ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހުޅުމާލެ އާއި ގުޅީފަޅު އަދި ގިރާވަރުފަޅުން ދޫކުރި ގޯތިތައް ތިން މަސް ދުވަހުގެ ތެރޭގައި ހަވާލު ކުރުމަށް ލާޒިމްކޮށް 19ވަނަ ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފައިވާ ބިލު މިއަދުގެ މަޖިލީހުގައި ބޭރުކޮށްލި ނަމަވެސް, އެ ގޯތިތައް ލިބިފައިވާ އެއްވެސް ރައްޔިތަކު މާޔޫސްވާން ނުޖެހޭނެ ކަމަށާއި އެފަރާތްތަކަށް ލިބުނު ގޯއްޗާއި ފްލެޓުތައް މި ސަރުކާރުން ދޭނެ ކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ.

އެ ބިލު މަޖިލީހުން ބޭރުކޮށްލުމުގެ ކުރިން ކޮމެޓީއަށް ބިލު ފޮނުވުމަށް ބިލު ހުށަހެޅުއްވި މެމްބަރު، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވިއެވެ. ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީއަށް އެ ބިލު ފޮނުވަށް ހުށަހެޅި މައްސަލަ ފާސްނުވުމުން އެ ބިލު އޮތް ގޮތަށް ފާސްކުރަން ރިޔާސަތުން ވޯޓަށް އެހިއެވެ. ނަމަވެސް 77 މެމްބަރުން ވޯޓު ދެއްވީ އެ ބިލު ފާސްކުރަން ނުފެންނަ ކަމަށެވެ.

އެގޮތަށް ފާސްނުވުމުން އެ ބިލު ބާތިލުވީ ކަމަށް ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އިއުލާން ކުރެއްވިއެވެ.

ގޯތި ހަވާލުކުރަން ލާޒިމުކުރާ ބިލު މަޖިލީހުން ފާސްކޮށް، ތަސްދީގު ކުރުމަށް ކުރިން ފޮނުވީ 19 ވަނަ ރައްޔިތުންގެ މަޖިލީހުންނެވެ. އެމްޑީޕީ މެޖޯރިޓީ އޮތް މަޖިލީހުން އެގޮތަށް ފާސްކުރީ އެ މަޖިލީހުގެ ދައުރު ހަމަވާން މަހަކަށްވެފައިވަނިކޮށެވެ.

މީކާއިލް ހުށަހެޅި ބިލުގައި ބުނެފައި ވަނީ އެ ބިލު ތަސްދީގުކޮށް، ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެން ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓްކުރުމަށްފަހު ހަވާލުކޮށްފައިނުވާ ގޯތިތައް ގާނޫނަށް އަމަލުކުރަން ފަށާ ތާރިހުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި ހަވާލުކުރައްވާނެ ކަމަށެވެ.

ޕީއެންސީ ޕީޖީން ނިންމި އެ ނިންމުމުގެ ތަފްސީލު ދިނުމަށް މަޖިލީހުގެ އިދާރާގައި ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހް ވިދާޅުވީ ބޯހިޔާވަހިކަމަކީ ރާއްޖެ އަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށް ވާތީ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށެވެ.

އެ ބިލު ތަސްދީގު ނުކުރެއްވި ސަބަބުތައް ރައީސް މުއިއްޒު ވަނީ ސިޓީއަކުން މަޖިލީހާ ހިއްސާ ކުރައްވާފައެވެ. އެގޮތުން އެ ސިޓީގައި ރައީސް ވިދާޅުވެފައި ވަނީ ގޯއްޗެއް ދޫކުރާ ތާރީހުން ފެށިގެން ވަކި މުއްދަތެއްގެ ތެރޭގައި އެ ގޯތީގައި މީހުން ދިރިއުޅެން ފަށަން ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނުގައި ބަޔާން ކޮށްފައިވާއިރު އަމަލީގޮތުން ދިރިއުޅެން ފެށެން ނެތް ތަންތަން ހަވާލު ކުރުމުން ގޯތި ލިބިފައިވާ ފަރާތުގެ ހައްގުތަކަށް ހުރަސްއެޅިގެންދާ ކަމަށެވެ.

"އޭގެ ހެއްކެއް ކަންނޭނގެ ބައެއް ބޭފުޅުންނަށް ގޯތީގެ ރަޖިސްޓްރީ ހަވާލު ކޮށްފައި އޮތް އިރުގައި އެ ގޯތި އޮތް ތަނެއް އަދިވެސް އޮތީ ސާފުނުވެ. ގިނަ އަދަދެއްގެ ބޭފުޅުންނަށް ގޯތިތައް ދީފައި ހުރީ އަދި ނުހިއްކާ ބިންތަކުން. އެހެންވީމާ ރަޖިސްޓްރީއަކީ މިހާރު މި އޮތް ބިމާބެހޭ ގާނޫނަށް ބަލައިފި ކަމަށްވާ ނަމަ ފުށުއަރާ އެކަމާ ދޭތެރޭ ވަރަށް ބޮޑަށް ގާނޫނީ ގޮތުން މައްސަލަތައް ހުރި ކަންކަމަށް އެބަވޭ،" ފަލާހް ވިދާޅުވިއެވެ.

ފަލާހް ވިދާޅުވީ އެ ހުރިހާ ކަމަކަށް ބެލުމަށްފަހު ސަރުކާރުގެ ފަރާތުން "ބިމުގެ ބިލު"ގެ ނަމުގައި ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ. ފަލާހް ވިދާޅުވީ އެ ބިލު މެދުވެރިކޮށް މިހާރު ގޯތިތައް ލިބިފައި ހުރި ފަރާތްތަކާއި އަދި ފްލެޓުތައް ލިބިފައިވާ ފަރާތްތަކަށް ލިބިގެން ދާނެ ކަމަށެވެ.

ކުރީގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހިންނާއި ތިން ވަނަ ފިޔަވަހިންނާއި ގުޅިފަޅު އަދި ގިރާވަރުފަޅުން 9،001 ގޯތި ދޫކުރަން ނިންމިއެވެ.