ރާއްޖެ އަށް މިހާރު ދިމާވެފައިވާ މާލީ ދަތިކަމުން އަރައިގަތުމަށްޓަކައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހަރަދު ކުރުމަށްޓަކައި ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށާއި އެހެންނަމަވެސް އެ ފިޔަވަޅުތަކުގެ ތެރޭގައި އެއްވެސް މުވައްޒަފަކު ވަތްކެއް ނުކުރާނެ ކަމަށް އެކުންފުނިން މިއަދު ބުނެފިއެވެ.
މިއަދު އެމްއޭސީއެލްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވީ ރާއްޖެ އަށް މިހާރު ކުރިމަތިވެފައިވާ މާލީ ދަތިކަމުގެ ސަބަބުން ހަރަދު ކުޑަ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފިޔަވަޅުތަކެއް އަޅުއްވަން ނިންމަވާފައިވާއިރު ކުންފުނިތަކުން ހަރަދު ކުޑަކުރުމަކީ ރައީސް އެޅުއްވި ފިޔަވަޅު ކާމިޔާބުވުމަށް މުހިންމު ކަމެއް ކަމަށެވެ.
އެގޮތުން އެމްއޭސީއެލް އިން 10 ދާއިރާ އަކުން ހަރަދު ކުޑަ ކުރުމަށް ނިންމަވާފައިވާ ކަމަށް ޝަރީފްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އެމްއޭސީއެލް އިން ހަރަދު ކުޑަކުރަން ނިންމި 10 ދާއިރާ:
- ތެލަށް ހިނގާ ހަރަދު
- ކޮންސިއުމަބަލްސް
- ފެން4-ކަރަންޓު
- ދަތުރުފަތުރު ކުރުމަށް ކުރާ ހަރަދު
- ކުންފުނީގެ އެތެރޭގައި ކުރާ މަސައްކަތްތަކަށް ދާ ހަރަދުތައް
- ބޭންކު ޗާޖަސް
- މުވާސަލާތީ ހަރަދުތައް
- އިންވެންޓްރީގެ ހަރަދުތައް
- ހަފްލާތަކަށް ކުރާ ހަރަދު
އެ ފިޔަވަޅުތައް އެޅުމުން އެމްއޭސީއެލްގެ ޖުމުލަ ހަރަދުގެ ތެރެއިން 10-20 ޕަސެންޓާ ދެމެދަށް ހަރަދުތައް ކުޑަވާނެ ކަމަށް ޝަރީފްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ގާތްގަނޑަކަށް 4،000 އެއްހާ މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ އެމްއޭސީއެލް އިން ހަރަދު ކުޑަ ކުރުމަށް ފިޔަވަޅުތައް އެޅި ނަމަވެސް އެއްވެސް މުވައްޒަފަކު ވަޒީފާ އިން ވަކި ނުކުރާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
"މުވައްޒަފުންގެ މުސާރައެއް ކުޑަ ނުކުރާނަން. އަޅުގަނޑުމެންގެ މުވައްޒަފުންނަކީ އަޅުގަނޑުމެންނަށް ވަރަށް މުހިންމު ބައެއް. މި ކުންފުންޏެއް، މި ކުންފުނީގެ މުވައްޒަފުންނާ ނުލައި ނޯންނާނެ،" ޝަރީފް ވިދާޅުވިއެވެ.
އެމްއޭސީއެލް އިން އަންނަނީ އެއާޕޯޓު ބޮޑު ކުރުމުގެ މަޝްރޫއުއެއް ހިންގަމުންނެވެ. ޝަރީފް ވިދާޅުވި ގޮތުގައި ހަރަދު ކުޑަ ކުރުމަށް ފިޔަވަޅުތަކެއް އަޅަން ނިންމި ނަމަވެސް އާ ޓާމިނަލުގެ މަސައްކަތަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ.