އިންޑިއާ ސަރުކާރުން ރާއްޖެ އަށް ހަދިޔާ ކޮށްފައިވާ ހެލިކޮޕްޓަރާއި ޑޯނިޔާ މަތިންދާ ބޯޓުގެ ތެރެއިން، އެމްއެންޑީއެފް އަށް އެނގުމެއް ނެތި ހެލިކޮޕްޓަރު ދަތުރެއް ކުރި ކަމަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ދެއްކެވި ވާހަކަފުޅު ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ދޮގު ކޮށްފިއެވެ.

އިންޑިއާ ސަރުކާރުން ރާއްޖެ އަށް ހެލިކޮޕްޓަރާއި މަތިންދާ ބޯޓު ހަދިޔާ ކޮށްފައިވީ ނަމަވެސް މި ތަކެތި އޮޕަރޭޓު ކުރާނީ އެމްއެންޑީއެފްގެ ބޭނުންތަކަށެވެ. މިކަން ހާމަވެގެން ދިޔައީ ރައީސް އޮފީހުގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ދެއްކެވި ވާހަކަފުޅެއްގެ ތެރެއިންނެވެ.

އެމަނިކުފާނު ވިދާޅުވީ މަޖިލީހުގެ 241 ކޮމެޓީން ބަލަމުން ދިޔަ މައްސަލައެއްގައި އެކަން [އެމްއެންޑީއެފް އަށް ނޭނގި ހެލިކޮޕްޓަރު ދަތުރެއް ކުރިކަން] ހާމަވި ކަމަށެވެ. ގައްސާނަކީ މިނިސްޓަރުކަން ލިބިވަޑައިގަތުމާއި ހަމައަށް ތ. ގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރެވެ.

މީގެއިތުރުން ގައްސާނަކީ މަޖިލިސް މެންބަރެއްގެ ގޮތުގައި ހުންނެވިއިރު 241 ކޮމެޓީގައި ވެސް އިންނެވި މެންބަރެކެވެ.

"ދިވެހިންގެ ހުއްދަ ނެތި ހެލިކޮޕްޓަރެއް އޭރު އޮތީ ދުއްވާފައި،" ގައްސާން ވިދާޅުވިއެވެ. އަދި ވިދާޅުވީ އެ ދަތުރު ކޮށްފައި ވަނީ ތ. ތިމަރަފުއްޓަށް ކަމަށެވެ.

ހައި ކޮމިޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ހާދިސާ ހިނގީ 2019ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 9ވަނަ ދުވަހު ކަމަށާއި އެ ދުވަހު ހެލިކޮޕްޓަރު ދަތުރުކުރީ އެމްއެންޑީއެފްގެ ހުއްދައާ އެކު ކަމަށެވެ. ތިމަރަފުށީ އެއާޕޯޓުގައި ހެލިކޮޕްޓަރު ޖައްސަން ޖެހުނީ ކުއްލި ހާލަތެއް ދިމާވެގެން ކަމަށާއި އެކަމަށް ބޭނުންވާ ހުރިހާ ހުއްދައެއް އެއާ ޓްރެފިކް ކޮންޓްރޯލުން ހޯދާފައިވާ އޮތް ކަމަށް ވެސް ހައި ކޮމިޝަނުން ބުންޏެވެ.

ގައްސާން އެ ދުވަހު ވިދާޅުވީ އެ މައްސަލަ އަށްފަހު އެމްއެންޑީއެފްގެ ހުއްދަ ނެތި ހެލިކޮޕްޓަރު ވެސް އަދި ޑޯނިޔާ މަތިންދާ ބޯޓަށް ދަތުރު ނުކުރެވޭނެ ކަމަށް އެންގި ކަމަށެވެ.