ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމުގެ މަގާމުން އެޓާނީ ޖެނަރަލް (އޭޖީ) ވަކިކުރުމަށް ސަރުކާރުން ހުށަހެޅުމުން، އެނގެނީ ނުފޫޒެއް ނެތި މިނިވަންކަމާ އެކު މުއައްސަސާތައް ހިންގުމުގެ ފުރުސަތު ދިނުމުގެ ހެޔޮ ނިޔަތް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު އޮތް މިންވަރު ކަމަށް ސަރުކާރަށް ތާއިދު ކުރާ މަޖިލިސް މެމްބަރުން މިއަދު ވިދާޅުވެއްޖެއެވެ.
ބާ ކައުންސިލް މިހާރު އެކުލެވިގެން ވަނީ ނުވަ މެމްބަރުންގެ މައްޗަށެވެ. އެޓަރނީ ޖެނަރަލް ފިޔަވައި، އެހެން ހުރިހާ މެމްބަރުންނަކީ އެ ކައުންސިލަށް އިންތިހާބު ކުރާ މެމްބަރުންނެވެ. ސަރުކާރުން އަލަށް ހުށަހެޅި އިސްލާހުގައި ވަނީ އޭޖީ އެ ކައުންސިލަށް އިންތިހާބު ކުރަން ނުޖެހޭނެ ކަމަށެވެ. އޭނާގެ ބަދަލުގައި އިތުރު ވަކީލަކު އައްޔަން ކުރަން ބިލުގައި ހުށަހަޅާފައިވެއެވެ.
ގާނޫނީ ފަންނުގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ ސަރުކާރުން ހުށަހެޅި އިސްލާހުގެ ސަބަބުން މުސްތަގިއްލު ބަޔަކަށް ބާ ކައުންސިލް ވެގެންދާ ކަމަށެވެ.
"މާނައަކީ ސަރުކާރުގެ އެއްވެސް ނުފޫޒެއް ދެނެއް ނުވަންނާނެއޭ. ވަންނަން ހުރި ދޮރުތައް މަޑުމަޑުން އިސްލާހު ކުރަމުން މި ނިޒާމަކީ އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރަކީ ރައްޔިތުން އިތުބާރު ކުރާ ދާއިރާއަށް ހެއްދެވުމުގެ މަސައްކަތް އެ ނިޔަތް މިއަދުގެ ރައީސުލްޖުމްހޫރިއްޔާގެ އޮތް ކަން ދަލީލު ކޮށްދޭ ވަރަށް ބޮޑު ހެއްކެއް،" ޝުޖާއު ވިދާޅުވިއެވެ.
މަތިވެދި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވިދާޅުވީ ވެރިކަމުގެ ކުރީކޮޅު އެފަދަ ބިލެއް ހުށަހެޅުއްވީ ޝަރުއީ ދާއިރާ ހަގީގީ މާނައިގައި މިނިވަން ކުރެއްވުމުގެ ބޭނުމުގައި ކަމަށާއި ރައީސް މުއިއްޒުގެ އަތްޕުޅުގައި އޮތް ބާރުތަކެއް ދޫކޮށްލައްވަމުން އެ ގެންދަވަނީ ޒަމާނީ ޑިމޮކްރަސީއަށް ފެތޭ ގޮތަށް ކަމަށެވެ.
"އަދުލު އިންސާފު ގާއިމު ކުރުމުގައި ކުރިއަރާފައިވާ ގައުމުތަކުގެ ނަމުނާއާ އެއްގޮތަށް، އެ ގައުމުތަކުގެ ގާނޫނުތައް ހުރި ގޮތަށް މި ރާއްޖެ މި ދަނީ ތަރުތީބު ކުރަމުން،" އަމިއްލަ މެމްބަރެއްގެ ގޮތުގައި އިންތިހާބުވެވަޑައިގަތުމަށްފަހު، ޕީއެންސީއަށް ސޮއިކުރެއްވި ޒަރީރު ވިދާޅުވިއެވެ.
ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދ ހިލްމީ ވިދާޅުވީ އެ ބިލުން އެނގިގެންދަނީ މުއައްސަސާތަކަށް ސަރުކާރުން އަތް ބާނަން ބޭނުންނުވާ މިންވަރު ކަމަށެވެ.
"އަމިއްލަ ބާރެއް ތަނެއްގައި އޮއްވާ އެ ބާރެއް ނަގާނީ ވަރަށް އިހްލާސްތެރިކަމާ އެކު މަސައްކަތް ކުރައްވާ ބޭފުޅުން. އެގޮތުން މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިކަމަށް މި ދެއްވި ހާއްސަކަން އެމަނިކުފާނުގެ ތެދުވެރިކަމާއި އިހްލާސްތެރިކަމަށް ހާއްސަ ޝުކުރެއް ދަންނަވަން،" ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ވިދާޅުވިއެވެ.
ސަރުކާރުގެ ފަރާތުން ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ހުސައިން ޝަރީފު މަޖިލީހަށް މިއަދު ހުށަހެޅުއްވި ބިލުގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިދިނުމުގައި ގެންގުޅޭ އުސޫލަށް ބަދަލު ގެނައުމަށް ހުށަހަޅާފައިވެއެވެ. އެގޮތުން ރަސްމީ އިދާރާތަކުންނާއި ރަޖިސްޓްރީކޮށްފައިވާ ކިޔަވައިދޭ މަރުކަޒުތަކުން ދޫކުރާ ލިޔުންތަކުގަ އާއި ބޭރު ގައުމުތަކުގައި ބޭނުންކުރުމަށްޓަކައި ދިވެހިންނަށް ބައެއް ބާވަތުގެ ލިޔެކިޔުންތަކުގައި ޑިޕްލޮމެޓިކް މިޝަންތަކުން އަސްލާ އެއްގޮތަށްކަމުގެ ތައްގަނޑު ޖަހައިދުނުގެ ހުއްދަ ދިނުމަށް ބިލުގައި ހުށަހަޅާފައިވެއެވެ.