މާލޭ ސިޓީގެ މޭޔަރުކަމުގައި ހުންނަވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަކާލާތު ކުރެއްވި ގޮތާ ދިމާ އިދިކޮޅަށް ކައުންސިލްތަކުގެ ބާރުތައް މަރުކަޒީ ސަރުކާރަށް ނަގާ ގޮތަށް ގާނޫނުތައް ބަދަލުކޮށްފައިވާ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ވ. އަތޮޅު ކައުންސިލްގެ އަހަރީ ދުވަހުގެ މުނާސަބުތުގައި އެ ކައުންސިލުން ބޭއްވި ޖަލްސާ ޝަރަފުވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުން އާޒިމް ރޭ ވިދާޅުވީ ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ބިލާއި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލު ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހަށް އަމަލު ކުރަން ފެށުމުން، ކައުންސިލްގެ ދަށުގައި ހުރި ބިންތައް ކަހަލަ ގޮތަކަށް ސަރުކާރަށް ނެގިގެންދާނެ ކަމަށެވެ.
"މިހާރު މި ވަނީ ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ބިލާއި އިދާރީ ދާއިރާތައް ލާ މަރުކަޒީ އުސޫލު ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވާފަ. މި ގާނޫނު ހިންގަން ފެށުމުން ކައުސިލުތައް ހިންގުމަށް އަންނާނީ ކޮންބަދަލުތަކެއްތޯ؟ މިއީ މިއަދު އަޅުގަނޑުމެން ކުރަން ޖެހޭ ސުވާލެ. މިއީ ވަރަށް މުނާސަބު ވަޤުތެއްވެސް މެ. ގާނޫނުގައި ވާ ގޮތުން، ކައުންސިލްގެ ދަށުގައި ހުރި ހުރިހާ ބިންތައް ކަހަލަ ގޮތަކަށް ނެގިގެންދާނެ،" ފެލިދޫގައި ބޭއްވި ޖަލްސާގައި އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ އެކަމާމެދު ވަރަށް ފުންކޮށް ވިސްނުންތަކެއް ގެންގުޅެން ޖެހޭ ކަމަށާއި ގާނޫނު މިހާރު އޮތީ ސިޓީ ކައުންސިލުތަކަށާއި ރަށު ކައުންސިލުތަކަށް އަމިއްލަ އިހްތިޔާރުގައި ތަރައްޤީގެ އެއްވެސް މަސައްކަތެއް ކުރަން ދަތިވާ ގޮތަށް ކަމަށެވެ.
"ދެން ކައުންސިލުތަކުން ކުރަން އޮތްކަމަކަށް ވާނީ، ކުނިކެހުމާއި ސަހަރާ ބެލެހެއްޓުމާއި އުފަން ދުވަހުގެ ސެޓްފިކެޓް ހެދުން ފަދަ، ވަރަށް އާދައިގެ މަސައްކަތް ކުރަން އޮތް ތަންތަނަށް،" އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ އިންފްރާންސްޓްރެޗަރ، ކައުންސިލުތަކުން ޤާއިމްކޮށްދެވެން ޖެހޭނެ ކަމަށާއި މާލެ ސިޓީ ކައުންސިލްގެ ކުރީގެ މޭޔަރު، މިހާރުގެ ރައީސް ޑރ. މުޢިއްޒު، މޭޔަރުކަމުގެ މަޤާމުގައި ހުންނެވި އިރު، މި ކަމަށް ވަރަށް ބޮޑަށް ވަކާލާތު ކުރައްވައި، ޕްލޭންތައް ހެއްދެވި ކަމަށެވެ. ނަމަވެސް ޤާނޫނުތައް ބަދަލުކޮށްފައި ވަނީ ރައީސް ކުރިން ކުރިން ގެންގުޅުއްވި ވިސްނުންފުޅާ ދިމާ އިދިކޮޅު ކަމަށް އާޒިމް ވިދާޅުވިއެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 13 ވަނަ އިޞްލާޙު ގެނައުމުގެ ބިލާއި ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލު ރައީސް ޑރ. މުއިއްޒު ތަޞްދީޤު ކުރެއްވީ މިދިޔަ އާދީއްތަ ދުވަހުއެވެ.
ލާމަރުކަޒީ ނިޒާމުގެ ބާރު ކަނޑުވާލުމަށް އިތުރު ބިލުތަކެއް މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް އިދިކޮޅު އެމްޑީޕީން ވެސް ތުހުމަތު ކުރެއެވެ. އެ ބިލާ ގުޅޭ ގޮތުން ދަ ޑިމޮކްރެޓްސްއިން ވެސް ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.
އާބަލް ޑިވެލޮޕްމަންޓް ބިލުގެ 10 ވަނަ މާއްދާގައި ބުނެފައި ވަނީ އާބަން ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާ ސަރަހައްދަކީ ކައުންސިލެއްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ސަރަހައްދެއް ކަމަށް ވީނަމަވެސް، އެ ސަރަހައްދެއް ޕްލޭންކުރުމުގައި ތަރައްގީ ކުރުމުގައި އަމަލު ކުރާނީ ބިލުގައި ބަޔާންކޮށްފައިވާ ގޮތަށް ކަމަށެވެ.