ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖެ އަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ދާއިމީ ހައްލެއް ގެނައުމުގެ ގޮތުން ކުރިޔަށް ގެންދަން ފައްޓަވާފައިވާ ރަސްމާލެ ނުވަތަ ފުށިދިއްގަރުފަޅު ހިއްކުމަށް ހަވާލުކުރި ކުންފުނިން ޝެޑިއުލާ އެއްގޮތަށް މަސައްކަތް ކުރިޔަށް ނުގެންދާތީ އެކުންފުންޏަށް އިތުރު ފުރުސަތެއް ނުދޭން ނިންމައިފިއެވެ.

އިންފްރާސްޓްރަކްޗާ އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އިންފްރާސްޓްރަކްޗާ އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. މުއްތަލިބް ވިދާޅުވީ އެ މަސައްކަތުގައި މިވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، އެ މަޝްރޫއު އަކީ ބަޖެޓްގައި ޖަހާފައިވާ މަޝްރޫއު އަކަށް ނުވާތީ އެ މަޝްރޫއު މިނިސްޓްރީގެ ދަށުން ސީދާ ގެންދެވެން ނެތް ކަމަށެވެ.

"ކުރިން ރާވާފައި އޮތް ގޮތަށް ކުރިއަށް ނުދިޔައީމާ މިނިސްޓްރީން ނަގާފައި މިނިސްޓްރީއަށް ކުރިއަށް ގެންދެވޭ ގޮތަކަށް ނޫން ބަޖެޓްގައި ނެތް މަޝްރޫއުއަކަށް ވާތީ. އެހެންވެ ދެން އަޅުގަނޑުމެން މި ޖެހެނީ އެހެން ކަހަލަ ފައިނޭންސިން މޮޑެލްއެއްގެ ތެރެއިން ކުރިއަށް ދާން، އޭގެ މަސައްކަތް އެބަ ކުރިއަށްދޭ،" މިނިސްޓަރު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމަށްފަހު މިނިސްޓަރު އެކްސްގައި ވަނީ އެކަމާ ގުޅޭ އިތުރު ތަފްސީލުތައް ދެއްވާފައެވެ.

"ރަސްމާލެ ހިއްކުމުގެ މަސައްކަތް އެއްބަސްވުމާ އެއްގޮތަށް ކޮންޓްރެކްޓަރަށް ނުކުރެވުމުން، އިތުރު ފުރުޞަތު ނުދޭން ނިންމި މައިގަނޑު ސަބަބަކީ މާލެ ސަރަޙައްދުން ބިންތަކެއް ދިނުމަކާނުލައި ކޮންޓްރެކްޓަރުން މެދުވެރިވެގެން ފައިނޭންސް ހަމަޖައްސައިގެން ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ސަރުކާރުން ބޭނުންވާތީއެވެ. އިރާދަކުރެއްވިއްޔާ ރަސްމާލެ ހިއްކުމުގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެއެވެ" މިނިސްޓަރު ވިދާޅުވިއެވެ.

ފުށިދިއްގަރުފަޅުން 1153 ހެކްޓަރުގެ ބިން އަށް މަސް ދުވަހުގެ ތެރޭގައި ހިއްކުމަށް ސަރުކާރުން އަމާޒު ހިފިއެވެ. އެ މަސައްކަތް ކުރުމަށް ހަވާލުކުރީ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އަށެވެ. އަދި އެ މަސައްކަތް އެކުންފުންޏާ ހަވާލުކުރީ ސީއެމްސީ އަށް ފުށިދިއްގަރު ފަޅުން 60 ހެކްޓަރު އަދި ހުޅުމާލެ އިން 10 ހެކްޓަރާއެކު ޖުމްލަ 70 ހެކްޓަރުގެ ބިން ދޭ ގޮތަށެވެ.

އެޗްޑީސީން މީގެކުރިން ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހިން ސީއެމްސީ އަށް 10 ހެކްޓަރުގެ ބިން ހިލޭ ދީފައިވާ ކަމަށެވެ. އަދި އެ ބިން ސީއެމްސީން ބޭނުން އަގަކަށް ވިއްކޭނެ ކަމަށާއި ނަމަވެސް ބިން ވިއްކަން ޖެހޭނީ ހުޅުމާލޭގެ މާސްޓަޕްލޭނާ އެއްގޮތަށް ކަމަށެވެ. މީގެއިތުރުން ފުށިދިއްގަރުފަޅު ހިއްކާ ނިމުމުން އެތަނުން ވެސް 60 ހެކްޓަރުގެ ބިން އެކުންފުންޏަށް ދިނުމަށް ނިންމާފައިވާ ކަމަށް ވެސް އެޗްޑީސީން މީގެކުރިން ބުންޏެވެ.

ރާއްޖޭގެ އެހެން ރަށްރަށުން ފުށިދިއްގަރުފަޅަށް ހިޖުރަކޮށް، ގޯތި ލިބޭނެ ގޮތް ހައްދަވާނެ ކަމަށް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ. މީގެ އިތުރުން ގޯއްޗާއި ފްލެޓު ހިމެނޭހެން އެތަނުގައި 65،000 ހައުސިން ޔުނިޓު އަޅާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.