ޖަޕާނުގެ ވައިގެ ސަރަހައްދަށް ޗައިނާގެ ޖާސޫސީ މަތިންދާ ބޯޓެއް މިދިޔަ ހޯމަ ދުވަހު ވަދެފައިވާ ކަމަށް ޖަޕާނުން ބުނެފިއެވެ.

ހޯމަ ދުވަހުގެ މެންދުރު ކުރީގެ ވަގުތެއްގައި، ޖަޕާނުގެ މެއިންލެންޑްގެ އައްސޭރިފަށާއި ތަންކޮޅެއް ދުރުގައި އެ ގައުމުގެ ހުޅަނގަށް އިރުމަތީ ޗައިނާ ކަނޑުގައި އޮންނަ ޖަޒީރާތަކުގެ ކައިރިން ޖަޕާނުގެ ވައިގެ ސަރަހައްދަށް ޗައިނާގެ ވައި-ނައިން މަރުކާގެ ޖާސޫސީ މަތިންދާ ބޯޓެއް ވަދެފައިވާ ކަމަށް ޖަޕާނުން ބުންޏެވެ. އަދި ޖަޕާނުގެ ވައިގެ ސަރަހައްދުގައި ދެ މިނެޓެއްހާއިރު މި މަތިންދާބޯޓު ހަރަކާތްތެރިވިއިރު، ރައްދުގައި ޖަޕާނުން ވަނީ އެ ގައުމުގެ އަސްކަރީ ފައިޓަރ ޖެޓްތައް އެސަރަހައްދަށް ފޮނުވާފައެވެ.

ޖަޕާނުގެ ޗީފް ކެބިނެޓް ސެކްރެޓަރީ ވިދާޅުވީ މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މި މައްސަލައިގައި ޓޯކިޔޯގައި ހުންނަ ޗައިނާ އެމްބަސީގެ އޮފިޝަލަކު ޖަޕާން ޚާރިޖިއްޔާއަށް ހާޒިރު ވެސް ކުރިއެވެ. އަދި މިފަދަ ޙާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ޖަޕާނުން ވަނީ ބެއިޖިންއަށް އަންގާފައެވެ.

ޗައިނާގެ ޚާރިޖިއްޔާގެ ތަރުޖަމާނު ވިދާޅުވީ އެހެން ޤައުމެއްގެ ވައިގެ ސަރަހައްދަށް ގަވާއިދާ ޚިލާފަށް ވަނުމަކީ ޗައިނާއިން ކުރާނެ ކަމެއް ނޫން ކަމަށާއި، މި ހާދިސާ ހިނގި ގޮތް މިހާރު ބަލަމުން އަންނަ ކަމަށެވެ.

މިއީ ޗައިނާގެ އިރުމަތިން، އެމެރިކާއަށް ވާގިވެރިވާ ދެކުނު ކޮރެއާއާ ޖަޕާނާއެކު ޗައިނާއިން އޮންނަ ވާދަވެރިކަން އިތުރުވެފައިވާ ދަނޑިވަޅެއްގައި ހިނގި ވަރަށް ކަންބޮޑުވާ ޙާދިސާއެއް ކަމަށް މުހައްލިލުން ބުނެއެވެ. އިރުމަތީ ޗައިނާ ކަނޑުގައިވާ ބައެއް ޖަޒީރާތަކުގެ މިލްކުވެރިކަމާމެދު ޗައިނާ އާއި ޖަޕާނުން މިހާރު ވެސް ދަނީ ބަހުގެ ހަމަލާތައް ބަދަލުކުރަމުންނެވެ. އެގޮތުން ސެންކާކޫ ޖަޒީރާތަކުގެ އެތެރެވަރިއަށް ޗައިނާގެ އުޅަނދުތައް ދާދިފަހުން ވަދެގަތް މައްސަލަވެސް އޮތީ ފެންމަތިވެފައެވެ.

ޓައިވާނާއި ފިލިޕީންސްގެ ސަރަހައްދީ އިމުން އެތެރެއަށް ވަޔާއި ކަނޑުގެ މަގުން ޗައިނާގެ އުޅަނދުތައް ވަންނަ މައްސަލަ ބޮޑުވެފައިވާ މިދަނޑިވަޅުގައި ޖަޕާނުގެ ވައިގެ ސަރަހައްދަށް ޗައިނާއިން ވަތް ވަނުން އެއީ މަސްރަހު އިތުރަށް ގޯސްވާނެކަމުގެ ސިގްނަލެއްކަމަށް ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.