ފަލަސްތީނުގެ ރަފަހްއަށް އިޒްރޭލުން ދެމުންގެންދާ ހަމަލާތައް ހުއްޓާލައި، ބައިނަލްއަގްވާމީ ގާނޫނަށް އިޒްރޭލުން އަމަލު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ އިޒްރޭލުން ގާޒާއަށް ދެމުން ގެންދާ ހަމަލާތައް ބެލުމަށް ބައިނަލްއަގުވާމީ މުޖުތަމައު ނޯންނާނެ ކަމަށެވެ.
މިހާރަކަށް އައިސް އިޒްރޭލުން އެންމެ ބޮޑަށް ހަމަލާތައް ދެމުން އަންނަ ރަފަހް އަކީ ގާޒާގެ އޮންނަ ސިޓީއެކެވެ.
ރައީސް ވިދާޅުވީ މި ވަގުތަކީ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އިން ވެސް ފިޔަވަޅު އަޅަންވީ ވަގުތު ކަމަށް ވެސް ވިދާޅުވެފައެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވިއިރު ޔުނައިޓެޑް ނޭޝަން (އެކުވެރި ދައުލަތް [އދ])ގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ދިނުމަށް މިދިޔަ ހުކުރު ދުވަހު ވަނީ ފާސް ކޮށްފައެވެ.
ޔޫއޭއިން ހުށަހެޅި "އެޑްމިޝަން އޮފް ނިއު މެމްބާސް ޓު ދަ ޔުނައިޓަޑް ނޭޝަންސް"ގެ ގަރާރު ފާސްކުރުމުގެ ވޯޓުގައި އެއްވެސް ކޮޅަކަށް ވޯޓުނުދޭ 25 ގައުމެއް ހިމެނެއެވެ.
މި ގަރާރުގައި ބުނެފައި ވަނީ ފަލަސްތީނަކީ އދ.ގެ މެމްބަރަކަށްވުމަށް ޝަރުތުހަމަވާ ގައުމެއް ކަމަށާއި އެކަމަށް އދ.ގެ ގިނަ ގައުމުތަކުން ތާއިދުކުރާ ކަމަށެވެ.
ރައީސް މުއިއްޒު ވެސް ވަނީ އެ ނިންމުމަށް މަރުހަބާ ވިދާޅުވެފައެވެ. އެގޮތުން ރައީސް ވަނީ މިނިވަންކަން ހޯދުމަށް ފަލަސްތީނުން މަސައްކަތް ކުރަމުން އަންނަތާ އެތައް ޒަމާނެއް ވެއްޖެ ކަމަށާއި، އދ.އިން ފާސްކުރި ގަރާރަކީ އެ ހިތްވަރަށް ލިބުނު ތާރީހީ ކާމިޔާބެއް ކަމަށް ރައީސް ސިފަ ކުރެއްވިއެވެ.