މި ސަރުކާރުގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އަބުރު ކަތިލުމަށް އެއްވެސް އަސްލެއް ނެތް ވީޑިއޯ އެއް އުފައްދައިގެން އެ ވީޑިއޯ ދައުރު ކުރުމަކީ ނާތަހުޒީބު އަމަލެއްގެ ގޮތަށް އެމްޑީޕީގެ ރައީސް އަދި ކުރީ ސަރުކާރުގެ ފޮރިން މިނިސްޓަރު ޝާހިދު ސިފަ ކުރައްވައިފިއެވެ.

އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ކޮންމެ މީހަކީވެސް އިންސާނީ ކަރާމާތެއް އޮންނާނެ މީހެއް ކަމަށާއި ކޮންމެ މީހެއްގެވެސް މައިންބަފައިންނާއި ފިރިންނާއި އަނބި ދަރިން އަދި އާއިލާއެއް އޮންނާނެ ކަމަށެވެ. ސިޔާސީ އޮއިވަރުގައި ނުވަތަ ޖަޒުބާތާއި ނަފްރަތުގައި ޖެހި އަނެކާގެ އަބުރާއި އިއްޒަތް ވެއްޔާއި މޮޑެލުމަށް ހަގީގަތާއި ހިލާފު ވާހަކަތައް އުފައްދައި، ފެތުރުމަކީ ތަހުޒީބީ އިންސާނަކު ކުރާނެ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އަބުރު ކަތިލުމަށް އަސްލެއް ނެތް ވީޑިޔޯ އުފެއްދުމަކީ ނާތަހުޒީބު އަމަލެއް. އަދި ހަމަ އެފަދައިން އެކި ފަރާތްތަކުގެ އަބުރު ކަތިލުމަށް ހަގީގަތާއި ހިލާފު ދޮގު ވާހަކަ ފެތުރުމަކީ ވެސް ބަލައިގަނެވިގެންވާނެ ކަންކަމެއް ނޫން،" ޝާހިދުގެ ޕޯސްޓުގައި ވިދާޅުވިއެވެ.

އެފަދަ އަމަލުތައް ކުށްވެރިކުރުމުގެ ހިތްވަރު ކޮންމެ މީހެއްގެ ކިބައިގައިވެސް ހުންނަން ޖެހޭ ކަމަށާއި އަމިއްލަ މަންފާއަށްޓަކައި ވަކި ބަޔަކު މުޅި މުޖުތަމައުގެ ފޭރާން ވީދާ ހަރާބު ކުރާއިރު އެކަމާއި ދެކޮޅަށް ބަސް ނުބުނެ ތިބެގެން ނުވާނެ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ޝާހިދުގެ އެ ޕޯސްޓާ ގުޅިގެން އެމަނިކުފާނަށް ޝުކުރު އަދާ ކުރެއްވުމަށް ޝަހީމް ވެސް އެކްސްގައި ޕޯސްޓެއް ކުރެއްވިއެވެ. ވިދާޅުވީ ޝާހިދު ދެއްވި ހިތްވަރަށް ޝުކުރު ދަންނަވާ ކަމަށާއި އަދި އެމަނިކުފާނު އަބަދުވެސް ބަހައްޓަވާ ގާތްކަމުގެ އަގުވަޒަން ކުރައްވާ ކަމަށެވެ.

ޝަހީމާ ގުޅޭ ގޮތުން އެފަދަ ވާހަކަތަކެއް ފެތުރި "ހަސަން ކުރުސީ"ގެ ނަމުގައި ހިންގަމުންދާ އެކްސް އެކައުންޓަކުންނެވެ. ނަމަވެސް އެކަމުގައި ގިނަ ބަޔަކު ޝަހީމްގެ ދިފާއުގައި ތެދުވުމުން އެ އެކައުންޓުން ވަނީ ފަހުން މައާފަށް އެދިފައެވެ.

ޝަހީމާ ގުޅޭ ގޮތުން "ކުރުސީ" ދާދިފަހުން އާންމުކުރީ ބަދުއަހުލާގީ ވީޑީއޯއެކެވެ. އެ ވީޑިއޯ އާންމުކުރިތާ މާ ގިނަ އިރުތަކެއް ނުވަނީސް އެއީ އެޑިޓްކޮށްފައިވާ އެއްޗެއްކަން ވަނީ ފަޅާއަރާފައެވެ. އެ ވީޑިއޯއަކީ އަސްލު ގެއްލުވާލައި، ޝަހީމްގެ ސިފަ ޖައްސައިގެން ހަދާފައިވާ ވީޑިއޯއެއްކަން ފަޅާއެރީ އޮރިޖިނަލް ވީޑިއޯގައި އުޅޭ ދެ މީހުންގެ ފޮޓޯ އާއި ވީޑިއޯ ހުރި ވެބްސައިޓުތައް "އެކްސް"ގައި އާންމުވުމުންނެވެ.