ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީއާ ގުޅިވަޑައިގެން މަސައްކަތް ކުރައްވަން ނިންމެވުމުން އުފާ ކުރައްވާ ކަމަށާއި އެކަމަކު އެމަނިކުފާނު އެދިވަޑައިގަންނަވާ ހުރިހާ ކަމަކަށް އެމްޑީޕީއަށް އާ ބަސް ނުބުނެވޭނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސިޔާސީ ގޮތުން އަލުން ގުޅިވަޑައިގަންނަވާނެ ކަމުގެ އިޝާރާތެއް އެ ދެ ބޭފުޅުންނަށް ވަނީ ދެއްވައިފަ އެވެ.
ރާއްޖެ ޓީވީ "ފަލަސުރުޚީ" ޕްރޮގްރާމްގައި މިރޭ ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަލުން ގުޅިވަޑައިގެން, މަސައްކަތް ކުރަން އެއްބަސްވެ ވަޑައިގަތުމަކީ ލިބުނު ހިތްހަމަޖެހުމެއް ކަމަށެވެ. ނަމަވެސް އެމްޑީޕީ އާއި ޑިމޮކްރަޓްސް ޕާޓީ އަލުން ގުޅުނަސް, ޑިމޮކްރަޓްސްއިން އެދޭ ކޮންމެ ކަމަކަށް އެމްޑީޕީއަށް އެއްބަސް ނުވެވޭނެ ކަމަށާއި އަދި އެމްޑީޕީއަކީ ވަކި މީހެއްގެ ޕާޓީގެ ގޮތުގައި ވެސް ދެން ނޯންނާނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ. އަދި އެމްޑީޕީ ދެން ހިނގާނީ ވަކި އުސޫލުތަކެއްގެ ތެރެއިން ކަމަށް އޭނާ ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެމްޑީޕީއަށް ނާކާމިޔާބުވީ ރައީސް ނަޝީދާއި އިސް ބައެއް ބޭފުޅުން ޕާޓީން ވަކިވެ ވަޑައިގަތުމުން ކަމަށެވެ. އަދި އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ވެސް މަޖިލިސް ތެރެއިން ސަރުކާރަށް ކުރިމަތިކުރި ޕްރެޝަރުތައް ކުރިމަތިކުރި ކަމަށް އޭނާ ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ މި ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތައް ހުރީ ބިރުގަންނަ ހިސާބުގައި ކަމަށެވެ. އަދި ފައިސާ ޗާޕް ކުރުމަކީ ގޯސްކޮށް ކަމެއް ކަމަށް ބުނެ ވާހަކަ ދެއްކުމަށްފަހު މި ސަރުކާރުން ވެސް ފައިސާ ޗާޕް ކުރެވޭ ގޮތަށް ގާނޫނު އިސްލާހުކުރަން އިސްލާހު ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ, މި ސަރުކާރުގެ އެއްވެސް އިހްލާސްތެރިކަމެއް ނެތް ކަމަށާއި އަދި މަސްވެރިންގެ މައްސަލާގައި ވެސް ސަރުކާރުން އުޅެނީ އޮޅުވާލަން ކަމަށް ފައްޔާޒް ވިދާޅުވި އެވެ. އަދި ޓެކްސް ކުޑަކުރަން ކަމަށް ބުނެ ޓެކްސް ބޮޑުކުރަން އުޅޭ ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މަޖިލިސްގެ މެޖޯރިޓީ އެ އޮތީ ބޮޑުކޮށް ދީފައި. ކިހާ ވަރަކަށް ކަމެއް ނޭނގެ އަނިޔާވެރިވާނީ އަޅުގަނޑަށް. އެ ހާލަތަށް ގައުމު ގޮސްދާނެ ކަމުގެ ސިގްނަލްތައް އެބަ ފެނޭ." ފައްޔާޒް ވިދާޅުވި އެވެ.
އެމްޑީޕީގެ ސަރުކާރުގައި ފައިސާ ޗާޕް ކުރުމާއި ލޯނު ނެގި މައްސަލާގައި ކުރިމަތިވާ ފާޑުކިޔުންތަކާ ގުޅިގެން ފައްޔާޒް ވިދާޅުވީ އޭރު އެގޮތަށް އަމަލުކުރީ ރައްޔިތުންނަށްޓަކައި ކަމަށެވެ. އަދި ކޮވިޑް-19 ގައި ވަޒީފާ ގެއްލުނު އެތައް ބަޔަކަށް ސަރުކާރުން މާލީ އެހީ ދިނީ ވެސް އެ ފައިސާއިން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެދުވަސްވަރު އެހެން ގައުމުތަކުގެ ރައްޔިތުން އުފުލަން ޖެހުނު ބުރަތައް ދިވެހި ރައްޔިތުން އެދުވަސްވަރު އުފުލަން ނުޖެހުނީ އެގޮތަށް އެމްޑީޕީގެ ސަރުކާރުން އަމަލު ކުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ.