓްކުރަނީ. މަސައްކަތު މީހާ ރޮއްވުމަކީވެސް ހަމަ ޢާދަވެގެން ކުރާކަމެއް
ހަސަން