އިންޑިއާ ސަރުކާރުން ރާއްޖެ އަށް ހަދިޔާ ކޮށްފައިވާ ހެލިކޮޕްޓަރާއި ޑޯނިޔާ މަތިންދާ ބޯޓުގެ ތެރެއިން، އެމްއެންޑީއެފް އަށް އެނގުމެއް ނެތި ހެލިކޮޕްޓަރު ދަތުރެއް ކުރިކަން ހާމަވެއްޖެއެވެ.
އިންޑިއާ ސަރުކާރުން ރާއްޖެ އަށް ހެލިކޮޕްޓަރާއި މަތިންދާ ބޯޓު ހަދިޔާ ކޮށްފައިވީ ނަމަވެސް މި ތަކެތި އޮޕަރޭޓު ކުރާނީ އެމްއެންޑީއެފްގެ ބޭނުންތަކަށެވެ. މިކަން ހާމަވެގެން ދިޔައީ ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ދެއްކެވި ވާހަކަފުޅެއްގެ ތެރެއިންނެވެ. އެމަނިކުފާނު ވިދާޅުވީ މަޖިލީހުގެ 241 ކޮމެޓީން ބަލަމުން ދިޔަ މައްސަލައެއްގައި އެކަން [އެމްއެންޑީއެފް އަށް ނޭނގި ހެލިކޮޕްޓަރު ދަތުރެއް ކުރިކަން] ހާމަވި ކަމަށެވެ. ގައްސާނަކީ މިނިސްޓަރުކަން ލިބިވަޑައިގަތުމާއި ހަމައަށް ތ. ގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރެވެ.
މީގެއިތުރުން ގައްސާނަކީ މަޖިލިސް މެންބަރެއްގެ ގޮތުގައި ހުންނެވިއިރު 241 ކޮމެޓީގައި ވެސް އިންނެވި މެންބަރެކެވެ.
"ދިވެހިންގެ ހުއްދަ ނެތި ހެލިކޮޕްޓަރެއް އޭރު އޮތީ ދުއްވާފައި،" ގައްސާން ވިދާޅުވިއެވެ. އަދި ވިދާޅުވީ އެ ދަތުރު ކޮށްފައި ވަނީ ތ. ތިމަރަފުއްޓަށް ކަމަށެވެ.
އެ މައްސަލަ އަށްފަހު އެމްއެންޑީއެފްގެ ހުއްދަ ނެތި ހެލިކޮޕްޓަރު ވެސް އަދި ޑޯނިޔާ މަތިންދާ ބޯޓަށް ދަތުރު ނުކުރެވޭނެ ކަމަށް އެންގިއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖޭން ފޮނުވާލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން އެންމެ ބޮޑު ވައުދެވެ. ވެރިކަމުގެ ހުވާ ކުރެއްވި ފުރަތަމަ ދުވަހު ވެސް އެ މަސައްކަތް އެމަނިކުފާނު ފެއްޓެވިއެވެ. އަދި ދިވެހި ސަރުކާރާ އިންޑިއާ ސަރުކާރު މަޝްވަރާ ކުރުމަށްފަހު މެއި 10ގެ ކުރިން ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ރާއްޖޭން ފޮނުވާލުމަށް ނިންމިއެވެ.
ރާއްޖޭގައި ތިބި އިންޑިއާގެ 76 ސިފައިން މިދިޔަ މަހުގެ 9ވަނަ ދުވަހާއި ހަމައަށް ވަނީ ރާއްޖޭ ފޮނުވާލައިފައެވެ. ބަދަލުގައި އިންޑިއާ އިން ފޮނުވާފައި ވަނީ މަދަނީ ބައެކެވެ.
ރަސްމީ ދަތުރުފުޅެއްގައި މަޖިލިސް ރައީސް އިންޑިއާއަށް
އަންނަ މަހުގެ ފަސްވަނަ ދުވަސް ސަރުކާރު ބަންދު
ވެމްކޯ އިން ޕެންޝަނަށް 20 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުދައްކާ އެބައޮތް
ރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލާ، ނައީމް އަވަހާރަވެއްޖެ
އިންޑިއާ - އެމެރިކާގެ ވިޔަފާރީގެ މަޝްވަރާތައް ދަނީ ކުރިޔަށް: ސަފީރު
ގއ. އަތޮޅު ޑުރަގް ނެޓްވޯކާ ގުޅޭ 53 ބޭންކް އެކައުންޓެއް ފްރީޒްކޮށްފި