ރާއްޖެ އަށް އެތެރެކުރާ ތަރުކާރި އާއި މޭވާގައި ހިމެނޭ ވިހަ މާއްދާތައް ހުންނަ ކަމަށާއި، އެތަކެތި ކެވުމުގެ ސަބަބުން ކަނބަލުންގެ ރީތި ކަމަށް އަސަރުކޮށް ސިއްހީ އެތައް މައްސަލައެއް ދިމާވަމުން އަންނާތީ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު ކަންބޮޑުވުންފާޅު ކުރައްވައިފިއެވެ.
ސަރުކާރުގެ ފަރާތުން، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން އިމްރާން ލަޠީފް ހުށަހަޅުއްވާފައިވާ، ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް މިއަދުގެ މަޖިލިސް ޖަލްސާގައި ބަހުސް ކުރައްވަމުން އިބްރާހީމް ވިދާޅުވީ ރާއްޖެ އެތެރެކުރާ ތަރުކާރި އާއި މޭވާގައި އެކަށީގެން ނުވާ މިންވަރަކަށް "ގްރޯތު ހޯމޯން" ހުންނަ ކަމަށެވެ.
"އެ ކެވިގެން [ވިހަ މާއްދާ ހުންނަ ތަރުކާރި އާއި މޭވާ] އޭގެ ނަތީޖާއެއްގެ ގޮތުން ވަރަށް ޅައުމުރުގައި އަންހެން ބޭފުޅުންގެ މޫނު މަތިން ފެންނަން ނުޖެހޭ އިސްތަށި ފެނި އެފަރާތްތަކުގެ ރީތި ކަމަށް ބުރޫ އަރައިގެން ދިއުމަކީ މިހާރު ހަމަ ފެންނަ ކަމެއް،" އިބްރާހީމް ވިދާޅުވިއެވެ.
ޅައުމުރުގައި އަންހެން ކުދިންނަށް ދިމާވާ އެފަދަ ކަންކަމުގެ ސަބަބުން ސްކޫލު މާހައުލުގައި އެކުދިންނަށް ބުލީ ކުރުން ފަދަ ކަންކަން ދިމާވަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ދާދި ފަހަކުން އޭނާ މަޖިލީހުގައި ތަމްސީލު ކުރައްވާ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގައި އެފަދަ މައްސަލައެއް ހިނގި ކަމަށެވެ.
"ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރު ވިދާޅުވަނީ އެކަށީގެން ނުވާ ވިހަ މާއްދާއެއް ކާނާގެ ތެރޭގައި ކެވިގެން އަންނަ ކަމަށް،" އިބްރާހީމް ވިދާޅުވިއެވެ.
އެހެންކަމުން އޭނާ ވަނީ ރާއްޖެ އެތެރެކުރާ ކާނާގެ ބާވަތްތަކުގައި ސިއްހީ ފެންވަރު ދައްކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ އަންހެން ކަނބަލުންނަށް ކެންސަރާއި އަދި އެނޫންވެސް އެހެން ބޮޑެތި ބަލިތައް ޖެހެމުން އަންނަ ކަމަށް ވިދާޅުވިއެވެ.