ރާއްޖެ އިން އެންމެ ގިނަ ބަޔަކު މަތީ ތައުލީމު ހާސިލު ކުރުމަށްދާ މެލޭޝިއާގެ އެކި ޔުނިވާސިޓީތަކުން މަތީ ތައުލީމު ހާސިލް ކުރުމަށް 561 ސްކޮލާޝިޕްގެ ފުރުސަތު ދީފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މެލޭޝިއާގެ 14 ކޮލެޖް ނުވަތަ ޔުނިވާސިޓީއެއްގައި މަތީ ތައުލީމް ހާސިލް ކުރުމަށް ތަފާތު ދާއިރާތަކުން 561 އަށްވުރެ ގިނަ ޕްރޮގްރާމުތަކުން ދެ ޕަސެންޓާއި 100 ޕަސެންޓާއި ދެމެދުގެ ޓިއުޝަންފީ އަށް ޑިސްކައުންޓް ހަމަޖެހިގެންދާނެ ކަމަށެވެ.

މިގޮތަށް ހަމަޖެހިގެން ދިޔައީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި މެލޭޝިއާގެ އެޑިޔުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ އެޑިޔުކޭޝަން މެލޭޝިޔާ ގްލޯބަލް ސާވިސެސް (އީއެމްޖީއެސް) އިން ދިވެހިރާއްޖެ އާއި މެލޭޝިއާގެ މަތީ ތައުލީމު ކުރިއެރުވުމުގެ ސޮއިކުރި އެއްބަސްވުމުގެ ދަށުންނެވެ.

ރާއްޖޭގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. މަރްޔަމް މާރިޔާއެވެ. އަދި މެލޭޝިއާގެ އީއެމްޖީއެސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ އިދާރާގެ ސީއީއޯ، މރ. ނޯވީ ތާޖުއްދީންއެވެ.

މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އާއި މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ރާއްޖޭގެ ދަރިވަރުންނަށް މަތީ ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެޑިޔުކޭޝަން މެލޭޝިޔާ ގްލޯބަލް ސާވިސެސް (އީއެމްޖީއެސް) އާއިއެކު ކުރެވުނު މަސައްކަތުން ގިނަ އަދަދެއްގެ ސްކޮލާޝިޕްގެ ފުރުސަތު އެއްބަސްވުމުގެ ދަށުން ލިބިގެންދާނެ ކަމަށް ހަޔާ އެޑިއުކޭޝަނުން ބުނެއެވެ.

އެ އެއްބަސްވުމުގެ މަގުސަދަކީ ދިވެހިރާއްޖެއާއި މެލޭޝިއާގެ މަތީ ތައުލީމާއި ތަމްރީނުގެ ފެންވަރު މަތިކޮށް، ދެ ގައުމުގެ އެކި ކަންކޮޅުތަކަށް ފުޅާ ދާއިރާއެއްގައި މަތީ ތައުލީމު ފޯރުކޮއްދިނުމެވެ. އެގޮތުން، އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުގައި ކިޔެވުމަށް އެދި ހުށަހަޅާ ދަރިވަރުންނަށް މާލީ އެހީ (ޑިސްކައުންޓް) ފޯރުކޮށްދިނުމަށް އެ އެއްބަސްވުމުގައި ކަނޑައަޅާފައިވެއެވެ.