ގައުމީ ސަރަހައްދުން ބޭރުގައިވާ ބައޯޑައިވާސިޓީ ރައްކާތެރިކުރުމަށް އެކުލަވާލެވިފައިވާ "ހައި ސީސް ޓްރީޓީ" ގައި ރާއްޖެއިން ސޮއިކޮށްފިއެވެ.
މި މުހިންމު މުއާހަދާގައި ރާއްޖެއިން ސޮއިކުރުމާ ގުޅިގެން، މި އަހަރުގެ ސެޕްޓެމްބަރު މަހު އދ. ގެ އާންމު މަޖިލީހުގައި މި މުއާހަދާ ތަސްދީގު ކުރުމަށް ރާއްޖެއިން ގަސްދުކުރާކަން ސަރުކާރުން ހާމަކޮށްފައިވެއެވެ.
މި މުއާހަދާއާ ގުޅޭ ގޮތުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކަނޑު ރައްކާތެރިކޮށް އަދި ހިމާޔަތްކުރުމަށް ދިވެހިންގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. އެހެންކަމުން "ހައި ސީސް ޓްރީޓީ" އެއްބަސްވުމާ އެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގައިވާ ދިރުންތައް ވެސް ހިމާޔަތްކުރުމަށް މަސައްކަތް ކުރެވި، ރާއްޖޭގެ ޓޫރިޒަމާއި މަސްވެރިކަމުގެ ސިނާއަތަށް ވެސް ކުރިއެރުން ލިބޭނެ ކަމަށް ވިދާޅުވިއެވެ.
އެންވަޔަރަމަންޓް މިނިސްޓަރު އިބްރާހީމް ތާރިގް އިބްރާހީމް ވެސް ވަނީ މި މުއާހަދާގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ. އަދި މިއަދަކީ ތާރީހީ ދުވަހެއްގެ ގޮތުގައި އެމަނިކުފާނު ސިފަ ކުރެއްވިއެވެ.
"ހައި ސީސް ޓްރީޓީ" އަކީ ގައުމުތަކުގެ ކަނޑުގެ ސަރަހައްދުން ބޭރުގައިވާ ސަމުދުރުގެ ދިރުންތަކާއި ވަސީލަތްތައް ރައްކާތެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް އެކުލަވާލެވިފައިވާ ބައިނަލްއަގުވާމީ މުއާހަދާއެކެވެ. މި މުއާހަދާގައި ސޮއިކުރުމުން، ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެއެވެ.
ރާއްޖެއިން މި މުއާހަދާގައި ސޮއިކޮށް، ތަސްދީގު ކުރުމަށް ނިންމުމަކީ ތިމާވެށި ރައްކާތެރިކުރުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެކެވެ. އަދި މިކަމަކީ ބައިނަލްއަޤްވާމީ މުޖުތަމައުގައި ރާއްޖޭގެ ދައުރު އިތުރަށް ފުޅާވެގެންދާނެ ކަމެއްކަމަށްވެސް ބެލެވެއެވެ.
ކަނޑުމަގުން އެތެރެކުރި 5،600 ވޭޕް ކާޓްރިޖު އަތުލައިގެންފި
ނަމާދު ވަގުތަށް ކުޅިވަރު ކުޅުން 20 މިނެޓަށް މެދުކަނޑާލަން އަންގައިފި
ކުރިއެރުމާއި ހަމަޖެހުން ބިނާވެގެންވަނީ އެއްބައިވަންތަކަމުގެ މައްޗަށް
ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގެ ހުވާ، ސޯބެ ކުރައްވައިފި
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި