ތިލަމާލެ ބްރިޖުގެ މަސައްކަތްތަކާއި ގުޅޭ ގޮތުން އިންޑިއާގެ ހައި ކޮމިޝަނަރާއި ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބް މަޝްވަރާ ކުރައްވައިފިއެވެ.

އެ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު މުއްތަލިބް މިހާރު ހުންނެވީ އިންޑިއާގައެވެ. ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ބުނީ މިއީ އެ ޕްރޮޖެކްޓާ ގުޅޭ ގޮތުން ބާއްވާ 12ވަނަ ބައްދަލުވުން ކަމަށެވެ.

އެ ބައްދަލުވުމުގައި ކޮންސްޓްރަކްޝަން މިނިސްޓަރުގެ އިތުރުން އެ މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ފިނޭންސް މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީގެ އިސްވެރިން ވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ. މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ކަނޑައެޅިފައިވާ ތާރީހަށް ބްރިޖުގެ މަސައްކަތްތައް ނިންމުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރުން ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުންޏެވެ.

އެ މަޝްރޫޢުގެ 43.59 ޕަސެންޓު ނިމިފައިވާއިރު މާލެއިން ގުޅީފަޅަށް އެ މަޝްރޫއުގެ މަސައްކަތް ނިމޭ ތާރީހަކީ 31 މާޗް 2026 ކަމަށާއި ގުޅީފަޅުން ތިލަފުއްޓަށް އެ މަސައްކަތް ނިމޭނެ ތާރީހަކީ 30 ސެޕްޓެމްބަރ 2026 ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ހާމަކުރެއެވެ.

ތިލަމާލެ ބްރިޖު:

ހައެއް ޕޮއިންޓު ހަތަރެއް ހަތެއް ކިލޯ މީޓަރު ދިގު ބްރިޖް އަދި ކޯސްވޭ އިން މާލެ އާއި ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާނާލެއެވެ. 100 މިލިއަން ޑޮލަރުގެ ގްރާންޓް އަދި 400 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މި ޕްރޮޗެކްޓް އަކީ ރާއްޖޭގައި މިހާތަނަށް ކުރިއަށް ގެންދާ އެންމެ ބޮޑު އިންފްރާސްޓްރަކްޗާ ޕްރޮޗެކްޓު ކަމަށް ސަރުކާރުން ވަނީ މީގެކުރިން ހާމަކޮށްފައެވެ.

ހައެއް ޕޮއިންޓު ހަތެއް ކިލޯ މީޓަރު ދިގު މި ބްރިޖް/ކޯސްވޭ ލިންކްގެ ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯ މީޓަރު ހުންނާނެއެވެ. އަދި ފުންފަޅުތަކުގައި 1.45 ކިލޯ މީޓަރަށް މެރިން ވިއާޑަކްޓް، އަދި މޫދު/ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރު މެރިން ވިއާޑަކްޓް، އަދި ބިމާ އެއްހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގުހިމެނެއެވެ.

މާލެ އަދި ވިލިމާލެ އާއި ބްރިޖް ގުޅޭ ހިސާބުގައި ޓްރެފިކްލައިޓު ޖަރުކުރެވިފައި ހުންނާނެއެވެ. އަދި ގުޅީފަޅު އަދި ތިލަފުށި ބްރިޖް ގައި ހުންނާނީ ވައްބުރު ޖަންކްޝަނެކެވެ. ކޮންމެ ރަށެއްގައި ވެސް ރަށުތެރެއަށް ގުޅާލެވިފައިވާ ބަސް ސްޓޭޝަންތައް ހުންނާނެއެވެ. އަދި ސޯލާ ޕެނަލް ހަރުކޮށް ބޮކިތަށް ސޯލާ ޕަވާއިން ދިއްލޭ ނިޒާމް ހަަމަޖެހޭނެއެވެ.