މިއަދު ދަރުބާރުގޭގައި ބޭއްވެވި ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ތައުރީފް ކުރައްވައިފިއެވެ.

މި ޖަލްސާގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ދެކިވަޑައިގަންނަވަން ބޭނުންފުޅުވާ ދިވެހިރާއްޖެ އާއި ދިވެހިންގެ އަހުލާގު ހުންނަން ބޭނުންވާ ގޮތް ހިއްސާ ކުރެއްވިއެވެ. ރައީސްގެ މި ވާހަކަފުޅުތަކަށް މައުމޫން ތައުރީފް ކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އަދި މައުމޫނު ތައުރީފު ކުރެއްވި ޕޯސްޓަށް ރައީސް މުއިއްޒު ވަނީ ޝުކުރުވެސް އަދާ ކުރައްވައިފައެވެ.

ދަރުބާރުގޭގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ 35 މިނެޓުގެ ހިތާބެއް ދެއްވާފައެވެ. ދިވެހި ތާރީހާއި ކީރިތި ރަސޫލާގެ ސިޔަރަތުން މިސާލު ނަންގަވައި ދެއްވި ހިތާބުގައި، މީގެ 40 އަހަރު ކުރިން، ދިވެހިންގެ މާޒީން ފެނުނު މާތް އަހުލާގަށް ރައީސް ތައުރީފު ކުރެއްވިއެވެ.

ރައީސް ވިދާޅުވީ ދުވަސްވީ މީހަކު މަގުން ފެނުމުން، އޭނާއަށް ކަމާ ހިތުމުގެ ގޮތުން މަގުގެ އެއް ފަހަރާތުގައި މަޑުކުރުމުގެ އަހުލާގު ރަށްފުށުން ފެނުނު ކަމަށާއި ދޮށީ އުމުރުގެ މީހަކު ވާހަކަ ދައްކާނަމަ، ފަރުވާދެތިކަމާ އެކު ދިވެހިން އަޑުއަހަން އޭރު ތިބި ކަމަށެވެ.

"ރަށާއި ޖަމާއަތާއި ގައުމުގެ ކުރިއެރުމަށް މަސައްކަތެއް ކުރާންވީމަ، އެންމެން އެކީގައި މާލީ ގޮތުންނާއި އަމަލީ ގޮތުން ބައިވެރިވެ ގުރުބާންވީމު. ރުކުން ވެއްޓި އަނިޔާވި މީހާއަށް އެންމެން ވެގެން ބޭސްފަރުވާ ކަންކަން ފަހިކޮށްދީ އިހްސާންތެރިކަމާއި އަނގަލާއި ކުލުނުވެރިކަން ފާޅުކުރީމު،" ރައީސް ވިދާޅުވިއެވެ.

ރަށުގައި އުފެދޭ ދެބަސްވުމެއް ހޫނުވާން އުޅުނަސް އެކަމެއް ފިނިކުރަން، އެ ދެމެދު ސުލްހަކުރަން ރަށު ފެންވަރުގައި ހޮޅުއަށީގެ ފެންވަރުގައި ދިވެހިން މަސައްކަތްކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ދިވެހިންގެ ރިވެތި އަހުލާގަށް ތައުރީފު ކުރައްވައި، ރައީސް ވިދާޅުވީ "ދިވެހިންނަކީ މާތް ބައެއް ކަމަށް އިބުނު ބަތޫތާ ލިޔުއްވާފައި،" އޮތީ "ކަމެއްވީމަ" ކަމަށެވެ.