ތިން ބާރު ވަކިވެފައިވާ ނިޒާމެއްގެ ތެރެއިން ރާއްޖޭގެ ވެރިކަން ހިންގަމުން އައި ނަމަވެސް ރައްޔިތުން މަޖިލީހުގެ މަސައްކަތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑަށް ބާރު ފޯރުވަމުން އަންނަ ކަމަށް އިދިކޮޅު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕް އިން ތުހުމަތު ކުރައްވައިފިއެވެ.
މަޖިލީހުގެ މަސައްކަތްތަކާއި ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާ ކުރުމަށް މިއަދު އެމްޑީޕީގެ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (މާއްޓޭ) ވިދާޅުވީ މިއަދު މަޖިލީހުން އެޗްއާރްސީއެމް އަށް އައްޔަން ކުރުމަށް ފާސްކުރި ބޭފުޅާ އަކީ އެ މަގާމަށް ގާބިލް އެތައް ބޭފުޅުންތަކެއް ކުރިމަތިލާފައި ވަނިކޮށް ސީދާ ރައީސް މުއިއްޒު ބޭނުންފުޅުވެގެން ފޮނުއްވި ނަމެއް ކަމަށެވެ.
އޭނާ ވަނީ އެ މަގާމަށް ގާބިލް އެތައް ބަޔަކު ކުރިމަތިލާފައި ވަނިކޮށް، އެންމެ ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުއްވާ ހަމައެކަނި އެބޭފުޅާ އެ މަގާމަށް އައްޔަން ކުރުމަށް މަސައްކަތް ކުރެވިގެން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވިދާޅުވެފައެވެ.
"ސީދާ ރައީސުލްޖުމްހޫރިއްޔާ ބޭނުންވާ ބޭފުޅަކު ރައްޔިތުންގެ މަޖިލީހުން ކަނޑައެޅޭ ގޮތަށް ރަބަރު ސްޓޭމްޕް ޖަހައިގެން ރައްޔިތުން މަޖިލީހުގެ ކަންކަން ކުރިޔަށް ގެންދެވޭ ގޮތަށް އަމަލުތައް ބައްޓަން ކުރާ ގޮތް، އަޅުގަނޑުމެންނަށް މި ފެންނަނީ ރައީސް މުއިއްޒުގެ ބާރު ވަރަށް ބޮޑަށް މަޖިލިސް ހިންގުމުގެ ތެރެއަށް ފޯރުވާ މަޖިލީހަކީ ރައީސުލްޖުމްހޫރިއްޔާ ބޭނުން ގޮތަކަށް މަޖިލިސް ބަދަލުވެގެން ދާތަން،" މާއްޓޭ ވިދާޅުވިއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވީ ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުން ގެނެސްފައިވާ އިސްލާހަކީ ވެސް ވަރަށް ބޮޑެތި ކަންބޮޑުވުންތައް ހުރި އިސްލާހެއް ކަމަށެވެ. ބިދޭސީ މަސައްކަތްތެރިން ގެނައުމާއި ގުޅޭ ގޮތުން ހުށަހަޅާފައިވާ އިސްލާހާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ނާޒިލް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ބިދޭސީންގެ މައްސަލަ އެންމެ ބޮޑަށް ފެންމަތިވެ، އަދި ބިދޭސީން ގެނައުމާ ގުޅޭ ގޮތުން ބޮޑެތި ޖަރީމާތައް ހިންގާފައި ހުރީ ޕީޕީއެމްގެ ކުރީގެ ވެރިކަމުގައި ކަމަށެވެ.
އެގޮތުން އިމިގްރޭޝަން ތެރެއިން ހަދާފައިވާ ގޯސްތަކުގެ ސަބަބުން ވަރަށް ގިނަ އަދަދެއްގެ ބިދޭސީން ރާއްޖެ އެތެރެވެފައިވާކަން 19ވަނަ މަޖިލީހުން އޭރު ކުރި މަސައްކަތްތަކުގެ ތެރެއިން ފާހަގަކުރެވުނު ކަމަށް ނާޒިލް ވިދާޅުވިއެވެ.
މަހިތަށް އަރާ މީނާ ކިތަމެ ވަރަކަށް ޕްރޮމޯޓް ވާންވެގެން ދޮގުވާހަކަ ދެއްކިޔަސް ތިބަލައެއް ނުގަންނާނެ ކަން މިހާރުވެސް ފޮނިއަގަ ތަޅުވާނީ
ދޮންދުބުރިމާ