ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ދެކޮޅަށް ފުލުހުން މެދުވެރިކޮށް ސަރުކާރުން ޖިނާއީ ތަހުގީގު ހިންގުމަކީ ބޭންކް ހަލާކުވާ ވަރުގެ ކަމެއް ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން މިރޭ ވިދާޅުވެއްޖެއެވެ.

ބޭންކުގެ ޑެބިޓް ކާޑުތަކުން ރާއްޖެއިން ބޭރުގައި ޑޮލަރުގެ މުއާމަލާތްތައް ނުކުރެވޭ ގޮތަށް ބަދަލު ގެންނަން ބީއެމްއެލްއިން އިއްޔެ ނިންމި ނިންމުމަކީ ސަރުކާރު ވައްޓާލަން ރާވައިގެން ކުރި ކަމެއް ކަމަށް ތުހުމަތުކޮށް ފުލުހުން ވަނީ ޖިނާއީ ތަހުގީގެއް ހިންގަން ނިންމައިފައެވެ.

ޕީއެންއެފް އިން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކާ ހިލާފަށް ބޭންކުން އަމަލު ކުރުމުން ރާއްޖޭގެ ގައުމީ ބޭންކުގެ މައްޗަށް އެންމެ ބޮޑު ޖިނާއީ ތުހުމަތުތަކެއް އުފުލައިގެން ތަހުގީގު ހިންގަން ފެށުމަކީ ބޭންކާ މެދު ރައްޔިތުންގެ އިތުބާރު ގެއްލޭނެ ކަމެއް ކަމަށެވެ. އަދި އޭގެ ސަބަބުން ރައްޔިތުންގެ ބޭންކް އެކައުންޓްތަކުގައި ބަހައްޓާފައި ހުރި ފައިސާ ނަގަން ފަށައިފިނަމަ ބޭންކް ހަލާކުވާނެ ކަމަށާއި އެފަދަ ފިޔަވަޅެއް އަޅައިގެން ނުވާނެ އެމަނިކުފާނު ވިދާޅުވިއެވެ.

"ސަރުކާރުގެ ހިއްސާ އެކަންޏެއް ނޫން އޮތީ. ރައްޔިތުންގެ ހިއްސާ ވެސް އޮތް ތަނެއް އެއީ. އެ ހިސާބުން ބޭންކާ ދޭތެރޭގައި އަޅުގަނޑުމެންގެ ކޮންފިޑެންސް އިޝޫއަކަށް ޖާގަ މި ލިބެނީ. އެހެންވެއްޖިއްޔާ އެއީ ވަރަށް ދެރަ މައްސަލައެއް ނެތް. މީހުން ބުނާކަށް ނުޖެހޭނެ. ދެން ހަމަ ޑިޕޮސިޓަރުން ފައިސާ ނެގުމަކީ އެކަށީގެންވާ ކަމެއް."

ޔާމީން ވިދާޅުވީ އެންމެ ބޮޑު ޖިނާއީ ތުހުމަތުކޮށް ޖިނާއީ ތަހުގީގެއް ފުލުހުން ހިންގަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި ފުލުހުން އެކަމުގެ ތެރެއަށް ވަންނަން ޖެހޭނީ ހިޔާނާތް ނުވަތަ މަކަރާއި ހީލަތް އޮތްނަމަ ކަމަށާއި އަދި ބީއެމްއެލްގެ މައްސަލާގައި އެފަދަ ކަމެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ސަރުކާރުގެ ސިޔާސަތާ ދެކޮޅަށް ބޭންކް އޮފް މޯލްޑިވްސްއިން ކުރި ކަމެއް ތަހުގީގުކުރާ ވާހަކަ މި ދައްކަނީ. އެހެންވީމާ އެ ހިސާބަށް ގޮސް އެ މީހުންގެ ތަހުގީގުގެ އަތް އެ ހިސާބަށް ފުޅާކޮށްފި ކަމަށް ވަންޏާ އެއީ ވަރަށް ދެރަވަރު ކަމެއް." ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ބޭންކްތަކުގެ އެތެރޭގެ ހިންގުމަކީ ބޭންކްތަކުގެ ބޯޑަށް އޮންނަ ބާރެއް ކަމަށާއި އެކަމުގެ ތެރެއަށް ސަރުކާރުގެ ތެރެއަށް ނުވަދެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ސަރުކާރަކީ ބޭންކްގެ ހިއްސާދާރެއް ކަމަށް ވިޔަސް ސަރުކާރުން ކަންކަން ކުރެވޭނީ ސަރުކާރުން ބޯޑަށް އައްޔަން ކޮށްފައިވާ ޑިރެކްޓަރުން މެދުވެރިކޮށް ކަމަށް ޔާމީން ވިދާޅުވިއެވެ.

"ރައީސުލް ޖުމްހޫރިއްޔާގެ ބާރު ބޭންކް އޮފް މޯލްޑިވްސްގެ މައްޗަށް ހިންގައިގެން ނުވާނެ." ޔާމީން ވިދާޅުވިއެވެ.

ބޭންކްތަކުގެ ބޯޑަށް ސިޔާސީ މީހުން އައްޔަން ކުރެވޭ ގޮތަށް ގަވާއިދަށް ގެނެސްފައިވާ އިސްލާހާ ގުޅިގެން ޔާމީން ވިދާޅުވީ ބޭންކްތަކުގެ ބޯޑްތަކަކީ މުހިންމު ނިންމުންތަކެއް ނިންމާ ބަޔަކަށް ވާތީ އެތަންތަނުގައި ސިޔާސީ މީހުން ތިބެގެން ނުވާނެ ކަމަށެވެ.