ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) ހުސައިން ޝަމީމް އަމިއްލައަށް އެދިގެން ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ، މެމްބަރުންނަށް މައުލޫމާތު ދިނުމަށް ބޭއްވި ޖުޑީޝަރީގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުން ވަކިހިސާބަކުން ސިރުކޮށްފިއެވެ.

ޖުޑިޝަރީ ކޮމިޓީ ބައްދަލުވުން ސިއްރު ކުރަން ނިންމީ ކޮމިޓީއަށް ގޮސް ތިބި، މީޑީއާތަކުގެ ހާޒިރުގައި ބައެއް މައުލޫމާތު ހާމަކުރަން ދަތި ކަމަށް ފާހަގަކޮށް، ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.

"...ރައްޔިތުންނާ ގުޅުންހުރި ވަރަށް މުހިއްމު މައުލޫމާތުތަކެއް ވެސް އަޅުގަނޑުމެން އެބަޖެހޭ ޕީޖީއާ ހިއްސާކޮށްލުމަށް އަދި ޕީޖީގެ ފަރާތުން ވެސް އަޅުގަނޑަށް ހީވަނީ ބައެއް އުނދަގޫ ދަތި ޖަވާބުތަކެއް އަރުވަން އެބަޖެހޭހެން،" ކޮމިޓީ ސިއްރު ކުރަން ހުށަހަޅުއްވަމުން ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) ވިދާޅުވިއެވެ.

ޝާހު ހުށަހަޅުއްވައި، ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު އަޝްރަފު ރަޝީދު ތާއިދާ އެކު، ކޮމެޓީ ސިއްރު ކުރީ ކޮމިޓީގައި ތިއްބެވި މެމްބަރުންގެ އިއްތިފާގުންނެވެ.

ކޮމެޓީ ސިއްރު ކުރުމުގެ ކުރިން ޝަމީމް ވިދާޅުވީ މެމްބަރުންނާ ބައްދަލުކޮށްލުމަށް މަޖިލީހުގައި އެދިވަޑައިގެންނެވީ "މިހާރުގެ ހާލަތު" ކިޔައިދިނުމަށާއި ޕީޖީ އޮފީހުގެ މަސައްކަތް ކުރިއަށްދާ ގޮތް ކިޔައިދެއްވުމަށް ކަމަށެވެ.

"މިދިޔަ ހަތަރު، ފަސް އަހަރެއްގައި ވަރަށް ބޮޑަށް އިސްވެންޓު ކުރެވިއްޖެ، އިންފްރާސްޓްރަކްޗަރަކަށް އައިޓީ ދާއިރާއަށް. މިއަދު އަޅުގަނޑުމެންގެ ޕްރޮސެކިއުޓަރު ހުންނަ ތަނެއް، ހުންނަ ރަށެއް އެއްގޮތަކަށް ވެސް މުހިއްމެއް ނުވޭ. ހުރިހާ ލިޔުންތަކެއް އޮންލައިންކޮށް ފެނިވަޑައިގަންނަވާނެ. ހުރިހާ ލިޔުންތަކަކަށް އެކްސެސްވާނެ. އޮންލައިންކޮށް ކޯޓަށް ހާޒިރުވުމަށްޓަކާ އެބޭފުޅަކު ހުންނަވާ ތަނެއް އެއްގޮތަކަށް ވެސް މުހިއްމެއް ނުވޭ،" ޝަމީމް ވިދާޅުވިއެވެ.

ނިމިދިޔަ 19 ވަނަ މަޖިލީހުގެ އެމްޑީޕީގެ މެޖޯރިޓީގައި ޕީޖީގެ މަގާމަށް އައްޔަން ކުރި ޝަމީމްގެ މަގާމުގެ މުއްދަތު ހަމަވާނީ މިއަހަރުގެ ޑިސެމްބަރު 8 ވަނަ ދުވަހުއެވެ.