ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސްތިއުފާ ދެއްވުމަށްފަހު، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު (ސެންބެ)އާ ވެރިކަން ހަވާލު ކުރެއްވުމަށް ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ސެކަރެޓަރީ ޖެނަރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
ޕީއެންއެފްއިން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މަލީހު ރޭ ވިދާޅުވީ ވެރިކަމަށް ވަޑައިގަތުމަށްފަހު، ޑޮލަރުގެ އަގު ދަށް ވަމުންދާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ކަމަށާއި ނަމަވެސް، ޑޮލަރުގެ އަގު ދުވަހެއް ދުވަހަށް މައްޗަށްދާ ކަމަށެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތު ދުވަހެއް ދުވަހަށް، ދަށަށް ދާތީ، އެކަމަށް އިޝާރާތްކޮށް މަލީހު ވިދާޅުވީ "ނުވާވަރު ކަމަކާ ހަވާލުވާން،" އެއްވެސް ރައީސަށް ދަންނަވާފައި ނެތް ކަމަށެވެ. އެހެންކަމުން އެމަނިކުފާނު އިސްތިއުފާ ދެއްވުމަށް މަލީހު ގޮވާލެއްވިއެވެ.
"މުއިއްޒަށް މިކަން ނުވާކަމަށް ވަންޏާ މުއިއްޒު އިސްތިއުފާ ދެއްވަންޖެހޭ. ކާކުތޯ މުއިއްޒު ކައިރީގައި ބުނީ ނުވާވަރު ކަމަކާ ހަވާލުވާށޭ. މުވަންޏާ އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަންނަވާ. ސެންބެ އެބަ ހުރި. ސެންބެ މާ ރަނގަޅަށް [ވެރިކަން] ކުރައްވާނެ އެކަން،" ރައީސް ޔާމީން ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި، އެމަނިކުފާނުގެ އަރިހުގައި އިންނަވައި، މަލީހު ވިދާޅުވިއެވެ.
ސެންބެ، ނައިބު ރައީސްކަމަށް ވަޑައިގެންނެވީ، ރައީސް ޔާމީން އޭނާގެ ނަން ރަނިންމޭޓެއްގެ ގޮތުގައި ހުށަހަޅުއްވައިގެންނެވެ. ސަރުކާރުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ސެންބެއަކީ އިތުބާރު ކުރެވޭ ބޭފުޅެއް ކަމަށް ރައީސް ޔާމީން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ބީއެމްއެލް ރުފިޔާ ކާޑުތަކުން ޑޮލަރުގެ ލިމިޓް އުވާލަން ނިންމި ނިންމުމަކީ "މާލީ ބަގާވާތެއް" ކަމަށް ސަރުކާރުން ބުނަމުންދާތީ، އެކަމަށް އިޝާރާތްކޮށް މަލީހު ވިދާޅުވީ ޑޮލަރުގެ އަގު ދުވަހެއް، ދުވަހަށް އުފުލިގެންދާ ކަމަށާއި ރާއްޖޭގެ ހާލަތު މިދަނީ އަވަށްޓެރި ސްރީލަންކާއަށް ދިމާވި ގޮތަށް ކަމަށެވެ.
ރައީސް ޔާމީން އަވަހާރަކޮށްލުމަށް 2016 ވަނަ އަހަރު ރޭވި ކަމަށް ބުނާ މައްސަލައެއްގެ ރިޕޯޓެއް ތައްޔާރުކޮށް، ޕީއެންއެފްގެ ރޭގެ ޖަލްސާގައި ވަނީ އާންމުކޮށްފައެވެ. ޕްރެޒެންޓޭޝަނެއްގެ ގޮތަށް އެ ރިޕޯޓް އާންމު ޕީއެންއެފްގެ ޖަލްސާއަށް ރޭ ހުށަހެޅުއްވީ ސިފައިންގެ މާލޭ އޭރިއާގެ ކުރީގެ ކޮމާންޑަރު ކެޕްޓަން އަހުމަދު ފަޔާޒު އަލީ ރިޒާ (ޕާޕާ) އެވެ.
މަލީހު ވަނީ އެ މައްސަލަ ތަހުގީގު ކުރުމަށް ސަރުކާރުގެ އިދާރާތަކަށް ގޮވާލައްވާފައެވެ.