ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަން ސާބިތުވެ ޖަލު ހުކުމެއް ތަންފީޒުކުރާ މީހެއްގެ ދިފާއީ ވަކީލަކަށް ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރަކު ދައުލަތާ ދެކޮޅަށް ވަކާލާތު ކުރާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ކުޑަކުއްޖަކާ ބެހުނުކަން ސާބިތުވެގެން ޖަލު ހުކުމެއް އިއްވާފައިވާ މީހެއްގެ ދިފާއީ ވަކީލެއްގެ ގޮތުގައި ހައި ކޯޓަށް އިއްޔެ ވަޑައިގަތީ އެންވަޔަރަމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ރާގިބު އަހުމަދެވެ.
ހައި ކޯޓުގެ އިއްޔެ އަޑުއެހުމުގައި ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ވަނީ އެކަން ފާހަގަކޮށް, ޑެޕިއުޓީ މިނިސްޓަރަކު ދައުލަތާ ދެކޮޅަށް ވަކާލާތު ކުރުމަކީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށް ބުނެފަ އެވެ.
އެ މައްސަލާގެ ޝަރީއަތް ސިއްރުކޮށްގެން ގެންގޮސްފައިވާތީ އޭގެ އިތުރު ތަފްސީލެއް ނުލިބެ އެވެ.
ރާގިބަކީ ކ. ޖުޑީޝަލް ދާއިރާގެ ކުރީގެ އިސް މެޖިސްޓްރޭޓެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވީ ސުލޫކީ މައްސަލައެއް ސާބިތުވެ އޭނާ ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ލަފާ ދިނުމާ އެކު އެވެ.
މީގެ ކުރިން ޓެކްސް މައްސަލައެއްގައި ޑެޕިއުޓީ މިނިސްޓަރަކު ދައުލަތާ ދެކޮޅަށް ވަކާލާތު ކުރި މައްސަލައެއް ފެންމަތިވި އެވެ.
އޭރު ސަރުކާރުން ބުނެފައިވަނީ ސިޔާސީ މަގާމުތަކުގައި ތިބޭ މީހުން ދައުލަތުގެ މުއައްސަސާއަކާ ދެކޮޅަށް ޝަރީއަތުގައި ވަކާލާތު ކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު މަދަނީ މައްސަލައެއްގައި ދައުލަތާ ދެކޮޅަށް ވަކާލާތު ކުރައްވަން ހައި ކޯޓަށް ވަޑައިގެންނެވި މައްސަލައެއް ވެސް ދާދިފަހުން ފެންމަތިވި އެވެ. ފަހުން އޭނާ އެ މައްސަލައިން ވަކިވެ ވަޑައިގަތެވެ.