ގުދުސްގެ ދިފާއުގައި ކަމަށް ބުނެ، ތިމާމެންގެ ނުބައި މަގުސަދުތައް ހާސިލުކުރުމަށް، ހިންގާ ޖަރީމާތައް ވަގުތުން ހުށްޓާލުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައިފިއެވެ.
ޔަހޫދީން ހިންގަމުން ގެންދާ ލާއިންސާނީ އަނިޔާވެރި ޖަރީމާތަކާ ދެކޮޅަށް، ފަލަސްތީނުގެ ދިފާއުގައި މެދުކެނޑުމެއްނެތި ރާއްޖޭގައި ހުންނަ އެމްބަސީތަކުގެ ކައިރީގައި އަޑުއުފުލަމުން ގެންދިޔަ ދެ އަންހެނުން އިއްޔެ ވަނީ ހައްޔަރު ކޮށްފައެވެ.
އެމްބަސީތަކުގައި ކައިރީގައި އަޑުއުފުލި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ ޢާއިޝަތު ޝާދިޔާ އާއި ޑރ. ޝަޒްރާ އިބްރާހީމެވެ. ޝާދިޔާއަކީ ޑރ. މުހައްމަދު އިޔާޒްގެ އަނބިކަނބަލުނެވެ. ޑރ. ޝަޒްރާއަކީ އެމްއެންޔޫގެ ލެކްޗަރާއެކެވެ.
އެކަމާއި ގުޅިގެން ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވަނީ ރާއްޖޭގައި ގާއިމުވެފައި ހުރި ބައެއް އެމްބަސީތަކާއި، ވަކިން ހާއްސަކޮށް ސައޫދީ އަރަބިއްޔާގެ އެމްބަސީ އާއި، ސަފީރުގެ ގެކޮޅު ކައިރީގައި އަންހެން ބަޔަކު ތިބެގެން ސަފީރަށާއި، ސައޫދީ އަރަބިއްޔާ އަށް ހުތުރު ބަސްތައް ރައްދުކޮށް، ރާއްޖެ އިން ފައިބައިގެން ދިޔުމަށް ގޮވައި، ސަފީރުގެ ގެކޮޅަށް އޭތި މީތި އަޅައި، އަޑުގަދަކޮށް، އަނބިދަރިން ބިރުގަންނަ ޒާތުގެ އަމަލުތައް ހިންގުމަކީ، ކޮން ދީނެއް ނުވަތަ މިއްލަތެއް އަދި މަޒުހަބެއްގައި އޮތް ކަމެއްތޯ ސުވާލު ކުރައްވައިފައެވެ.
"މިގައުމުން އެބަޔަކަށް އަމާންކަންދީ އަހުދުނާމާއެއްގެ ދަށުގައިތިބޭ ޣައިރު މުސްލިމުންނަށް އެއްވެސް އުނދަގުލެއްކުރުން ހުއްދަނުވާއިރު، އަމުދުން މުސްލިމު ބަޔަކަށް މިފަދައިން އުނދަގޫކުރުން ހުއްދަވާނީ ކޮންފަދައަކުންތޯ. ތިމާމެންގެ ނުބައި މަގުސަދުތަކެއް ހާސިލުކުރުމަށް، މި އުޅެނީ ގުދުސްގެ ދިފާއުގައޭ ކިޔައި މި ހިންގާ ޖަރީމާތައް ވަގުތުން ހުށްޓާލާ ފަސާދައަށް ޖާގަނުދީ،" ޝަހީމް ވިދާޅުވިއެވެ.
ފުލުހުން ރޭ ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް ބޭރުގެ ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ، އަޑުގަދަކުރާ ބޭނުންކޮށް ހަޅޭއްލެވުމާއި ބޭއަދަބީ ބަހުން މުއާމަލާތްކޮށް އަދި ޑިޕްލޮމެޓިކް މިޝަންތަކުގެ މަސައްކަތަށް ހުރަސް އެޅޭ ގޮތަށް އަމަލު ކުރުމުން ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެއްވެ ތިބި މީހުން ވަކި ސަފީރަކަށް އުނދަގޫވާ ގޮތަށް އަމަލުތައް ބެހެއްޓި ކަމަށާއި އެހެންކަމުން އެ ސަރަހައްދު ދޫކޮށް ދިއުމަށް އަންގާފައިވާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.