އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާ ގުޅޭ ގޮތުން، ދޮގު ވާހަކަތަކާއި އެޑިޓްކޮށްފައިވާ ވީޑިއޯ ފަތުރަމުންދަނިކޮށް، އޭނާގެ ދިފާއުގައި ގިނަ ބަޔަކު ނުކުތުުން، އެ ވާހަކަތައް ފެތުރި "ހަސަން ކުރުސީ" ވެސް މައާފަށް އެދިއްޖެއެވެ.

ޝަހީމާ ގުޅޭ ގޮތުން "ކުރުސީ" ދާދިފަހުން އާންމުކުރީ ބަދުއަހުލާގީ ވީޑީއޯއެކެވެ. އެ ވީޑިއޯ އާންމުކުރިތާ މާ ގިނަ އިރުތަކެއް ނުވަނީސް އެއީ އެޑިޓްކޮށްފައިވާ އެއްޗެއްކަން ވަނީ ފަޅާއަރާފައެވެ. އެ ވީޑިއޯއަކީ އަސްލު ގެއްލުވާލައި، ޝަހީމްގެ ސިފަ ޖައްސައިގެން ހަދާފައިވާ ވީޑިއޯއެއްކަން ފަޅާއެރީ އޮރިޖިނަލް ވީޑިއޯގައި އުޅޭ ދެ މީހުންގެ ފޮޓޯ އާއި ވީޑިއޯ ހުރި ވެބްސައިޓުތައް "އެކްސް"ގައި އާންމުވުމުންނެވެ.

އެ ވީޑިއޯ އާންމުކުރުމުގެ ކުރިން ކުރުސީ ވަނީ ޝަހީމްގެ ތައުލީމީ ފެންވަރާމެދު ސުވާލު އުފައްދަވައި، އޭނާގެ ޕީއެޗްޑީއަކީ ސައްހަ އެއްޗެއް ނޫން ކަމަށް ބުނެފައެވެ. އިންޓަނެޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިޔާ (އައިއައިޔޫއެމް)އިން ޕީއެޗްޑީ ހާސިލު ކުރެއްވުމަށް ޝަހީމް ހުށަހެޅުއްވި ތީސިސްގައި މަދު ކުށްތަކެއް ކުރުމުން، އެކަން ފާހަގަކޮށް، ޝަހީމަށް ފާޑުކިޔަން ފެށުމުން، އެކަމުގެ ދިފާއުގައި ނުކުންނެވީ އެނާގެ ސިޔާސީ ވާދަވެރިންނެވެ.

ސިޔާސީ ގޮތުން ހިޔާލުތަފާތުވެ، ޝަހީމާ ފެޔަށް ޖެހިފައިވާ ޑރ. މުހައްމަދު އިޔާޒާއި ޝެއިހް އިލްޔާސް ހުސައިން ވަނީ ޝަހީމްގެ ދިފާއުގައި ވާހަކަ ދައްކަވާފައެވެ.

ޝަހީމާ ގުޅޭ ގޮތުން އާންމުކުރި "ފޭކް ވީޑިއޯ"އާ ގުޅިގެން މައާފަށް އެދި ކުރުސީ އެކްސްގައި ވަނީ ބަޔާނެއް އާންމުކޮށްފައެވެ. އެ ބަޔާނުގައި އޭނާ ބުނެފައި ވަނީ އެފަދަ ވީޑިއޯއެއްގެ ސަބަބުން ޝަހީމަށާއި އޭނާގެ އަނބިކަނބަލުންނާއި ދަރިފުޅަށް ކުރިމަކުރެވުނު ނުތަނަވަސްކަމަށް މައާފަށް އެދޭ ކަމަށެވެ.

ޝަހީމްގެ ދިފާއުގައި "އެކްސް" އާއި "ފޭސްބުކް"ގައި ގިނަ ބަޔަކު ދަނީ ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވެސް ވަނީ ޝަހީމްގެ ދިފާއުގައި ވާހަކަ ދައްކަވާފައެވެ.

މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު (ޓޮމް) ވިދާޅުވެފައި ވަނީ ސިޔާސީ ގޮތުން ހިޔާލު ތަފާވިޔަސްް، ނަފްރަތު ކުރިޔަސް ހައްދުން ބޭރަށް ގޮސްގެން ނުވާނެ ކަމަށެވެ.

މީގެ އިތުރުން ވެސް ގިނަ ބަޔަކު ވަނީ ޝަހީމްގެ ދިފާއުގައި ވާހަކަ ދައްކާފައެވެ.