އަހަރުގެ މިހާތަނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ލިބިފައި ވަނީ 60 މިލިއަން ޑޮލަރު ކަމަށާއި ނަމަވެސް ކާޑުތަކުން ކޮށްފައިވާ މުއާމަލާތްތައް އެ އަދަދަށްވުރެ ތިންގުނަ ބޮޑު ކަމަށް އެ ބޭންކުގެ ސީއީއޯ ކާރލް ސްޓުމްކަ ވިދާޅުވެއްޖެއެވެ.

އޭނާ މިފަދައިން ވިދާޅުވެފައި މިވަނީ ބީއެމްއެލްގެ ރުފިޔާ އެކައުންޓުތަކަށް ދޫކޮށްފައިވާ ކާޑުތަކުން ރާއްޖެއިން ބޭރުގެ ޓްރާންސެކްޝަންތަކަށް މިއަދުން ފެށިގެން ބޭނުން ނުކުރެވޭ ގޮތް ހެދުމާއި ގުޅިގެންނެވެ.

ބީއެމްއެލްގެ ނޫސްބަޔާނުގައި ބުނެފައި ވަނީ އެ ބަދަލު ގެނެސްފައި ވަނީ ކާޑުން ކުރެވޭ ބޭރުގެ މުއާމަލާތްތަކުގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދާ ކަމަށާއި ނަމަވެސް ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާގެ އަދަދު އެއް މިންވަރެއްގައި ހިފެހެއްޓިފައިނުވާ ކަމަށެވެ.

ރުފިޔާ އެކައުންޓުތަކަށް ބީއެމްއެލުން ދޫކޮށްފައިވާ ކާޑުތަކުގެ ތެރެއިން ހަމައެކަނި ޑޮލަރު ދެން ނެގޭނީ ސްޓޭންޑަރޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތަކުންނެވެ. އެ ކާޑުން ވެސް ނެގޭނީ މަހެއްގެ މައްޗަށް ހަމައެކަނި 100 ޑޮލަރެވެ.

ނަމަވެސް ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓުގެ ގޮތުގައި ޑޮލަރު އެކައުންޓެއް ކަނޑައަޅާފައިވާނަމަ، ބޭރުގެ ޓްރާންސެކްޝަންތައް ހެދޭނެއެވެ.

އެ ބަދަލާއި ގުޅިގެން ކާރލް ސްޓުމްކަ ވިދާޅުވީ މިއަހަރުތެރޭ ކަސްޓަމަރުން އަތުން ބޭންކަށް ގަންނަން ލިބުނީ ގާތްގަނޑަކަށް 60 މިލިއަން ޑޮލަރު ކަމަށާއި އެހެން ނަމަވެސް ކާޑުތަކުން ކުރެވުނު މުއާމަލާތްތަކުގެ އަދަދު މީގެ ތިން ގުނަ ބޮޑުވެފައިވާ ކަމަށެވެ.

"ކާޑު ބޭނުންކުރާ މިންވަރު އިތުރުވުމަކީ ވިޔަފާރިތަކަށް ބޭންކުން ދޫކުރާ ބޭރު ފައިސާގެ އަދަދު ނުހަނު ބޮޑު މިންވަރަކަށް ދަށްވެގެންދާކަމެއް. ތަފާސްހިސާބަށް ބަލާއިރު ކާޑުތައް ބޭނުންކޮށްގެން މައިގަނޑުކޮށް ކުރާ ދަތުރުތަކާއި އޮންލައިން ވިޔާފާރިތަކަށް ވުރެ އިގްތިސާދީ މުހިންމު ހަރަކާތްތަކަށް ބޭންކުން ހޭދަކުރާ ބޭރު ފައިސާގެ މިންވަރު 75 ޕަސެންޓު ދަށް." އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން ބޭންކުގެ އެންމެ މަތީ މަސްލަހަތަކީ ޑިޕޮސިޓަރުންނަށް ރައްކާތެރިކަން ދިނުން ކަމަށް އޭނާ ވިދާޅުވިއެވެ. ކާރލް ވިދާޅުވީ ބޭންކަށް ގަންނަން ނުލިބޭ އަދަދެއް ބޭންކަށް ނުވިއްކޭނެ ކަމަށެވެ. އަދި ބީއެމްއެލް އިން ދޫކޮށްފައިވާ ޑޮލަރު ކްރެޑިޓް ކާޑުންނާއި ޑެބިޓް ކާޑެއް ބޭނުންކޮށްގެން ޑޮލަރު އެކައުންޓުން ކުރިއެކޭ އެއްގޮތަށް އެކައުންޓްގައި ޑޮލަރު ހުރި މިންވަރަކަށް ކަސްޓަމަރުންނަށް މުއާމަލާތްތައް ކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

"މަހުން މަހަށް ކެނޑޭ ބޭރުގެ މުއާމަލާތްތައް މެދު ނުކެނޑި ހިންގުމަށްޓަކައި ކަސްޓަމަރުންގެ ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓް ޑޮލަރު އެކައުންޓަށް ބަދަލުކުރުމަށް އިލްތިމާސްކުރަން،" ކާރލް ވިދާޅުވިއެވެ.

ކާރލް ވިދާޅުވީ ބޭންކުން މިއަދު ގެނެވުނު ބަދަލަކީ ކަސްޓަމަރުންނަށް ނުހަނު ބޮޑު އަސަރެއްކުރާނެ ބަދަލެއްކަން ގަބޫލުކުރާ ކަމަށެވެ. ނަމަވެސް އެ ފިޔަވަޅަކީ މުހިންމު އިގްތިސާދީ ހަރަކާތްތަކަށް ބޭނުންވާ ބޭރު ފައިސާ މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި މިވަގުތުގެ ހާލަތަށް ބަލައި ބޭންކުން ކޮންމެހެން އަޅަންޖެހުނު ފިޔަވަޅެއް ކަމަށް ވިދާޅުވިއެވެ.