ސިނަމާލެ ބްރިޖުން ލޭނެއް މެދުވެގެން ކަމަށް ވިދާޅުވެ، ކުރީގެ ރައީސް ޔާމީން އަމަލުކުރެއްވި ގޮތުން "އަސަރު" ކުރެއްވި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސިނަމާލެ ބްރިޖުން ލޭނެއް މަދު ކަމަށް ވިދާޅުވެ, ރައީސް ޑރ. މުހައްމަދު މުއިއްޒު ކީރިތި ކުރެއްވެންދެން އެމަނިކުފާނާ ދިމާލަށް ކުރީގެ ރައީސް ޔާމީން ބަވާލެއްވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ދާދިފަހުން "ސަންގު ޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައެވެ.

"ބަވާލި މަންޒަރާއި އެ އަޑު އަހާނެ އޭރުގައި ކެބިނެޓްގައި ތިއްބެވި އިއްޒަތްތެރި ވަޒީރުން ވެސް އަދި އަޅުގަނޑުމެން ވެސް. ރައީސް މުއިއްޒު ކީރިތިފުޅު ކުރައްވަންދެން ބަވާލި،" އަބްދުއްރަހީމް ވިދާޅުވިއެވެ.

މިރޭ "ސަންގު ޓީވީ" އިން ގެނެސްދިން އިންޓަވިއުއެއްގައި ރައީސް މުއިއްޒު ވަނީ އެކަން ހިނގާ ދިޔަ ގޮތް ވަރަށް ތަފްސީލުކޮށް ވިދާޅުވެދެއްވާފައެވެ. ރައީސް ވިދާޅުވީ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ހުންނެވީ ހައުސިން މިނިސްޓަރަކަށް ކަމަށާއި އެ މިނިސްޓްރީ އަށް ބްރިޖުގެ މަޝްރޫއު ހަވާލުކުރީ 2014ވަނަ އަހަރުގެ ފަހުކޮޅު ކަމަށެވެ. އެމަނިކުފާނަކީ އަބަދުވެސް އެއިރެއްގައި ހަވާލުވާ ޒިންމާއެއް ފުރިހަމަ ގޮތުގައި އޭރުވެސް ކުރައްވާ ބޭފުޅެއް ކަމަށާއި އެހެންކަމުން ބްރިޖުގެ މަސައްކަތަކީ ވެސް ވަރަށް ހާއްސަ ސަމާލުކަމެއް ދެއްވައިގެން އެމަނިކުފާނު ކުރެއްވި މަސައްކަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ރޭ ޕީއެންސީ ހައުސްގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަނީ ——

"ލޭނުގެ އަދަދު އެއްވެސް އިރެއްގައި ބަދަލުވެފައެއް ނެތް. އަޅުގަނޑާ [ހައުސިން މިނިސްޓްރީ] ހަވާލުވިއިރު ހަމަ އޮތީ ކޮޅަކަށް ދެ ލޭނެއް،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބްރިޖު މަޝްރޫއު ނިމެން މަހެއްހާ ދުވަސް ވެފައި ވަނިކޮށް ބްރިޖުގައި ސައިކަލު ދުއްވުމަށް ވަކި ލޭނެއް އޮންނަން ޖެހޭނެ ކަމަށް ވިދާޅުވި ކަމަށެވެ. ނަމަވެސް އޭރު ބްރިޖުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާތީ އެއީ ފަސޭހަ ކަމަކަށް ނުވި ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. ނަމަވެސް ސައިކަލު ލޭނެއް އޮންނަން ރައީސް ޔާމީން ބޭނުންފުޅު ވާތީ، ބައިސްކަލް ދުއްވަން ހާއްސަ ކޮށްފައިވާ ލޭނު ސައިކަލަށް ހާއްސަ ކުރުމަށް އޭރު ޔާމީން ދެންނެވި ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އެފަދައިން ވިދާޅުވުމުން އެކަން ކުރެވޭތޯ ގިނަ މަސައްކަތްތަކެއް ކުރައްވާފައި ވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އެގޮތުން ބައިސްކަލް ލޭނުގައި ސައިކަލެއް ބަހައްޓައިގެން އެ ލޭނުގައި ސައިކަލު ދުއްވޭތޯ މަސައްކަތް ކުރެއްވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސަކީނާ މަންޒިލަށް ވަޑައިގަންނަވަން ރައީސް [ޔާމީން] ވިދާޅުވީ. ގާތްގަނޑަކަށް 40އަށް ބޭފުޅުން ތިއްބެވި. ވިދާޅުވީ ބްރިޖެއް ނުހުޅުވޭނޭ. ސައިކަލަށް ވަކި ލޭނެއް ނެތޭ. ކީވެއްހޭ ވަކި ލޭނެއް ނެތީ ވިދާޅުވީ. އަޅުގަނޑު ދެންނެވީ އަޅުގަނޑާ މަސައްކަތް ހަވާލުވިއިރު ވަކި ލޭނެއް ނެތޭ. އެއްވެސް ބަދަލެއް ނާދޭ މިނިސްޓްރީއަށް މަސައްކަތް ހަވާލުވި ހިސާބުން،" ރައީސް ވިދާޅުވިއެވެ.

އަޅުގަނޑު ދެއްކެވި އެއްވެސް ވާހަކައެއް ގަބޫލުނުކުރެއްވީ ކަމަށް ވިދާޅުވާކަށް ނޭނގެ. ވިދާޅުވީ ޕްރޮޖެކްޓު ނުހުޅުވާނަމޭ. އެހެން ދިޔައީ. ތެދެއް އެއީ އަޅުގަނޑަށް ހަމަ ވަރަށް އަސަރުކުރި ރައީސް އެހެން ވިދާޅުވީމަ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

އެ ބައްދަލުވުމަށްފަހު އަނެއްކާ ވެސް ރައީސް ޔާމީނަށް ގުޅުއްވާ ޔާމީންގެ އެ ނިންމެވުން ބަދަލު ކުރެއްވުމަށް އެދިވަޑައިގެންނެވިން ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި ވިދާޅުވީ ފަހުން ބްރިޖު ހުޅުވަން އެއްބަސްވެވަޑައިގަތީ އެ ފޯނު ކޯލަށް ފަހު ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.