ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ދޫކުރި ގޯއްޗާ ފްލެޓަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން، ގަވާއިދާ ހިލާފުނުވާ އެންމެނަށް ވެސް ގޯއްޗާ ފްލެޓު ލިބޭނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

މި ޔަގީންކަން އެމަނިކުފާނު ދެއްވީ އިއްޔެ ރައީސް އޮފީހުގައި މާލެ ސަރަޙައްދުގައި ހަރަކާތްތެތިވާ ގެދޮރުވެރިކަމާގުޅޭ ބައެއް ޔޫނިއަންތައް ކަމައްވާ، ފަހި ޔޫނިއަން، އާއި ގިރާވަރު މާލެ ސިޓިޒަން އެސޯސިއޭޝަން އާއި ގުޅިފަޅުގެ ރައްޔިތުންގެ އެސޯސިއޭޝަންގެ އިތުރުނަ ހުޅުމާލެ ރައްޔިތުންގެ ކޮމިޓީ އަދި މާލެ ރަށްވެހިންގެ ޖަމުޢިއްޔާގެ އިސްބޭފުޅުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އެ ބައްދަލުކުރެއްވުމުގައި، ގެދޮރުވެރިކަމާބެހޭ ޔުނިއަންތަކުގެ މެންބަރުން ވަނީ، މާލެ ސަރަޙައްދުގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި ގުޅިގެން، ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ، ގެދޮރުވެރިކަމާ ބެހޭ ޔޫނިއަން ތަކާއި ބައްދަލުކުރެއްވުން: ފޮޓޯ | ރައީސް އޮފީސް

އެގޮތުން އެބޭފުޅުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، މާލެ ސަރަޙައްދުން ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން އެކިކަންކަމާއި ގުޅިގެން އަދި ހަވާލުނުކުރެވި ހުރި ގޯތިތަކުގެ ރަޖިސްޓްރީތަކާއި، އެޝުއަރެންސް ސިޓީގެ ކަންކަން އަވަސް ކޮށްދެއްވުމާއި، ކަމާގުޅޭ ފަރާތްތަކުން ޖަވާބުދާރީވުން މިހާރަށްވުރެ ހަރުދަނާގޮތެއްގައި ކުރިޔަށްގެންދިއުމާއި،އަދި ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރެވޭގޮތަށް މިކަންކަން ހައްލުކޮށްދެއްވުން ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބޯހިޔާވަހިކަމަކީ މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއްކަންތައް ކަމަށެވެ. އެގޮތުން ގެޒެޓްގައި ނަން އާންމުކޮށްފައިވާ ކޮންމެ ބޭފުޅަކަށް، ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަައުދާ އެއްގޮތަށް، ގަވާއިދާ ހިލާފުނުވާ ކަމުގައި ވާނަމަ ގޯތި ލިބިވަޑައިގަންނަވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

އަދި މިހާރު ކުރިއަށްގެންދާ މަސައްކަތްތަކާ ކުރިއަށް ގެންދަން ރޭވިފައިވާ މަޝްރޫއުތަކުގެ އަދާހަމަ ތަފްސީލުތައް މެންބަރުންނާއި ހިއްސާ ކުރައްވައި، އެ މަސައްކަތުގައި ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯއްދަވައި ދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް ކަމާގުޅޭ ފަރާތްތަކާ ގުޅިގެން، ވީހާވެސް އަވަހަށް އެކަންކަން ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނުގެ ވަނީ ޔޫނިއަންތަކުގެ މެމްބަރުންނަށް ދެއްވާފައެވެ.