މާލޭގައި ޒުވާނަކަށް ހަމަލާދީ މަރާލި މޫސާ އަހުމަދުގެ މަރުގެ މައްސަލާގައި ދައުވާލިބޭ އިބްރާހިމް ސައްމާހު އަހުމަދު ފަތުހީގެ އިސްތިއުނާފު ނިމެންދެން އޭނާ ބަންދު ނުކުރަން ހައި ކޯޓުން އަނެއްކާވެސް ނިންމައިފި އެވެ.

ސެޕްޓެމްބަރު, 2017 ގައި ވ. ކެޔޮދޫ، ދޭލިޔާގޭ މޫސަ މަރާލި މައްސަލާގައި، އދ. މާމިގިލީ ސޭޑީގްރޯވް، ސައްމާހުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކުރި މައްސަލަ ދައުލަތުން އޮތީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.

އިސްތިއުނާފުގެ ޝަރީއަތް ނިމެންދެން އޭނާ ބަންދު ކުރުމަށް އެދުމުން އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ހައި ކޯޓުން ކުރިން ނިންމި އެވެ. އެ މައްސަލަ އޭރު ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން އޭރު އަމުރުކުރީ ހައި ކޯޓުން އަލުން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށެވެ.

ސައްމާހުގެ ބަންދާ މެދު އަލުން ގޮތެއް ނިންމަމުން ހައި ކޯޓުގެ ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން މިއަދު ވެސް ނިންމެވީ ސައްމާހު ބަންދު ކުރެވެން ނެތް ކަމަށެވެ. އެގޮތަށް ނިންމެވީ ފަނޑިޔާރު މާނިއު އަދި ފަނޑިޔާރު ފައިސަލެވެ.

އެ ދެ ފަނޑިޔާރުންގެ ރައުޔަކީ ސައްމާހު ބަންދުކުރަން ޖެހޭ ހާލަތެއް މިވަގުތު ނެތް ކަމަށެވެ.

ނަމަވެސް ރައުޔު ތަފާތުވީ ފަނޑިޔާރު ފަރުހީޒާގެ ރައުޔަކީ ސުޕްރީމް ކޯޓުގެ ނިންމުމަށް ބަލާއިރު އޭނާގެ ފަރާތުން މުޖުތަމައަށް އޮތް ނުރައްކާ ފާހަގަކޮށްފައިވާތީ އޭނާ އަލުން ބަންދު ކުރަން ޖެހޭނެ ކަމަށެވެ.

މި މައްސަލާގައި އިތުރު ތިން މީހެއްގެ މައްޗަށް ވެސް ދައުލަތުން ދައުވާކޮށް ކްރިމިނަލް ކޯޓުން މިދިޔަ މަހު ހުކުމް ކުރި އެވެ. އެއިން ކުށް ސާބިތުވީ ސ. ހިތަދޫ, މުޑުދާސްގެ، އަލީ ހަސަންގެ މައްޗަށް އެކަންޏެވެ. އޭނާ 15 އަހަރު ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ.

ނ. ޅޮހީ، ކަނީރުމާގެ، މުހައްމަދު ރިޔާޒު އަދި މ. ދިއްގަރު، ދެބުދާރުގެ، އަހުމަދު އިޖާދު މުހައްމަދުގެ މައްޗަށް މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ ސާބިތުުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ. އެ ހުކުމް އިސްތިއުނާފު ކުރުމާ މެދު ދައުލަތުން އަދި ގޮތެއް ނުނިންމަ އެވެ.