ކުޅިވަރު ކުރިއެރުވުމުގައި ބައި ޤަރުނަށްވުރެ ގިނަދުވަހު ޤައުމަށް ޚިދުމަތްކޮށްދެއްވާފައިވާ މަޝްހޫރު ފުޓްބޯޅަ ރެފްރީ މައްލާ ޅަތުއްތު އަވަހާރަވެއްޖެއެވެ.

އޭނާ އަވަހާރަވީ އިންޑިއާގެ ޓްރިވެންޑްރަމްގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް، މިއަދު މެންދުރުއެވެ.

ފީފާ ބެޖު ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ހާސިލުކުރެއްވި ފުރަތަމަ ދިވެހި ރެފުރީއަކީ މައްލާއެވެ. މައްލާ ވަނީ 1969 އިން 1995 އަށް ރެފުރީކަން ކުރައްވާފައެވެ. އޭނާ ފީފާ ބެޖުގައި ރެފުރީކަން ކުރައްވާފައި ވަނީ 1990 އިން 1993 އަށެވެ.

މައްލާ ވަނީ އޭޝިއަން ކުލަބު ޗެމްޕިއަންޝިޕާއި، ސާފް ގޭމްސް އާއި، ސްރީ ލަންކާގެ ފުރަތަމަ ޑިވިޝަނުގައި ވެސް ރެފުރީކަން ކުރައްވާފައެވެ. މައްލާ ވަނީ ދިވެހި ކުޅިވަރަށް ޚިދުމަތްކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު 2021 ވަނަ އަހަރު ހާސިލުކުރައްވާފައެވެ.

އޭނާ އަވަހާރަވުމުގެ ހިތާމައިގައި ރައީސުލްޖުމްހުރިއްޔާ ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ އޭނާ އަވަހާރަވުމަކީ ދިވެހި ކުޅިވަރުގެ ދާއިރާއަށް ފޫނުބެއްދޭނެ ބޮޑު އުނިކަމެއް ކަމަށެވެ.

" ކުޅިވަރު ކުރިއެރުވުމުގެ ރޮނގުން ޤައުމީ ހިތްވަރުދިނުމުގެ އިނާމާ، ޤައުމީ ޝަރަފްވެރިކަމުގެ އިނާމާ، އަދި ދައުލަތަށް ދިގުމުއްދަތަކު ޚިދުމަތްކުރެއްވުމުގެ އިނާމާ، ކުޅިވަރުގެ ލައިފް އެޗީވްމަންޓް އެވޯޑްވެސް ޙާޞިލްކުރައްވާފައިވާ ޤަައުމީ ޚިދުމަތުގެ ނަމޫނާ ޝަޚްޝިއްޔަތެއްކަމުގައިވާ މައްލާ ޅަތުއްތު އަވަހާރަވި މި ހިތާމަވެރި ވަގުތު، އެ މަރުޙޫމުގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި، ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދެމެވެ،" ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ.

"މާތް ﷲ ގެ ތަނަވަސް ރަޙުމަތާއި މަޣުފިރަތުގައި، އަދި ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރުޙޫމް މައްލާ ޅަތުއްތު ލަހައްޓަވާށިއެވެ. އާމީން،"