ރާއްޖެ ގެންނަ ބިދޭސީން އެކްސްޕްލޮއިޓް ކުރާ ދިވެހިން ޖޫރިމަނާކޮށް ޕާސްޕޯޓު ހިފަހައްޓާނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން، ގަވައިދާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނާ ދެކޮޅަށް މަސައްކަތް ކުރާ ޓާސްކް ފޯހެއް އެކުލަވާލާ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އެ މަސައްކަތުގެ ދަށުން މިފަހަކަށް އައިސް އިމިގްރޭޝަނުން ބަލާ ފާސްކުރާ ތަންތަނުގައި ބިދޭސީން ކާބޯތަކެތި ތައްޔާރުކޮށް އެތަކެތީގެ ވިޔަފާރި އަންނަނީ ކުރަމުންނެވެ. އެހެންކަމުން ޓާސްކް ފޯހަށް އިތުރު އިދާރާތައް ވަނީ އިތުރުކޮށްފައެވެ. އެއީ އިކޮނޮމިކް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީއެވެ.
އެ ދެ މިނިސްޓްރީއާ ހޯމްލޭންޑް މިނިސްޓްރީއާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިހުސާން ވިދާޅުވީ މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި މަސާޖު ޕާލާއެއް ހިންގުމަށް ހުއްދައެއް ދެވިފައި ނުވާނެ ކަމަށެވެ. މަސާޖުގެ ހިދުމަތް ދެމުން އަންނަނީ ސެލޫންތަކުގެ ނަމުގައި ހުޅުވައިގެން ހުންނަ ތަންތަނުން ކަމަށް އިހުސާން ވިދާޅުވިއެވެ.
"އެހެންވީމަ އެހިސާބުން އެއޮތީ އަސްލު މިހާރު ވިޔަފާރި ބަންދު ކުރެވޭނެ ހާލަތު އައިސްފައި. އެއީ ހުއްދަ ނުދޭ މަސައްކަތެއް އެތަނުގައި ކުރުން،" އިހުސާން ވިދާޅުވިއެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ދެން ޓާސްކް ފޯހުން ވަންނަ ކޮންމެ ތަނެއްގައި ހުއްދަ ނުދޭ ހިދުމަތްތަކެއް ނުވަތަ އެހެން ކަމެއް ނަމަވެސް އެތަނެއްގައި ކުރާނަމަ ދެން އެތަނެއް ބަންދު ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ އެފަދަ ތަންތަނުގެ އަޑީގައި ތިބޭ ދިވެހިންނާއި މެދުވެސް ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
"ދެ އޭންގަލް އަކުން އަޅުގަނޑުމެން ފިޔަވަޅުތައް އަޅާނެ. އެއް ކަމަކީ ހިއުމަން ޓްރެފިކިން އޭންގަލް އިން އަޅުގަނޑުމެން ތަހުގީގު ކުރަން ފަށާނަން. ހަށިވިއްކުން ކަހަލަ ކަމެއް ފާހަގަވެއްޖިއްޔާ. ދެވަނަ ކަމަކީ ގަވާއިދާ ހިލާފަށް ހުއްދަ ނެތި ވިޔަފާރިއެއް ކުރުން. މީގެތެރެއިން މިނިސްޓްރީ [އިކޮނޮމިކް މިނިސްޓްރީ]ގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް ޓާސްކް ފޯސް އިން އައިޑެންޓިފައި ކުރެވި އަޅަމުން ގެންދާނެ،" އިހުސާން ވިދާޅުވިއެވެ.
ބިދޭސީން އެކްސްޕްލޮއިޓް ކުރާ ދިވެހިން 50،000 ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް އެމީހެއްގެ ޕާސްޕޯޓު ވެސް ހިފަހައްޓާނެ ކަމަށް މިނިސްޓަރު އިހުސާންގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.