ޔަހޫދީން ހިންގަމުން ގެންދާ ލާއިންސާނީ އަނިޔާވެރި ޖަރީމާތަކާ ދެކޮޅަށް، ފަލަސްތީނުގެ ދިފާއުގައި މެދުކެނޑުމެއްނެތި ރާއްޖޭގައި ހުންނަ އެމްބަސީތަކުގެ ކައިރީގައި އަޑުއުފުލަމުން ގެންދިޔަ ދެ އަންހެނުން ދޫކޮށްލުމަށް އަދާލަތު ޕާޓީން މިއަދު ގޮވާލައިފިއެވެ.
އެމްބަސީތަކުގައި ކައިރީގައި އަޑުއުފުލި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ ޢާއިޝަތު ޝާދިޔާ އާއި ޑރ. ޝަޒްރާ އިބްރާހީމެވެ. ޝާދިޔާއަކީ ޑރ. މުހައްމަދު އިޔާޒްގެ އަނބިކަނބަލުނެވެ. ޑރ. ޝަޒްރާއަކީ އެމްއެންޔޫގެ ލެކްޗަރާއެކެވެ.
އެ ދެ އަންހެނުން އިއްޔެ ހައްޔަރު ކުރުމާ ގުޅިގެން، އަދާލަތު ޕާޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އިސްރާއީލާއި އިސްރާއީލަށް ވާގިވެރިވާ ޤައުމުތަކުގެ ޖަރީމާތަކާ ދެކޮޅަށް އަޑު އުފުލުމަކީ ކޮންމެ އިންސާނެއްގެ މައްޗަށް އޮތް އިންސާނީ ޒިންމާއެއް ކަމަށެވެ.
އަޤްޞާ މިސްކިތުގެ ދިފާޢުގައި ކުރެވެން އޮތް ކޮންމެ ކަމެއް ކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ދީނީ ވާޖިބެއް ކަމަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމު ނޫން މީހުން ވެސް މި މައްސަލާގައި، އިންސާނިއްޔަތަށްޓަކާ ވެސް އަޑު އުފުލަމުން ދާ ކަމަށް އަދާލަތުން ބުންޏެވެ.
"ސައްތައިން ސައްތަ މުސްލިމް މި ދައުލަތުގައި އިސްރާއީލާ ދެކޮޅަށް އަޑު އުފުއްލަވަމުން ގެންދެވި ދެ ކަނބަލުން ހައްޔަރު ކުރެވުމަކީ ވަރަށް ނާތަހުޒީބު އަދި ދީނީ ހަމަތަކުން ބެލި ނަމަވެސް ބަލައިގަނެވޭނެ ކަމެއް ނޫނެވެ،" އަދާލަތުން ނެރުނު ބަޔާނުގައިވެއެވެ.
ރާއްޖެއިން އިސްރާއީލުގެ ޕާސްޕޯޓް މަނާ ކުރަން ނިންމި ކަމަށް ބުނެ، މަޖިލީހަށް ހުށަހެޅި ބިލު ކޮމެޓީގައި ޕާކުކޮށްފައި އޮންނަތާ ދެ މަހަކަށް ވުރެ ގިނަ ދުވަސްވެފައިވާތީ އެކަމަށް ފާޑުކިޔައި، އެ ބަޔާނުގައި ބުނެފައި ވަނީ ޙަމާސްގެ ލީޑަރު އިސްމާޢީލް ޙަނިއްޔާ ޝަހީދުކޮށްލުމާ ގުޅިގެން ރަސްމީކޮށް ދިވެހި ދައުލަތުން ޢަމަލު ކުރެއްވި ގޮތުން ރާއްޖޭގެ ސްޓޭންޑު ފަލަސްތީނު މައްސަލާގައި ބަދަލުވެފައިވާ ކަމަށް ބުނުމުގެ ޖާގަ އޮތް ކަމަށެވެ.
"...އިސްރާއީލާ ދެކޮޅަށް އިހުތިޖާޖު ކުރައްވަމުން އައި ދެ ކަނބަލުން ހައްޔަތު ކުރުންފަދަ ކަންކަމުން، ދިވެހި ރައްޔިތުންގެ ހިތްތަކުގައި އިންތިހާ އަށް އަހައްމިއްޔަތުކަން ދެވިފައިވާ މި މައްސަލައިގައި ރައްޔިތުންގެ ވިންދާ ޝުޢޫރާ ދުރަށް ސަރުކާރުން ދަތުރުކުރާކަމަށާއި އަދި ދިވެހި ސަރުކާރުން ފަލަސްޠީނު ޤަޟިއްޔާގައި ޒަމާނުއްސުރެ ގެންގުޅެމުން އައި ރަނގަޅު ހެޔޮ ސްޓޭންޑު ބަދަލުވެފައިވާކަމަށް ބުނުމުގެ ޖާގަ އޮތްކަމުގައި މި ޕާޓީއިން ދެކެމެވެ،" އަދާލަތުގެ ބަޔާނުގައިވެއެވެ.
"މި ފުރުޞަތުގައި، މި ހިނދުން މި ހިނދަށް، ޢާއިޝަތު ޝާދިޔާއާއި ޑރ.ޝަޒްރާ އިބްރާހީމް ދޫކޮށްލައި، ފަލަސްޠީނުގެ ޤަޟިއްޔާގައި ދައުލަތުން ކުރުމަށް ވަޢުދުވެ ވަޑައިގެންފައިވާ ކަންކަން ފުރިހަމަކުރެއްވުމަށް މިޕާޓީގެ ފަރާތުން ގޮވާލަމެވެ."