ކޮވިޑް 19ގެ އާލަމީ ވަބާއަށް ފަހު ސަރުކާރުގެ ކޭޝްފްލޯ މެނޭޖްކުރުމަށްޓަކައި ފައިސާ ޗާޕްކުރުމުގެ ސަބަބުން ބޭންކިން ނިޒާމުގައި ރުފިޔާ ސާޕްލަސް ލިކުއިޑިޓީ އިތުރުވެފައިވާ ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ބުނެފިއެވެ.

އެމްއެމްއޭ އިން މިފަދައިން ބުނެފައި މިވަނީ ބީއެމްއެލްގެ ރުފިޔާ އެކައުންޓުތަކަށް ދޫކޮށްފައިވާ ކާޑުތަކުން ރާއްޖެއިން ބޭރުގެ ޓްރާންސެކްޝަންތަކަށް މިއަދުން ފެށިގެން ބޭނުން ނުކުރެވޭ ގޮތަށް ބަދަލު ކުރުމަށްފަހު އެ ނިންމުން ވަނީ މުރާޖާ ކޮށްފައެވެ. އެގޮތަށް މުރާޖާ ކުރީ އެމްއެމްއޭ އިން އަންގައިގެން ކަމަށް ބީއެމްއެލް އިން ބުންޏެވެ.

އެކަމާއި ގުޅިގެން އެމްއެމްއޭ އިން ނެރެފައިވާ ނޫސް ބަޔާނެއްގައި އެ އިދާރާ އިން މިރޭ ބުނީ ފާއިތުވި ޖުލައި މަސް ނިމުނު އިރު ބޭންކިން ނިޒާމުގައި ސާޕްލަސް ލިކުއިޑިޓީ ހުރީ އެވްރެޖްކޮށް 6.7 ބިލިއަން ރުފިޔާގައި ކަމަށެވެ. މީގެ ތެރެއިން ބޮޑު ބައެއް ހިއްސާ ކުރަނީ ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލްގައި ކަމަށްވެސް އެމްއެމްއޭ އިން ބުންޏެވެ.

ސާޕްލަސް ލިކުއިޑިޓީގެ ބޮޑުބައެއް ޕާސަނަލް ލޯނުގެ ގޮތުގައި ބޭންކުތަކުން ދޫކޮށްފައިވާ ކަމަށްވެސް އެމްއެމްއޭ އިން ބުންޏެވެ. އެގޮތުން ބޭންކިން ނިޒާމުގެ ތެރެއިން ދޫކޮށްފައިވާ ޕާސަނަލް ލޯނުގެ މިންވަރު 2019 ވަނަ އަހަރު ނިމުނު ހުރީ 2.9 ބިލިއަން ރުފިޔާގައެވެ. މިއަދަދު މިއަހަރުގެ ޖޫން މަސް ނިމުނުއިރު ހުރީ 6.6 ބިލިއަން ރުފިޔާގައެވެ.

އެމްއެމްއޭ އިން ބުނީ މިއީ ކާޑުގެ މުއާމަލާތްތައް މި މުއްދަތުގެ ތެރޭގައި އިތުރުވުމަށް ދިމާވި ސަބަބެއް ކަމަށް ބެލެވެއެވެ.

އެމްއެމްއޭ އިން ބޭންކުތަކަށް ޑޮލަރު ދޫކުރާ މިންވަރު އަހަރުން އަހަރަށް އިތުރުކޮށްފައިވާކަން ވެސް އެ އިދާރާ އިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން 2022 ވަނަ އަހަރު ނިމުނު އިރު ބޭންކުތަކަށް 267 މިލިއަން ޑޮލަރު ވިއްކާފައިވާއިރު 2023 ވަނަ އަހަރު ނިމުނުއިރު މި އަދަދު ވަނީ 307 މިލިއަނަށް އިތުރުވެފައެވެ. ހަމަ އެއާއެކު މިއަހަރުވެސް މި އަދަދު ވަނީ އިތުރުކޮށްފައެވެ. މީގެ ތެރެއިން ވެސް ބޮޑު ބައެއް ދޫކޮށްފައި ވަނީ ބީއެމްއެލް އަށެވެ.

ބީއެމްއެލްގެ ކާޑުތަކުން ރާއްޖެއިން ބޭރު މުއާމަލާތްތައް މެނޭޖްކުރުމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ގުޅޭގޮތުން މައުލޫމާތު ހޯދައި އެކަންކަމަށް ހައްލެއް ހޯދުމުގެ ގޮތުން އެކި ފަހަރުމަތިން ބީއެމްއެލް އާއިއެކު އެމްއެމްއޭ އިން ބައްދަލުކޮށްފައިވާ ކަމަށްވެސް އެމްއެމްއޭ އިން ބުންޏެވެ.

"މިގޮތުން ކޮވިޑް 19ގެ އާލަމީ ވަބާއަށް ފަހު އެކިއެކި ބޭނުންތަކަށް ބޭރުގެ ފައިސާއިން ކުރާ ކާޑުގެ މުއާމަލާތްތަކުގެ މިންވަރު ވަރަށް ބޮޑުތަނުން އިތުރުވެފައިވާކަން އެ ބޭންކުން ވަނީ ފާހަގަކޮށްފައެވެ." އެމްއެމްއޭ އިން ބުންޏެވެ.

ބީއެމްއެލްގެ ކާޑުގެ ޕޭމަންޓްސް މެނޭޖްކުރުމުގައި ގޮންޖެހުންތަކެއް ހުރިނަމަވެސް މާލީ ގޮތުން ބޭންކް އޮތީ ވަރަށް ރަނގަޅު ހާލަތެއްގައިކަން އެމްއެމްއޭ އިން ފާހަގަކުރެއެވެ.