މިއަހަރުގެ އަޟްހާ އީދާ ގުޅިގެން ގިނަ ރަށްރަށުގައި ފޯރިގަދަ އެތައް ހަރަކާތްތަކެއް ވަނީ ކުރިޔަށް ގޮސްފައެވެ. އީދާއި ގުޅިގެން ކުރިޔަށް ގެންދާ ހަރަކާތްތައް އަދިވެސް ގިނަ ރަށްތަތަކުގައި ކުރިޔަށް ދާއިރު މާދަމާއާ ޖެހެންދެން އީދުގެ ހަރަކާތްތައް ކުރިޔަށް ދާނެއެވެ.
އީދުގެ ހަރަކާތްތައް ގާތްގަނޑަކަށް ނިމުމަކާ ހަމައަށް އައިއިރު އަންނަ އަހަރު އީދުގައި ދާނެ ރަށްތައް ގިނަ ބަޔަކު މިހާރުންސުރެ ވަނީ ކަނޑައަޅައިފައެވެ. އެގޮތުން އަންނަ އަހަރުގެ އީދުގެ އުފާފާޅު ކުރުމަށާއި އީދުގެ ހަރަކާތްތައް ބަލާލުމަށް ގިނަ ބަޔަކު އެންމެ ދާން ބޭނުން ވަނީ ބ. ކަމަދޫ އަށެވެ. ކަމަދޫގެ އީދު ކުޅިވަރުތަކުގެ ވީޑިއޯ މުޅި ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.
ކަމަދޫ ކައުންސިލްގެ ރައީސް ހަސަން ޒަރީރު "ހަތާވީސް" އަށް ވިދާޅުވީ އެ ރަށުގައި މިއަހަރުގެ އީދަށް ވަކި ހާއްސަ ކަމެއް ނުކުރާ ކަމަށާއި މިއަހަރުވެސް އީދުގެ ހަރަކާތްތައް ކުރިޔަށް ގެންދިޔައީ ޒަމާނުއްސުރެ އެ ރަށުގައި އީދު ފާހަގަ ކުރަމުން ދިޔަ ބީދައިން ކަމަށެވެ.
ސަގާފީ ކުޅިވަރުތަކަކީ އީދުގައި ހުރިހާ ރަށަކުން ވެސް ވަރަށް ބޮޑު ސަމާލުކަމެއް ދީގެން ކުރިއަށް ގެންދާ ކުޅިވަރުތަކެކެވެ. ޒުވާނުންގެ ބޮޑު ބައިވެރިވުން އޮތް ނަމަވެސް ގިނަ ރަށްތަކުގައި ސަގާފީ ކުޅިވަރުތައް ކުޅުމުގައި އަދިވެސް ނަގާ ކިޔަމުން ދަނީ ހަރު އުމުރު ފުރައިގެ މީހުންނެވެ.
އެހެން ރަށްތަކާއި ކަމަދޫ ތަފާތު ވަނީ އެހެންވެއެވެ. ސަގާފީ ކުޅިވަރުތަކަކީ އެރަށުގެ ރައްޔިތުން ވެސް ވަރަށް ބޮޑު ސަމާލުކަމެއް ދީގެން ކުޅެމުން އަންނަ ކުޅިވަރުތަކެކެވެ. އެ ކުޅިވަރުތައް ކުޅުމުގައި ދެ ޖިންސުގެ ޒުވާނުން އަންނަނީ ނަގާ ކިޔަމުންނެވެ.
"މި އިންނަނީ ތިން އުމުރު ފުރައެއް. ގްރޭޑު 10އެއް ނިންމާ އުމުރުގެ ކުދިންނާއި ދެން ޒުވާން ކުދިންނާއި ދެން ހަރު އުމުރުގެ މީހުން. ތިން ގްރޫޕަކަށް މީހުން ބަހާލައިގެން ތިން ގްރޫޕުން ލީޑަރުން ނަގައިގެން އީދު ކޮމެޓީއެއް ނަގައިގެން މަސައްކަތް ކުރަމުން ދަނީ," އީދަށް ތައްޔާރުވުގެ ގޮތުން ކަމަދޫ އިން މަސައްކަތް ކުރާ ގޮތް ހިއްސާ ކުރައްވަމުން ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ސޯޝަލް މީޑިއާ އިން ފެންނަ ވީޑިއޯތަކުގައި ޒުވާން ޖިންސުންލަތީފުން އީދު ކުޅިވަރުތަކުގައި ބައިވެރިވަމުން އަންނާތީ "އެއީ ހަމަ ކަމަދޫ ކުދިންތޯ" ގިނަ ބަޔަކު ސުވާލު ކުރެއެވެ. ކައުންސިލްގެ ރައީސް ޒަރީރު ދެއްވި ޔަގީންކަމަކީ ރަށުން ބޭރު އެހެން އެއްވެސް ކުއްޖަކު އަދި މީހަކު އީދު ކުޅިވަރުތައް ކުޅުމުގައި ބައިވެރި ނުވާނެ ކަމަށެވެ.
ކަމަދޫގެ އީދު ކުޅިވަރުތައް ގިނަ ބަޔަކަށް ކަމު ގޮއްސިއެވެ. ކުޅިވަރުތައް ހުށަހަޅައިދިން ފަރާތްތަކުގެ ހަރަކާތްތައް ފުރިހަމަކަމުގެ ވާހަކަތައް އެތައް ބަޔަކު އެބަ ދައްކައެވެ. ކައުންސިލްގެ ރައީސް ވިދާޅުވީ އީދު ކުޅިވަރުތަކަށް ފަރިތަކޮށްފައި ވާނީ ތިން ދުވަހު ކަމަށެވެ. ނަމަވެސް އެ ހަރަކާތްތައް ބަލާލާ މީހަކަށް ހީވެގެން ދާނީ ގިނަ ދުވަސްތަކެއް ވަންދެން އެ ކުޅިވަރުތައް ކުޅުމަށް ފަރިތަ ކޮށްފައި ހުރިހެންނެވެ.
މިހާ ފުރިހަމަކޮށް އީދުގެ ކުޅިވަރުތައް ކުޅެމުން އަންނަ ރަށެއް ގައުމީ ފެންވަރުގައި އީދު ފާހަގަ ކުރުމަށް މަސައްކަތް ނުކުރީ ކީއްވެތޯ ސުވާލު ކުރުމުން ޒަރީރު ވިދާޅުވީ ވަރަށް ބޮޑު އުއްމީދަކާއެކު އީދު ފާހަގަ ކުރުމަށް ޕްރޮޕޯސަލް ހުށަހަޅާފައިވާނެ ކަމަށެވެ. މިދިޔަ އަހަރު ކުރިޔަށް ގެންދިޔަ އީދުގެ ހަރަކާތްތައް ދައުލަތުގެ މީޑިއާގެ ޓީވީ ޗެނަލް "ޓީވީއެމް" އިން ލައިވްކޮށް ދެއްކި ވީޑިއޯތަކާއެކު ޕްރޮޕޯސަލް ހުށަހެޅި ނަމަވެސް ގައުމީ ފެންވަރުގައި އީދު ފާހަގަކުރުމުގެ ފުރުސަތު ނުލިބުނު ކަމަށެވެ.
"އަންނަ އަހަރު ވެސް ހުށަހަޅާނަން. އެކަމަކު އެ ފުރުސަތު ލިބުނު ނަމަވެސް އަދި ނުލިބުނު ނަމަވެސް އަޅުގަނޑުމެން ނިންމައިގެން މި ތިބީ އަންނަ އަހަރުގައި ވެސް އިރާދަ ކުރެއްވިއްޔާ މިއަހަރަށްވުރެ ފުރިހަމަކޮށް އިތުރު ކުޅިވަރުތަކާއެކު އީދުގެ ހަރަކާތްތައް ކުރިޔަށް ގެންދަން," ޒަރީރު ވިދާޅުވިއެވެ.
އިތުރައްއެއްޗެކޭބުނާކައްމެތިން އިރާދަކުރެއްވިއްޔާއަންނައަހަރު ބޮޑުއީދައް ބކަމަދޫއައްދާންމިރުންފެށިގެންމަސައްކަތްފެށީ
ލަކުޑިކަޅޭ