މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ގަބޫލު ނުކުރަން ނިންމާފައިވާ ރާއްޖެއިން ބޭރުގެ ޕީއެޗްޑީ ކޯހެއްގައި ކިޔެވި ތިން މީހެއްގެ ސެޓްފިކެޓް ގަބޫލުކުރަން ހައި ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.

ފިލިޕީންސްގެ ކޮލެޖަކުން ސަނަދު ލިބޭ ގޮތަށް ސްރީ ލަންކާ ކޮލެޖަކުން ޕީއެޗްޑީ ކޯހެއް ގަބޫލު ނުކުރަން 2018 ވަނަ އަހަރު އެމްކިއުއޭއިން ނިންމި ނަމަވެސް އެހާތަނަށް ކިޔަވަމުންދާ ދަރިވަރުންގެ ސެޓްފިކެޓް ގަބޫލު ކުރާނެ ކަމަށް އެމްކިއުއޭއިން އެންގި އެވެ.

ނަމަވެސް އެ މީހުންގެ ކިޔެވުން ފުރިހަމަ ކުރުމަށްފަހު އެމްކިއުއޭއަށް 2021 ވަނަ އަހަރު ހުށަހެޅުމުން އެ ސެޓްފިކެޓް ބަލައިގަތުމަށް އެމްކިއުއޭއިން ދެކޮޅު އެވެ. އެ މައްސަލަ ތިން މީހެއްގެ ފަރާތުން ކޯޓަށް ހުށަހެޅުމުން ސިވިލް ކޯޓުން މިދިޔަ އަހަރު ނިންމާފައި އޮތީ ޕީއެޗްޑީ ސެޓްފިކެޓް ގަބޫލުކުރަން އަމުރު ނުކުރެވޭނެ ކަމަށެވެ. ނަމަވެސް އެކަމުގެ ސަބަބުން ލިބުނު ގެއްލުމަށް އެމްކިއުއޭއިން ޒިންމާވާން ޖެހޭނެ ކަމަށް ސިވިލް ކޯޓުން އޭރު ނިންމާފައިވެ އެވެ.

އެ މައްސަލަ އެ މީހުންގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ކުރިން ހިނގާފައިވާ ކަންކަމަށް ފަހުން އަންނަ ގާނޫނުތަކާއި އުސޫލުތައް ނުހިންގޭނެ ކަމަށެވެ. އެހެންކަމުން އެ މީހުން ކިޔެވުން ފުރިހަމަކުރި ފަހުން އަމަލުކުރަން ފެށި އުސޫލަކަށް ބިނާކޮށް އެ މީހުންގެ ޕީއެޗްޑީ ސެޓްފިކެޓް ގަބޫލު ނުކުރަން އެމްކިއުއޫއަށް ނުނިންމޭނެ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި އެކަމަށް ދައުލަތުން ކޯޓުގައި ވެސް އެއްބަސްވެފައިވާ ކަމަށް ހުކުމުގައިވެ އެވެ.

ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ސިވިލް ކޯޓުގެ ހުކުމް ބާތިލް ކުރުމާ އެކު, މީހުންގެ ޕީއެޗްޑީ ގަބޫލުކުރަން އެމްކިއުއޭގެ މައްޗަށް އަމުރުކުރާ ކަމަށެވެ.

ހައި ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު އަބްދުލްމާނިއު ހުސައިނާއި ފަނޑިޔާރު ހުސައިން މަޒީދެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ހުޒައިފާ އެވެ.