އެއްވެސް ދަރިވަރެއްގެ ކިޔެވުމަށް ބުރޫއަރާ ފަދަ ކަމެއް މެދިވެރިވިޔަ ނުދިމުނަށް، ކުރެވެން އޮތް ކޮންމެ ކަމެއް ދިވެހި ސަރުކާރުން ކުރާނެ ކަމުގެ ޔަގީންކަން ދީފިއެވެ.

ރާއްޖެ އިން ބޭރުގައި ތައުލީމު ހާސިލް ކުރަމުން އަންނަ ދަރިވަރުންނަށް ސަރުކާރުން ލިބެންޖެހޭ ފައިސާ ލިބުމުގައި ލަސްތަކެއް އުޅޭ ކަމުގެ މައްސަލަތަކެއް މި ދެތިން ދުވަހު ވަނީ ފެންމަތިވެފައެވެ. އެ މައްސަލަ މިއަދު އެމްޑީޕީގެ ފަރާތުން މަޖިލީހަށް ކުއްލި މައްސަލައެއްގެ ގޮތުގައި ވެސް ހުށަހެޅިއެވެ. ނަމަވެސް ޕީއެންސީގެ މެޖޯރިޓީ އޮންނަ މަޖިލީހުން އެ މައްސަލަ ވަނީ ބޭރު ކޮށްލައިފައެވެ.

ސޯޝަލް މީޑިއާގައި ވެސް އެކަމުގެ ވާހަކަތައް އެކި ފަރާތްތަކުން ދައްކަމުން އަންނަ ދަނޑިވަޅެއްގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސަރުކާރުން އެހީ ފޯރުކޮށްދީގެން، ރާއްޖެ އާއި ރާއްޖޭން ބޭރުގައި 2163 ދަރިވަރަކު މިވަގުތު ކިޔަވަމުން ގެންދާ ކަމަށެވެ. އެ ދަރިވަރުންގެ ކޯސްފީ އާއި ލިވިން އެލަވަންސާއި އެހެނިހެން ހަރަދުތައް ހަމަޖެހިފައިވާ އުސޫލުން، ކަނޑައެޅިފައިވާ މުއްދަތައް ބަރާބަރަށް، ދެއްކުމަކީ އެ މިނިސްޓްރީން އަބަދުމެ ކުރަމުން އަންނަ ކަމެއް ކަމަށް ވެސް ބުންޏެވެ.

"ނަމަވެސް ބައެއްފަހަރު ބައެއް ޕޭމަންޓްތައް ޖަމާވުމުގައި ލަސްތަކެއްވާ ކަމަށް ގަބޫލުކުރަމެވެ. އެއީ މިއަދަކު އެކަނިވި ކަމެއް ނޫނެއެވެ. މީގެ ކުރިން ވެސް މިފަދަ ހާލަތްތައް މެދުވެރިވެފައި އެބަހުއްޓެވެ. އާއްމުކޮށް ޕޭމަންޓްތައް ލަސްވުމުގައި ދިމާވާ މައިގަނޑު ސަބަބަކީ ކަނޑައެޅިފައިވާ ވަގުތަށް، މި މިނިސްޓްރީއަށް ލިބެންޖެހޭ ލިޔެކިއުންތައް ލަހުން ލިބުމާއި ދަރިވަރު ކިޔަވަމުން ދާކަން، ޔުނިވާސިޓީން ނުވަތަ ކޮލެޖުން ކަށަވަރު ކުރުމުގައި ނަގާ ވަގުތެވެ" މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ ދަރިވަރުންނަށް ފޯރުކޮށްދޭންޖެހޭ އެފަދަ ހިދުމަތްތައް އޮޓެމޭޓްކޮށް، ކުދިން ކިޔަވަމުންދާކަން ވެރިފައި ކުރަން އޮންނަ ޕްރޮސެސް، މިހާރަށްވުރެ ހަލުވިކޮށް، އެކުދިންނަށް ދެވޭ ހިދުމަތުގެ އެފިޝެންސީ އިތުރުކުރެވޭނެ ގޮތްތަށް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އެހެންކަމުން، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ އެންމެހައި ދަރިވަރުންނަށް، ދޭންއޮތް ޔަގީންކަމަކީ އެއްވެސް ދަރިވަރެއްގެ ކިޔެވުމަށް ބުރޫއަރާފަދަ ކަމެއް މެދިވެރިވިޔަ ނުދިމުނަށް، ކުރެވެންއޮތް ކޮންމެކަމެއް ދިވެހިސަރުކާރުން ކުރާނެކަމެވެ. ސަރުކާރުން އަބަދުވެސް އިސްކަންދޭނީ ދިވެހި ދަރިން ހެއުގޮތުގައި ބިނާކޮށް، މި ގައުމު އާރާސްތުކުރުމުގައި އެ ދަރިންގެ ހިއްސާ އިތުރު ކުރުމެވެ" ހަޔާ އެޑިއުކޭޝަނުން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ ދަރިން ބިނާކުރުމުގެ މިފަދަ އަދި މުހިއްމު މަސައްކަތަކާއި ގުޅުވައިގެން، ހަގީގަތް އޮޅޭ ފަދަ ގޮތަކަށް، ރާއްޖޭގެ ބައެއް މީޑިއާތަކުން ހަބަރުތައް ގެނެސްދިނުމަކީ އެ މިނިސްޓްރީން ކަންބޮޑުވެ، ހިތާމަކުރާ ކަމެއް ކަމަށެވެ.

އަދި އެ މިނިސްޓްރީގެ އިލްތިމާސަކީ ދަރިވަރުންގެ ކަންކަމާއި ގުޅުވައިގެން އާއްމުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދޭގޮތަށް، ހަބަރު ފަތުރާ ވަސީލަތްތަކުން އަމަލު ކުރުން ކަމަށްވެސް ބުނެފައިވެއެވެ.