އެފްރިކާގައި ފެތުރެމުންދާ އެމްޕޮކްސް ވައިރަލް ބަލީގެ އާ ވޭރިއަންޓާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އެންމެ މަތީ ފެންވަރުގެ އެލާޓް ކަމަށްވާ ޕަބްލިކް ހެލްތު އިމަޖެންސީ އޮފް އިންޓަނޭޝަނަލް ކޮންސާން (ޕީއެޗްއީއައިސީ) އިއުލާނުކޮށްފިއެވެ.
ޑަބްލިއުއެޗްއޯ އިން ބުދަ ދުވަހު ބުނީ އެފްރިކާގެ 13 ގައުމަކުން އެމްޕޮކްސް ކޭސްތައް ފެނިފައިވާ ކަމަށާއި އޭގެ އާ ވޭރިއަންޓެއް ފެތުރެމުން އަންނަ ކަމަށެވެ. މިއީ ފާއިތުވި ދެ އަހަރުގެ ތެރޭގައި އެ ޖަމިއްޔާއިން ބަލީގެ އެލާޓް ނެރުނު ދެވަނަ ފަހަރެވެ.
މިގޮތަށް ޑަބްލިއުއެޗްއޯ އިން ނިންމީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރުސީ) ގައި ފެތުރެމުންދާ ވައިރަލް އިންފެކްޝަން އަވަށްޓެރި ގައުމުތަކަށް ފެތުރެން ފެށުމާ ގުޅިގެންނެވެ.
"މިއަދު އިމަޖެންސީ ކޮމެޓީން އަޅުގަނޑާއި ބައްދަލުކޮށް ލަފާ ދިނީ އެ ކޮމެޓީގެ ނަޒަރުގައި މި ހާލަތަކީ ބައިނަލްއަގުވާމީ ގޮތުން ކަންބޮޑުވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމަށް. އެ ލަފާ އަޅުގަނޑު ބަލައިގެންފިން،" ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިޔޭސުސް ވިދާޅުވިއެވެ.
އަދި މިއީ ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް ސަމާލުކަން ދޭންޖެހޭ އަދި ކަންބޮޑުވާން ޖެހޭ ފަދަ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި ކުރިޔަށް އޮތް ދުވަސްތަކުގައި އެ ބައްޔާއި ގުޅޭ އިތުރު ދިރާސާތައް ކުރަމުން ގެންދާނެ ކަމަށް ވިދާޅުވިއެވެ.
އެފްރިކާ ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން ބުނީ މިއަހަރުގެ މިހާތަނަށް އެފްރިކާ ކޮންޓިނެންޓްގައި އެމްޕޮކްސް އަށް ޝައްކުކުރެވޭ 17،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެ 517 މީހުން މަރުވެފައިވާ ކަމަށާއި އަދި މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 160 ޕަސެންޓް އިތުރު އަދަދެއް ކަމަށެވެ.
ގައިން ގަޔަށް ފެތުރޭ މި ބަލީގައި ފެންކޮށް ހުންނަ ބިހިތަކެއް ގައިގައި ނަގައެވެ. އަދި އެންމެ ފުރަތަމަ މި ބަލި ޖެހުމުން އަންނަނީ ގަދަ ހުމެކެވެ. މި ބައްޔަށް ފަރުވާ ދެވި ރަނގަޅު ކުރެވެއެވެ. ނަމަވެސް ބަލީގައި މީހުންގެ ފުރާނައަށް ނުރައްކާވާ ހާލަތާ ވެސް ކުރިމަތިވެއެވެ.