މަސްވެރިންނަށް ފައިސާ ނުދޭތީ މަސްވެރިން ކުރަމުންދާ މުޒާހަރާގައި މިފްކޯގެ މަސައްކަތްތަކަށް ހުރަސް އަޅާ ދޯނިތަކުން މިފްކޯއާށް މަސް ގަތުން ވަގުތީ ގޮތުން ހުއްޓާލާނެ ކަމަށް މިފްކޯއިން ބުނެފި އެވެ.
މަސްވެރިން އަތުން މަސް ގަތުމަށްފަހު މިފްކޯއިން ދޭންޖެހޭ ފައިސާ ނުދޭތީ އައްޑޫގައި މަސްވެރިން ކުރަމުންދާ މުޒާހަރާގައި އައްޑޫގައި ހުންނަ ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތްތަކަށް ވަނީ ހުރަސް އަޅައިފަ އެވެ. އަދި އެތަނަށް ކަރަންޓް ދިނުމަށް ވެސް މަސްވެރިން ވަނީ ހުރަސް އަޅައިފަ އެވެ.
މިފްކޯއިން މިއަދު ނެރުނު ބަޔާނެއްގައިވަނީ އެ މުޒާހަރާގެ ތެރެއިން ފިޝަރީޒް ކޮމްޕްލެކްސްގެ މުދަލަށް ގެއްލުން ދިނުމާއި މުވައްޒަފުންނަށް ދަތި ކުރުމާއި އެތަނަށް ކަރަންޓް ދޭން ހުރަސް އެޅުމުގެ ސަބަބުން އެތަނުގެ އޮޕަރޭޝަންސްތަކަށް ހުރަސް އެޅެމުންދާ ކަމަށެވެ. އަދި އެތަނުގެ މަސައްކަތް އަލުން ފެށުމަށްޓަކައި ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށާއި އަދި އެކަމަށް ހުރަސް އަޅާ ދޯނިތަކުން މަސް ގަތުން ކުރިއަށް އޮތް ތިން މަސް ދުވަހަށް ހުއްޓާލާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
"މިފްކޯގެ މުވައްޒަފުން ކުރަމުން ގެންދާ މަސައްކަތްތަކާއި ފުލުހުންގެ ޒިންމާތަކަށް ހުރަސް އަޅާ ދޯނިފަހަރުން މިފްކޯއަށް މަސް ގަތުން ތިން މަސް ދުވަހަށް ސަސްޕެންޑް ކުރެވޭނެ." އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ވަނީ މަސްވެރިންނަށް މިދިޔަ އަހަރު ނުދީ ހުރި 230 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދީފައިވާއިރު އަދި މިއަހަރުގެ މިހާތަނަށް ވެސް 700 މިލިއަނަށް ވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދީފައިވާނެ ކަމަށެވެ. އަދި މިފަހަރު ފައިސާ ނުދެވި ލަސްވަނީ މިފްކޯއިން މަސް ގަންނަނީ ގެއްލުމުގައި ކަމަށްވާތީ މަސްވެރިންނަށް ފައިސާ ދިނުމަށް ސަރުކާރަށް ބަރޯސާވާން ޖެހިފައިވާތީ ކަމަށް އެ ބަޔާނުގައިވެ އެވެ. އެހެންވެ, އިތުރަށް ފައިސާ ހޯދަން ސަރުކާރާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އެ ބަޔާނުގައިވެ އެވެ.
މަސްވެރިންނަށް ފައިސާ ނުދޭ މައްސަލާގައި ދާދިފަހުން މަސްވެރިން ވަނީ މާލޭގެ ރަސްމީ ފާލަމަށް ދޯނިތަކުގައި ވަދެ, މުޒާހަރާކޮށްފަ އެވެ. އޭރު ކުރި އިހްތިޖާޖާ ގުޅިގެން ވެސް މަސްވެރިންނަށް ސަރުކާރުން ފައިސާ ދިނެވެ. އަދި މިފަހަރު މުޒާހަރާ ކުރަމުން ދަނީ ބާކީ ފައިސާ ނުދޭ މައްސަލައިގަ އެވެ.
މިދިޔަ އަހަރު ތަކުގައި ކީއްވެތަ މުޒާހަރާ ނުކުރީ
ކިޔުންތެރިޔާ