އިޔާދަ ކުރަން ބޭނުންވަނީ ދިވެހިންގެ މާތް ސިފަތަކުގެ މާޒީ ކަމަށާއި ފަތިހު ހޭލާ ދިވެހި ގައުމެއް ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ގައުމީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ 35 މިނެޓުގެ ހިތާބެއް ދެއްވާފައެވެ. ދިވެހި ތާރީހާއި ކީރިތި ރަސޫލާގެ ސިޔަރަތުން މިސާލު ނަންގަވައި ދެއްވި ހިތާބުގައި، މީގެ 40 އަހަރު ކުރިން، ދިވެހިންގެ މާޒީން ފެނުނު މާތް އަހުލާގަށް ރައީސް ތައުރީފު ކުރެއްވިއެވެ.

ރައީސް ވިދާޅުވީ ދުވަސްވީ މީހަކު މަގުން ފެނުމުން، އޭނާއަށް ކަމާ ހިތުމުގެ ގޮތުން މަގުގެ އެއް ފަހަރާތުގައި މަޑުކުރުމުގެ އަހުލާގު ރަށްފުށުން ފެނުނު ކަމަށާއި ދޮށީ އުމުރުގެ މީހަކު ވާހަކަ ދައްކާނަމަ، ފަރުވާދެތިކަމާ އެކު ދިވެހިން އަޑުއަހަން އޭރު ތިބި ކަމަށެވެ.

"ރަށާއި ޖަމާއަތާއި ގައުމުގެ ކުރިއެރުމަށް މަސައްކަތެއް ކުރާންވީމަ، އެންމެން އެކީގައި މާލީ ގޮތުންނާއި އަމަލީ ގޮތުން ބައިވެރިވެ ގުރުބާންވީމު. ރުކުން ވެއްޓި އަނިޔާވި މީހާއަށް އެންމެން ވެގެން ބޭސްފަރުވާ ކަންކަން ފަހިކޮށްދީ އިހްސާންތެރިކަމާއި އަނގަލާއި ކުލުނުވެރިކަން ފާޅުކުރީމު،" ރައީސް ވިދާޅުވިއެވެ.

ރަށުގައި އުފެދޭ ދެބަސްވުމެއް ހޫނުވާން އުޅުނަސް އެކަމެއް ފިނިކުރަން، އެ ދެމެދު ސުލްހަކުރަން ރަށު ފެންވަރުގައި ހޮޅުއަށީގެ ފެންވަރުގައި ދިވެހިން މަސައްކަތްކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ދިވެހިންގެ ރިވެތި އަހުލާގަށް ތައުރީފު ކުރައްވައި، ރައީސް ވިދާޅުވީ "ދިވެހިންނަކީ މާތް ބައެއް ކަމަށް އިބުނު ބަތޫތާ ލިޔުއްވާފައި،" އޮތީ "ކަމެއްވީމަ" ކަމަށެވެ.

"ފަތިހު ހޭލާ ދިވެހި ގައުމެއް ބޭނުން. ހެނދުނާއި ދެނަމާދު ދޭތެރޭ ކީރިތި ގުރުއާން ކިޔެވުމުގައި ކުޑަކުދީން ޝައުގުވެރިކަމާ އެކު އުޅޭ ދިވެހި ގައުމެއް ދެކެން އަޅުގަނޑު ބޭނުން. ފަރުޟު ނަމާދުތަކަށް ބައިބޯކޮށް ފެންނަން ބޭނުން. އެކަމުގެ މާތްކަމާއި އެކަމުގައި ހުރި ދަރުމައިގެ ގިނަކަން އަޅުގަނޑުމެން ކޮންމެ ދިވެއްސަކަށް އިހްސާން ވާން ބޭނުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިސްކިތްތަކަށް ކުރާ އިހްތިރާމް އަލުން އިޔާދަވާން ބޭނުންވާ ކަމަށެވެ.

ކޮންމެ މީހަކު ވެސް އެ ކަންކަން ރާއްޖޭގައި އަލުން އާލާކުރުމަށް "ތިމާ"އާ ހިސާބުން މަސައްކަތް ފެށުމަށް ރައީސް އެދިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން އާއިލާ އާއި ރަށްޓެހިންނަށް ހެޔޮ މަގު ދެއްކުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.