ވަކި ޕާޓީއެއްގެ ބަޔަކީ ރާއްޖޭގެ މިނިވަންކަން ނަގާލުމަށް މަސައްކަތް ކުރާ ބައެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ހުއްޓާލަން ޖެހޭ ކަމަށް އިދިކޮޅު ޕާޓީ، އެމްޑީޕީގެ ރައީސް ޝާހިދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ 59ވަނަ މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅިގެން މިއަދު "ރާއްޖެ ޓީވީ"ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ މިނިވަން ދުވަހު ކުރަންވީ ކަމަކީ ނަފްރަތު އުފެއްދުމާއި މީހުންގެ ހިތުގައި ބިރުވެރިކަން އުފެއްދުން ހުއްޓާލުން ކަމަށެވެ. އަދި މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކަށް އެކަން ކުރުން ހުއްޓާލަން ގޮވާލައްވާކަމަށް ޝާހިދު ވިދާޅުވިއެވެ.

"ނަފްރަތުގެ ސިޔާސަތުތައް، ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެއްދުމުގެ ސިޔާސަތުތައް. ރައްޔިތުން ވަކި ގޮތަކަށް ސިޔާސީ ގޮތުން ލޭބަލްކުރުމުގެ ސިޔާސަތުތައް ހުއްޓާލަންވީ. ގައުމީ ކަންތައްތައްތަކުގައި ވަކި ހަމައެއްގައި ހުރިހާ ސިޔާސީ ޕާޓީތަކަށް އެއްބަސް ވެވެން ޖެހޭނެ" ޝާހިދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެންމެންނަކީ ދިވެހިންކަމަށް އެއްބަސް ވެވެން ޖެހޭ." ޝާހިދު ފާހަގަކުރެއްވިއެވެ.

ހުރިހާ ސިޔާސީ ޕާޓީއެއްގެ މަގްސަދަކީ އިސްލާމް ދީން ހިމާޔަތްކޮށް، ދިވެހިރާއްޖެ މިނިވަން ދައުލަތެއްގެ ގޮތުގައި ބޭއްވުންކަން އެއީ އެންމެންނަށް އެއްބަސްވެވެން ޖެހޭ ކަންކަން ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި އެ ފިކުރުތަކާ ދެކޮޅަށް މަސައްކަތްކުރާ އެއްވެސް ސިޔާސީ ޕާޓީއެއް ރާއްޖޭގައި ނެތް ކަމަށާއި އެވިސްނުންތަކާ ދެކޮޅަށް ޝައުގުވެރިވެގެން އުޅޭ ޕާޓީއެއްވެސް ނެތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފިތުނަ އުފެއްދުމަށްޓަކައި އެފަދަ ވާހަކަތައް ދެއްކުމަކީ މިނިވަން ދުވަހު އެކަމާ ދެކޮޅު ހަދަން ޖެހޭ ކަންކަން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، މިނިވަންކަމަކީ ބައިބައިވެގެން ހިފެހެއްޓޭނެ އެއްޗެއް ނޫން ކަމަށާއި މިނިވަންކަމަކީ އެންމެން އެކަތިގަނޑަކަށް ވެގެން ހިފެހެއްޓޭނެ އެއްޗެއްކަމަށް ޝާހިދު ވިދާޅުވިއެވެ.