ރާއްޖޭގައި އިންޑިއާ ސިފައިން އަދިވެސް އެބަ ތިބި ކަމަށް ޕީއެންއެފް އާއި ކުރީގެ ރައީސް ޔާމީން ވިދާޅުވަމުން ގެންދަވާ ވާހަކަތައް ދޮގު ނުކުރައްވާ މިހާރުގެ ޑިފެންސް މިނިސްޓަރު "ހަނު" ހުންނަވަނީ އިތުރުފުޅު ހައްދަވަން ބޭނުންފުޅު ނުވާތީ ކަމަށް ޔާމީން ވިދާޅުވެއްޖެއެވެ.

ޕީއެންއެފް އިން އެޕާޓީގެ އޮފީހުގައި ބޭއްވި "ފްރަންޓް އޮފީސް ޖަލްސާ"ގައި ޔާމިން ވިދާޅުވީ މިވަގުތު ރާއްޖޭގައި ތިއްބެވި ސިޔާސީ ލީޑަރުންގެ ތެރެއިން އިންޑިއާ އެބޭފުޅެއްގެ ދެކެ އެންމެ ހިތްހަމަނުޖެހޭ ސިޔާސީ ލީޑަރަކަށް ހުންނެވި ހަމައެކަނި ބޭފުޅަކީ އެމަނިކުފާނު ކަމަށެވެ. އެހެން އެއްވެސް ސިޔާސީ ލީޑަރަކު އެ ވާހަކަ ނުދައްކަވާ ކަމަށާއި ނަމަވެސް ޔާމީންގެ ސަރުކާރުގެ ހޯމް މިނިސްޓަރުކަމުގައި ހުންނެވި އުމަރު ނަސީރު ފާޅުކަން ބޮޑު ގޮތެއްގައި އެވާހަކަ ދައްކަވާ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ޔާމީން ވިދާޅުވީ އޭރު ޕީޕީއެމް/ޕީއެންސީ އެމަނިކުފާނު ލީޑު ކުރެއްވިއިރު ކުރިޔަށް ގެންދިޔަ "އިންޑިއާ އައުޓް" ކެމްޕެއިންގައި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އުޅުއްވީ އަދި "އިންޑިއާ އައުޓް" ޓީޝާޓް ތުރުކުރެއްވީ ހިތާ ދެކޮޅަށް ކަމަށް ޕީއެންސީގެ މަޖިލިސް މެންބަރަކު ވިދާޅުވުމުން ރައީސް މުއިއްޒު ދިވެހި ގައުމު ދެކެ ލޯބިފުޅުނުވާކަން ހާމަވާ ކަމަށެވެ.

ޕީއެންސީގެ ޖަގަހަ ޖަލްސާއެއްގައި އެގޮތަށް ވިދާޅުވެ ވާހަކަދެއްކެވީ ޕީއެންސީގެ މަޖިލިސް މެންބަރު ހުސައިން ޝަރީފް (ހުސައިންބެ)އެވެ. ޔާމީން ވިދާޅުވީ އޭރު ހުޅުމާލޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަން އޮފީސް ކައިރިއާ އިންޑިއާ ހައި ކޮމިޝަނަރު ދިރިއުޅުއްވާ ގެކޮޅު ކައިރީގައި "އިންޑިއާ އައުޓް" މުޒާހަރާ ލީޑު ކުރެއްވި ބޭފުޅަކީ ހުސައިންބެ ކަމަށެވެ.

ޖަލްސާ އަށް ހާޒިރުވާ ފަރާތްތަކަށް ސުވާލު ކުރެވޭ ގޮތަށް ޕީއެންއެފް އިން ކުރިޔަށް ގެންދާ އެ ޖަލްސާގައި އިންޑިއާ ސިފައިންގެ މައްސަލާގައި ޔާމީން ކުރިމަތި ކުރުވި ސުވާލުތަކަށް ޖަވާބު ދެއްވީ އެމަނިކުފާނު ސަރުކާރުގެ ފުރަތަމަ ނާއިބު ރައީސް އަދި ޔާމީންގެ ގާނޫނީ ވަކީލުން ޓީމުގައި ހިމެނިވަޑައިގަންނަވާ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ.

ޖަމީލް ވިދާޅުވީ މިހާރު އިންޑިއާގެ ވާހަކަތައް ސަރުކާރުން ނުދައްކާ ކަމަށެވެ. އަދި އިންޑިއާއާ ގުޅޭ ގޮތުން މިއަދު ސަރުކާރުގައި ތިއްބެވި ބޭފުޅުން ދެއްކެވި ވާހަކަފުޅުތައް ވެސް މިއަދު ހަނދުމަފުޅުގައި ނެތް ކަމަށް ވެސް ވިދާޅުވިއެވެ. އިތުރަށް ވިދާޅުވީ އިންޑިއާ ސިފައިން ބޭލުމަށްފަހު މިލިޓަރީ ހެލިކޮޕްޓަރާއި މަތިންދާ ބޯޓު ދުއްވަން ސިވިލިއަނުން ގެނައި ކަމަށް ބުނާ ވާހަކައަކީ ގިނަ ބަޔަކު ގަބޫލުކުރާ ވާހަކައެއް ނޫން ކަމަށެވެ. މީގެއިތުރުން ޖަމީލް ވަނީ މިއަދުގެ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވެސް އެ މައްސަލާގައި ގައްސާން "ހަނު" ހުންނެވުމަކީ އަދިވެސް އިންޑިއާ ސިފައިން ތިބޭ ކަމަށްބުނެ ޕީއެންއެފް އާއި ރައީސް ޔާމީން ދައްކަވާ ވާހަކައަކީ ތެދުކަން ހާމަވާ ކަމެއް ކަމަށް ވިދާޅުވެފައެވެ.

"މިއީ މިހާރު ހުރި ޑިފެންސް މިނިސްޓަރަކީ ގައްސާން މައުމޫން. ދެން ވަރަށް ތަރުބިއްޔަތާއެކު ހުންނެވި ބޭފުޅެއް. އަޅުގަނޑު ކައިރި މަސައްކަތް ކުރެއްވި. އެހެންވީމާ ޑރ. ޖަމީލް ދެންމެ ތި ނެރުއްވި ރިފަރެންސަށް އަޅުގަނޑު ހަމަ ތާއީދު ކުރަން. ގައްސާނެއް މިވަރު ކަމެއްގައި ކަނޑައެޅިގެން [އިންޑިއާ ސިފައިންގެ މައްސަލަ] ޕަބްލިކުގައި ދޮގެއް ނުހަދާނެ. ގައްސާނެއް ދޮގެއް ނުހަދާނެ،" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ އެކަމުގައި މިވަގުތަށް ގައްސާނަށް އޮތް ގޮތަކީ އެއްޗެއް ވިދާޅުނުވުން ކަމަށެވެ. އަދި ވަކި އެއްޗެއް ވިދާޅުވާން ބޭނުންފުޅު ނުވާތީ ގައްސާން ހަނު ހުންނަވަނީ ކަމަށް ޔާމީން ވިދާޅުވިއެވެ.