ޓައިވާނުން އަމިއްލައަށް ޤާއިމްކުރާ ސެޓެލައިޓް ވިއުގަ ގާއިމް ކުރުމުގެ މަސައްކަތް އެގައުމުން ބާރަށް ކުރިއަށް އެބަގެންދެއެވެ.

ޓައިވާނުން ސްޕޭސް އެކްސްގެ ސްޓާރލިންގް ސެޓެލައިޓް ވިއުގައާއި ދާދި އެއްގޮތް، އެގައުމުގެ އަމިއްލަ ސެޓެލައިޓް ވިއުގައެއް ގާއިމްކުރުމަށް ނިންމީ ޗައިނާއާއެކު އޮތް ނުތަނަވަސްކަން އިތުރުވެ، ދެގައުމުގެ ދޭތެރޭގައި ހަނގުރާމައެއް ކޮށްފާނެކަމުގެ ބިރު އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

ޓައިވާނުން ބުނީ އެ ގައުމުގެ އަމިއްލަ ސެޓެލައިޓް ވިއުގައެއް ގާއިމްކުރުމުގެ ބޭނުމަކީ ދިމާވެދާނެ ކުއްލި ހާލަތްތަކުގައި ބޭނުންކުރުމަށް އިތުބާރުހިފޭ ސެޓެލައިޓް ވިއުގައެއް ގާއިމްކުރުން ކަމަށެވެ.

އިންޓަނެޓްގެ މައްޗަށް އިގްތިސާދީ ހަރަކާތްތައް ވަރަށް ބޮޑަށް ބަރޯސާވެފައިވާއިރު، ޓައިވާނަށް މިހާރު އިންޓަނެޓް ދެމުންދަނީ 15 ސަބްމެރިން ކޭބަލް މެދުވެރިކޮށެވެ. ސަބްމެރިން ކޭބަލްތަކަކީ ކަނޑުގެ އަޑިން އަޅާފައިވާ ކޭބަލްތަކަކަށްވުމުން، ކަނޑުގެ އަޑިއަށް އަންނަ ލޮޅުންތަކުގެ ސަބަބުންނާއި، ބޯޓު ފަހަރުތަކުގެ ހަރަކާތްތައް ހުންނަ ގޮތުން އެ ކޭބަލްތަކަށް ގެއްލުން ލިބި، އިންޓަނެޓްގެ ޚިދުމަތަށް ބުރޫ އެރުމުގެ ފުރުސަތު އޮވެއެވެ.

މިދިޔަ އަހަރުވެސް، ސަބްމެރިން ކޭބަލެއްގައި ބޯޓެއްގެ ނަގިލި އަޅައިގެން ލިބުނު ގެއްލުންތަކެއްގެ ސަބަބުން ޓައިވާނުގެ އައްސޭރިފަށުގައިވާ އެ ގައުމުގެ ބައެއް ޖަޒީރާތަކަށް އިންޓަނެޓް ނުލިބި 2 ހަފްތާ ދިޔައެވެ. އިންޓަނެޓްގެ ބެކަޕެއްގެ ގޮތުގައި ބައެއް ޤައުމުތަކުން ސްޕޭސް އެކްސްގެ ސްޓަރލިންކް ޚިދުމަތް މިހާރު ބޭނުންކުރިނަމަވެސް، ސްޓަރލިންކްގެ ޚިދުމަތް ޓައިވާނަށް ދިނުމަށް ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ.

ސްޕޭސް އެކްސްއިން ބޭނުން ވަނީ ސްޓަރލިންކްގެ ޚިދުމަތް ދިނުމަށް ޓައިވާން ސަރުކާރާ އެކު ކުންފުންޏެއް އުފައްދައި، އެ ކުންފުނީގެ މައި ޙިއްސާދާރަށް ވާށެވެ. ނަމަވެސް ޓައިވާނުގެ ޤާނޫނުތައް އޮތްގޮތުން މިއީ ކުރެވޭނެ ކަމެއް ނޫނެވެ.

ޓައިވާނުން އަމިއްލަ ސެޓެލައިޓް ވިއުގައެއް ގާއިމްކުރަމުންދާއިރު، ޗައިނާއާއެކު ދެމެދު އޮންނަ ނުތަނަވަސްކަން މިއިން ޒަމާނަކު ގޯސްނުވާ ވަރަށް ވަނީ ގޯސްވެފައެވެ. ޗައިނާއިން ގަބޫލުކުރާ ގޮތުގައި ޓައިވާނަކީ ވަކިވެގަނެގެން އުޅޭ ޗައިނާގެ ޕްރޮވިންސެކެވެ. އަދި ޓައިވާނަކީ ޗައިނާގެ ފުރިހަމަ ސިޔާދަތީ ބާރު ހިނގާތަނަކަށް ހެދުމަކީ ޗައިނާގެ ވެރިކަންކުރާ ޕާޓީގެ އަމާޒެކެވެ. ޓައިވާނުގެ މިނިވަން ދައުލަތް ގަބޫލުނުކޮށް، 'ވަން ޗައިނާ' ސިޔާސަތަށް ގައުމުތަކުން ތާއީދުހޯދުމަކީ ޗައިނާގެ ޚާރިޖީ ސިޔާސަތުގެ އެންމެ މުހިއްމު އެއް އަސާސްވެސްމެއެވެ.