ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި އާ މެމްބަރުންގެ ކޮނޑުގައި އަޅާ ޒިންމާއަކީ ބިޔަ ބޮޑު މަސައްކަތެއް ކަމަށް މަޖިލީހުގެ އާ ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި ނެގި ސިއްރު ވޯޓުން 71 މެމްބަރުންގެ އަގުލަބިއްޔަތު ހޯއްދަވައިގެން މަޖިލީހުގެ ރައީސް ކަމަށް ވަޑައިގެންނެވި އަބްދުއްރަހީމް ރިޔާސަތާ ހަވާލުވެވަޑައިގެންނެވުމަށްފަހު އެންމެ ފުރަތަމަ މަރުހަބާ ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމަށެވެ. އެއަށްފަހު އަލަށް އިންތިހާބުވި 20 ވަނަ މަޖިލީހުގެ މެމްބަރުންނަށް މަރުހަބާ ވިދާޅުވިއެވެ. އަދި ވިދާޅުވީ މަޖިލީހުގެ ރައީސްގެ މަގާމަށް އޭނާގެ ނަން ހުށަހެޅުއްވައި ދެއްވި ކަމަށްޓަކާ ޕީއެންސީގެ ރައީސް، އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ޝުކުރުއަދާ ކުރައްވާ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ދާއިރާތަކުގެ ރައްޔިތުންގެ ތާއިދު ހޯއްދަވައިގެން މެމްބަރުން މަޖިލީހަށް ވަޑައިގެންނެވީ ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ކަމަށާއި މަޖިލީހަކީ ގައުމީ ބަހުސްތައް ހިނގާނެ އެންމެ އުސް އަދި އެންމެ އިސް މަޖިލިސް ކަމަށެވެ.

"އަޅުގަނޑުމެން މި ކޮނޑު އަޅަނީ ބޮޑު ބިޔަ ބުރަ މަސައްކަތެއް. މިކަންކަމާ ކުރިމަތިލައި މިކަންކަމާމެދު މަޝްވަރާއާ ބަހުސްކޮށް، ގައުމަށް އެންމެ ފައިދާ ހުރި ގޮތަށް ކަންކަން ނިންމަމުން ދިއުމުގައި މި މަޖިލިސް ވަރުބަލިވުމެއް ނެތި ދެމި އޮންނާނެކަމާމެދަކު އަޅުގަނޑު ޝައްކެތް ނުކުރަން،" އަބްދުއްރަހީމް ވިދާޅުވިއެވެ.

މަޖިލީހަކީ ރައްޔިތުންނާ އެންމެ ގާތުން މަސައްކަތް ކުރާނެ މަޖިލިސްކަން ފާހަގަ ކުރައްވައި، އަބްދުއްރަހީމް ވިދާޅުވީ މަޖިލީހުގެ މަސައްކަތްތަކުގަ އާއި ބަހުސްތަކުގައި ތަފާތު ހިޔާލާއި ވިސްނުމަށް ފުރުސަތު ލިބެންވާނެ ކަމަށެވެ.

"މިތާނގައި ދެކެވޭ ވާހަކަތާއި ކުރެވޭ ބަހުސްތަކާއި ހިނގާ މަސައްކަތުގައި ތަފާތު ހިޔާލުތަކަށާއި ތަފާތު ވިސްނުންތަށާއި ތަފާތު ނަޒަރިއްޔާތަކަށް ފުރުސަތު ލިބެންވާނެ ކަމަށާއި އެކަންކަމަށް ޖާގަ އޮންނަންވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން. އެހެންނަމަވެސް އެކަންކަން ހިނގާންވާނީ މަޖިލީހުގެ ކަރާމާތާއި ގަދަރުހިފެހެއްޓޭ ގޮތަށް،" އަބްދުއްރަހީމް ވިދާޅުވިއެވެ.