އިންޑިއާ ސަރުކާރުން ރާއްޖެ އަށް ހަދިޔާ ކޮށްފައިވާ ހެލިކޮޕްޓަރާއި ޑޯނިޔާ މަތިންދާ ބޯޓު ދުއްވަން އައިސް ތިބި އިންޑިއާ ސިފައިން އަނބުރާ ގައުމަށް ފޮނުވާލުމަށްފަހު އެތަކެތި އޮޕަރޭޓު ކުރުމަށް މިހާރު ރާއްޖެ އައިސްފައިވާ އިންޑިއާ ރައްޔިތުންނަކީ އެ އުޅަނދުތައް އުފެއްދި ކުންފުނީގެ މުވައްޒަފުން ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ 76 ސިފައިން މިދިޔަ މަހުގެ 9ވަނަ ދުވަހާއި ހަމައަށް ވަނީ ރާއްޖޭ ފޮނުވާލައިފައެވެ. ބަދަލުގައި އިންޑިއާ އިން ފޮނުވާފައި ވަނީ މަދަނީ ބައެކެވެ. ނަމަވެސް އެއީ އިންޑިއާ ސިފައިން ފޮނުވާލުން ނޫން ކަމަށާއި އެއްވެސް ހާލަތެއްގައި އެ އުޅަނދުތައް އޮޕަރޭޓު ކުރުމަށް ބޭރު ބަޔަކު ތިބެގެން ނުވާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވަނީ އެ ވާހަކައަށް އަލިއަޅުއްވާލައްވާފައެވެ. އިންޑިއާގެ ސިފައިންގެ ބަދަލުގައި ރާއްޖެ އަށް އައިސްފައި ވަނީ ހެލިކޮޕްޓަރުތައް އުފެއްދި ކުންފުނީގެ މަދަނީ މުވައްޒަފުން ކަމަށް ޒަމީރު ވިދާޅުވިއެވެ.

މަދަނީ މީހުންގެ ނަމުގައި ވެސް އިންޑިއާ ސިފައިން ރާއްޖޭގައި ތިބެދާނެ ކަމަށް ދެކެވޭ ވާހަކައަށް ރައްދު ދެއްވަމުން ޒަމީރު ވިދާޅުވީ އިންޑިއާ ސިފައިން ވެސް އައިސްތިބީ އޮޅުވާލައިގެން ނޫން ކަމަށާއި އެހެންކަމުން، އެ އުޅަނދުތައް އޮޕަރޭޓު ކުރުމަށް މަދަނީ މީހުން ގެންދާނެ ކަމަށް އިންޑިއާ ސަރުކާރުން ބުނުމުން އެކަން ގަބޫލުކުރަން ނުޖެހޭ ސަބަބެއް ނެތް ކަމަށް ޒަމީރު ވިދާޅުވިއެވެ.

އިންޑިއާގެ ސިފައިން ރާއްޖޭން ފޭބި ތާރިހުތަކާއި ފޭބި ސިފައިންގެ އަދަދުތައް

  • 7 މާޗު: 12 އިންޑިއާ ސިފައިން
  • 9 މާޗު: 14 އިންޑިއާ ސިފައިން
  • 7 އޭޕްރިލް: 13 އިންޑިއާ ސިފައިން
  • 9 އޭޕްރިލް: 12 އިންޑިއާ ސިފައިން
  • 7 މޭ: 12 އިންޑިއާ ސިފައިން
  • 9 މޭ: 13 އިންޑިއާ ސިފައިން