އަބޫދާބީގެ ވަލީއަހުދު ޝެއިހް ހާލިދު ބިން މުހައްމަދު ބިން ޒައިދު އަލް ނަހްޔާން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް އިންޑިއާ އަށް ވަޑައިގެންފިއެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރައްވާ މި ދަތުރުފުޅުގައި ވަލީއަހުދު ވަނީ އިއްޔެ ބޮޑުވަޒީރު މޯދީއާ ބައްދަލުކުރައްވަވައިފައެވެ. މިއީ އަބޫދާބީގެ ލީޑާޝިޕުން އިންޑިއާ އަށް ކުރެއްވި ފުރަތަމަ ދަތުރުފުޅު ކަމަށް ވާތީ، މިއީ އިންޑިއާ އަށް ވަރަށް ހާއްސަ ދަތުރެއްކަން އެގައުމުގެ ނޫސްތަކުގައި ފާހަގަކޮށްފައިވެއެވެ.
ހައިދަރް އާބާދު ހައުސް އަށް ވަލީއަހުދު ވަޑައިގަތުމުން މަރުހަބާ ދެންނެވީ ބޮޑުވަޒީރު މޯދީއެވެ. އިންޑިއާގެ އެކްސްޓާނަލް އެފެއާޒު މިނިސްޓްރީން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި، ވަލީއަހުދަށް މަރުހަބާ ދެންނެވުން ސިފަކޮށްފައި ވަނީ "ގާތް ރަހުމަތްތެރި ގައުމެއްގެ" ގޮތުގައެވެ.
ވަލީއަހުދު މުމްބާއީއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހު ބާއްވާ ބިޒްނަސް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށެވެ. މި ފޯރަމްގައި ދެ ގައުމުގެ އިސް ވިޔަފާރިވެރިން ބައިވެރިވާނެއެވެ.
އެކްސްޓާނަލް އެފެއާޒު މިނިސްޓްރީ އިން ބުނީ އިންޑިއާ އާއި ޔޫއޭއީއަކީ ތާރީޚީ ގޮތުން ގާތް އަދި ރަހުމަތްތެރި ގުޅުމެއް އޮންނަ ދެ ގައުމު ކަމަށާއި އެ ގުޅުން ފަހަކަށް އައިސް ބަދަހިވެފައި ވަނީ ކޮމްޕްރިހެންސިވް ސްޓްރެޓެޖިކް ޕާޓްނާޝިޕްގެ ތެރެއިން ކަމަށެވެ. މި ޕާޓްނާޝިޕްގައި ސިޔާސީ ދާއިރާ، ވިޔަފާރީގެ ދާއިރާ، އިންވެސްޓްމަންޓް، ހަކަތަ، ޓެކްނޮލޮޖީ، ތައުލީމާއި ސަގާފަތް ފަދަ ދާއިރާތައް ހިމެނެ އެވެ.
އިންޑިއާގެ ބޮޑުވަޒީރަކު ޔޫއޭއީ އަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުވެސް ކުރެއްވީ މޯދީގެ ޒައާމަތުގައެވެ. އެއީ 2015ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. އެ ދަތުރުފުޅަށް ފަހު ދެގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެގެން ގޮސްފައެވެ.
ދެވަނައަށް ޔޫއޭއީގެ އެންމެ ބޮޑު ވިޔަފާރީގެ ޕާޓްނަރަކީ އިންޑިއާއެވެ. ފާއިތުވެދިޔަ ދެ އަހަރު ދެ ގައުމުގެ ދެމެދުގައި ގާތްގަނޑަކަށް 85 ބިލިއަން ޑޮލަރުގެ ވިޔަފާރީގެ މުއާމަލާތްތައް ހުރިއިރު، މި ދިހަ އަހަރު ނިމޭއިރު އެ އަދަދު 100 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކޮށްފައިވެއެވެ.