ޗައިނާގެ ޗޮންޗިން އެއާލައިންސް އިން ރާއްޖެއަށް ދަތުރުތައް ފަށައިފިއެވެ.
ޗައިނާގެ ޗޮންޗިން ސިޓީއިން ސްރީލަންކާގައި ޓްރާންސިޓް ކުރުމަށްފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި ފުރަތަމަ ފްލައިޓަށް މަރުހަބާ ކިޔުމަށް ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ.
އެމްއޭސީއެލް އިން ބުނީ 82 ފަސިންޖަރުންނާއެކު ޗޮންޗިން އެއާލައިންސްގެ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްށް ޖައްސާފައި ވަނީ އިއްޔެ ހަވީރު 17:40 ގައި ކަމަށެވެ.
އެ އެއާލައިނަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލާއި ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ވާންގް ލީޝިންގެ އިތުރުން، އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެއިތުރުން ޗޮންޗިން އެއާލައިންގެ ވައިސް ޕްރެސިޑެންޓް ޝިޔެ ޖިންޕިން އާއި، އެމްއެމްޕީއާރްސީ އަދި މަޓާޓޯގެ އިސްވެރިންގެ އިތުރުން އެމްއޭސީއެލްގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ އެމްޑީ ވިދާޅުވީ އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ފަތުރުވެރިކަމުގެ ސިނާއަތާއި ދުނިޔެއާއި ގުޅުވާލަދޭ ފާލަމެއްގެ ގޮތުގައި ކަމަށެވެ. ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅިގެން ރާއްޖެއަށް ގިނަ އެއާލައިންތައް ގެނައުމަށް އަބަދުވެސް މަސައްކަތްކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޗައިނާއާއި ރާއްޖެއާއި ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުމަށް އިޝާރަތްކުރައްވާ ޝަރީފް ވިދާޅުވީ، ޗައިނާގެ މުހިންމު ސިޓީތަކުން ރާއްޖެއަށް ދަތުރުކުރަން ފެށުމަކީ އިގްތިސާދީ އެކި ދާއިރާތަކުން ރާއްޖެއަށް ކުރިއެރުން އަންނާނެ ކަމެއް ކަމަށެވެ.
އެ ރަސްމިއްޔާތުގައި އެއާލައިންގެ ވައިސް ޕްރެޒިޑެންޓް، ޝިޔެ ޖިންޕިން ވަނީ މި ދެ މަންޒިލް ގުޅުވާލުމުން އުފެދިގެންދާނެ އިގްތިސާދީ ފުރުސަތުތައް ފާހަގަކުރައްވާފައެވެ. އެގޮތުން ޗޮންޗިން ސިޓީއަކީ ޗައިނާގެ އިގްތިސާދީ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ސިޓީއެއް ކަމަށާއި ރާއްޖޭގެ ވިޔަފާރިވެރިންނަށް މި އުފެދުނު އައު ގުޅުމުގެ ސަބަބުން ހެޔޮ އަސަރުތަކެއް ކުރާނެކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.
ޗޮންޗިން އެއާލައިން އިން ރާއްޖެއަށް ހަފުތާއަކު ތިން ދަތުރުކުރާނެއެވެ. މި ދަތުރުތަކުގައި ބޭނުން ކުރާނީ އެއާބަސް އޭ320 މަރުކާގެ 165 ސީޓުގެ ފްލައިޓެވެ. ޗައިނާގެ ތިން އެއާލައިނަކުން މިހާރު ވެސް ރާއްޖެއަށް ދަތުރުތައް ކުރެއެވެ. އެއީ ބެއިޖިން ކެޕިޓަލް، ސިޗުއާން އެއާލައިންސް އަދި ޗައިނާ އީސްޓަންއެވެ.