ޗައިނާއިން ކެނެޑާއަށް އެތެރެކުރާ އީ-ވެހިކަލްތަކުން 100 އިންސައްތައިގެ ޓެރިފެއް ނަގަން ކެނެޑާއިން ނިންމައިފިއެވެ.

ކެނެޑާއިން މި ނިންމުން ނިންމާފައި މި ވަނީ ޗައިނާގައި އުފައްދާ އީ-ވެހިކަލްތަކުން ނަގާ ޓެރިފް ބޮޑުކުރަން ވިލާތުގެ އިއްތިހާދާއި އެމެރިކާއިން ނިންމާފައިވަނިކޮށެވެ.

ހުޅަނގުގެ ގައުމުތަކުން ދެކޭ ގޮތުގައި ޗައިނާ ސަރުކާރުން ގެންދަނީ އެގައުމުގެ އިލެކްޓްރޯނިކް ވެހިކަލް ސިނާއަތަށް ސަބްސިޑީ ދެމުންނެވެ. މިގޮތަށް ސިނާއަތް ސަބްސިޑައިޒް ކުރުމުން އެހެން ގައުމުތަކުގައި ކާރު އުފައްދާ ކުންފުނިތަކަށް ނުލިބޭ ފައިދާތަކެއް ޗައިނާގެ އިލެކްޓްރޯނިކް ވެހިކަލް އުފައްދާ ކުންފުނިތަކަށް ލިބޭ ކަމަށާއި، މިއީ ވާދަވެރި ވިޔަފާރީގެ ރޫހާ ޚިލާފް ކަމެއް ކަމަށް ހުޅަނގުން ދެކެއެވެ.

އެމެރިކާއިން ވެސް ނިންމާފައިވަނީ 100 އިންސައްތައަށް ޓެރިފް ބޮޑު ކުރުމަށެވެ. އަދި ވިލާތުގެ އިއްތިޙާދުން ނިންމާފައި ވަނީ ޗައިނާގެ އީ-ވެހިކަލްތަކުން 36.3 އިންސައްތައިގަ ޑިއުޓީ ނެގުމަށެވެ.

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވީ މާދަމާގެ ދުނިޔެއަށް ބޭނުންވާ އެއްގަމު އުޅަނދު އުފެއްދުމުގައި ދުނިޔޭގެ ފެންވަރުގެ ގާބިލްކަމާއި ކުރިއެރުން ކެނެޑާއިން މިހާރު ހޯދާފައިވާ ކަމަށާއި، ނަމަވެސް ޗައިނާއިން ދަނީ ނުހައްގު ފައިދާތަކެއް އެގައުމުގެ ކުންފުނިތަކަށް ދީގެން ބައިނަލްއަގްވާމީ ބާޒާރަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރަމުން ކަމަށެވެ.

ޗައިނާ އެތެރެކުރާ އެކަތަ އާއި އެލުމިނަމްއިން ވެސް 25 އިންސައްތައިގެ ޓެރިފް ނެގުމަށް ކެނެޑާއިން ވަނީ ނިންމާފައެވެ.

ޗައިނާއިން ތުހުމަތުކުރާ ގޮތުގައި މިއީ ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަންގެ ގަވާއިދުތަކާއި ޚިލާފަށް ކެނެޑާއިން ނިންމި ނިންމުމެކެވެ. އަދި ބައިނަލްއަގްވާމީ އިގްތިސާދީ ހަމަތަކާއި ގާނޫނުތަކަށް ރުޖޫއަވެ، ކެނެޑާގެ ނިންމުން ބަދަލުކުރުމަށް ގޮވާލާ ކަމަށް ޗައިނާގެ ކޮމަރސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވިއެވެ.

ޗައިނާގައި އުފައްދާ އީ ވެހިކަލްތަކުން ބޮޑުކުރި ޓެރިފް ނަގަން ފަށާނީ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. އަދި އެކަތަ އާއި އެލުމިނަމްގެ ޓެރިފް ނަގަން ފަށާނީ އޮކްޓޫބަރު 15 އިން ފެށިގެންނެވެ.