އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ޕީއެޗްޑީއަކީ ފޭކެއް ކަމަށް ބުނެ، ބަޔަކު ފަތުރަމުންދާ ވާހަކައަކީ ދޮގެއް ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް)އިން މިނިސްޓަރު ޝަހީމާ އެކު، ޕީއެޗްޑީ ހާސިލު ކުރެއްވި އިޔާޒް މިއަދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިނިސްޓަރުގެ ޢިލްމީ ފެންވަރާއި ހުނަރުވެރިކަމަކީ އެކަމާ މެދު ސުވާލު އުފެއްދުމުގެ ޖާގައޮތް ކަމެއް ނޫން ކަމަށެވެ.

މީގެ 10، އަހަރު ކުރިން، މެލޭޝިޔާގެ އިސްލާމިކް ޔުނިވާސިޓީން މިނިސްޓަރު ޝަހީމް ދަސްވެނިވެފައި ވަނީ އޭނާ ހުށަހެޅުއްވި ތީސިސް ފާސްވެފައި ވަނީ ކުދި އިޞްލާޙު ތަކާ އެކު ކަމަށާއި އެއީ މަދު ކެނޑިޑޭޓެއް ފިޔަވާ ހުރިހާ ބޭފުޅުންނަށް ވެސް ލިބޭނެ އެންމެ މަތީ މާރކްސް ކަމަށް އިޔާޒު ވިދާޅުވެފައިވެއެވެ.

މެލޭޝިޔާގެ އިސްލާމިކް ޔުނިވާސިޓީން ޑރ. ޝަހީމް ދަސްވެނިވި ރަސްމިއްޔާތު.

"ވީމާ ޝަހީމްގެ ޕީއެޗްޑީ ވައިވާ އިން ފާސް ނުވާ ކަމަށާއި ގެންގުޅުއްވަނީ ފޭކް ސެޓްފިކެޓެއް ކަމަށް ދެކެވޭ ވާހަކައަކީ ޙަޤީޤަތާ ޚިލާފު ދޮގު ވާހަކައެއް. 2013 ވަނަ އަހަރު އަޅުގަނޑާއި ޑރ ޝަހީމްގެ އަދި ޑރ މުނީޒާ ދަސްވެ ނިމުނީ އެކީގައި،" ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ހިލޭސާބަކަށް ގިނަ މަސައްކަތްތަކެއް ކުރައްވާ އިޔާޒު ވިދާޅުވެފައިވެއެވެ.

ޝަހީމްގެ ދިފާއުގައި ދީނީ އިލްމުވެރިޔާ ޝެއިހް އިލްޔާސް ހުސައިން ވެސް ވަނީ ވާހަކަ ދައްކަވައި، ދަސްވެނިވުމުގެ ރަސްމިއްޔާތަށްފަހު ޝަހީމާ އެކު ނެންގެވި ފޮޓޯ ޝޯޝަލް މީޑިއާގައި ޕޯސްޓުކޮށްފައެވެ.

ޝަހީމުގެ ތައުލީމީ ގާބިލުކަމާ މެދު ސުވާލު އުފައްދައި، ވާހަކަ ދައްކަމުންދަނިކޮށް، ޝަހީމްގެ ދިފާއުގައި އިޔާޒު ވާހަކަ ދައްކަވާފައި މި ވަނީ އެ ދެ ބޭފުޅުންގެ ސިޔާސީ ގުޅުން ގޯސްވެފައިވަނިކޮށެވެ. ދެބޭފުޅުންގެ މެދުގައި އުފެދުނު ދެބަސްވުންތަކެއްގައި ބަހުގެ ހަމަލާތަކެއް ސޯޝަލް މީޑިއާގައި ދާދިފަހުން ވަނީ ރައްދު ކުރައްވާފައެވެ. އަދި އެ ކަންތައް އެގޮތަށް ދިމާވެފައި ވަނިކޮށް، އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގައި އިޔާޒް ނަންގަވާދެއްވާ ގުރުއާން ތަފްސީރު ކްލާސްތައް އެހެންތަނަކަށް ބަދަލު ކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އަންގާފައެވެ.

ދެ ބޭފުޅުންގެ ގުޅުން ގޯސްވެފައިވާ މި ދަނޑިވަޅުގައި ޝަހީމްގެ ދިފާއުގައި އިޔާޒް "އެކްސް"ގައި ކުރެއްވި ޕޯސްޓް ނިންމަވާލެއްވީ ކީރިތި ގުރުއާނުގެ ސޫރަތުލް މާއިދާގެ އަށް ވަނަ އާޔަތެއްގެ މާނައާ އެކުގަވެ.

"ތިޔަބައިމީހުންގެ މެދުގައި އުފެދިފައިވާ ރުޅިވެރިކަމެއް އެއީ ތިޔަބައިމީހުން ޢަދުލުވެރިނުވުމަށް ބާރުއަޅާކަމެއް ކަމުގައި ނުހަދާށެވެ. ތިޔަބައިމީހުން ޢދުލުވެރިވާށެވެ. އެގޮތް ތަޤްވާވެރިކަމާއި ގާތެވެ."