މަލޭ ސިޓީ ކައުންސިލްގެ ބައި-އިލެކްޝަންސް ކާމިޔާބުކުރެއްވި ތިން ކައުންސިލަރުން މަގާމުގެ ހުވާ މިއަދު ކުރައްވައިފިއެވެ.

މާލެ ސިޓީ ކައުންސިލްގެ ތިން ކައުންސިލަރަކު މަޖިލިސް މެމްބަރުކަމަށް ވަޑައިގެންނެވުމުން، އެ ކައުންސިލުން ހުސްވި ތިން ގޮނޑި ކާމިޔާބު ކުރައްވާފައި ވަނީ ޕީއެންސީން ވާދަ ކުރި ކެންޑިޑޭޓުންނެވެ. އެގޮތުން މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލަރު ކަމަށް ފާތިމަތު އިޝާން އަލީ އާއި ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރު ކަމަށް ފާތިމަތު ޝައުފާ ސަލީމުގެ އިތުރުން ހުޅުމާލެ ދާއިރާގެ ކައުންސިލަރު ކަމަށް އަލީ އައިމަން ވަނީ އިންތިހާބުވެފައެވެ.

އެ ބޭފުޅުން މަގާމުގެ ހުވާ ކުރެއްވީ "މީރުމާ"ގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައެވެ.

ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް މިނިސްޓަރު އާދަމް ޝަރީފު ބައިވެރިވެވަޑައިގެންނެވި އެ ހަފްލާގައި މާލޭގެ މަޖިލިސް މެންބަރުންނާއި މާލޭގެ މޭޔަރު އާދަމް އާޒިމް ބައިވެރިވެވަޑައިގެންނެވިއެވެ.

ކައުންސިލަރުންނަށް އިލްތިމާސް ކުރައްވައި، އާޒިމް ވިދާޅުވީ މާލެ ސިޓީގެ ކަންކަމުގެ ސިޔާސަތު ކަނޑައެޅުމުގައި އޭނާއަށް އެހީތެރިކަން ދެއްވައި، އެއްބާރުލުން ދެއްވުމަށް އެދޭ ކަމަށެވެ.

"ތިޔަ މެންބަރުގެ ދާއިރާގެ ރައްޔިތުން ބޭނުންފުޅުވާ ކަންކަން، ދަތިވާ ކަންކަން ދެނެގަނެ، ސިޓީ ކައުންސިލާއި ހަމައަށް އެކަންތައް ގެނެސް، މަޝްވަރާކޮށް، އެކަމުގެ ހައްލުތައް ހޯދުމަށް އަޅުގަނޑާއި ގުޅިގެން މަސައްކަތްކޮށްދެއްވުން، ސިޔާސަތުތަށް ކަނޑައަޅާ ދެއްވުމުގައި އެހީތެރިވެދެއްވުން،" މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވިއެވެ.