ޤަވާޢިދާ ޚިލާފަށް ވަޒީފާ އަދާކޮށް ވިޔަފާރިކުރަމުންދާ ބޭރު މީހުން 48 ގަޑިއިރު ތެރޭގައި ޑީޕޯޓްކުރަން މިހާރު ފަށްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައި ވިދާޅުވީ އާމުދަނީ ހޯދުމަށް މަސައްކަތްކުރުމުގެ ފުރުޞަތު ދިވެހީންނަށް އިތުރަށް ފަހިކޮށްދެއްވުމަށްޓަކައި، ރާއްޖޭގައި ދިވެހީންނަށް ނޫނީ ވަޒީފާ އަދާނުކުރެވޭނެ 22 ދާއިރާއެއް މި ސަރުކާރުން ކަނޑައަޅާފައިވާ ކަމަށެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އިޝާރާތްކޮށް ރައީސް ވިދާޅުވީ އެފަދަ މައްސަލަތަކަށް އަޅައިނުލައި ހައްލެއް ނުހޯދައި އެތައް އަހަރެއްވެފައިވާ ކަމަށާއި އެފަދަ ކަންކަން މުޅީން ޙައްލުކުރެވޭނީ ގިނަދުވަހުން، ހުއްޓުމެއްނެތި ބެލެހެއްޓުމާއެކު، ޤާނޫނު ތަންފީޒުކުރުން ދަމަހައްޓައިގެން ކަމަށް ރައީސް ވިދާޅުވިއެވެ.
"ރާއްޖޭގައި ގަވާއިދާ ޚިލާފަށް ވަޒީފާ އަދާކޮށް، ވިޔަފާރިކުރަމުންދާ ބޭރު މީހުންނަށް އެ މަގުތައް ބަންދުކޮށް، އެފަދަ ބޭރުމީހުން 48 ގަޑިއިރުގެ ތެރޭގައި ޑީޕޯޓްކުރަން މިހާރުވަނީ ފަށައިގެންފައެވެ.،" ރައީސް ވިދާޅުވިއެވެ.
ރައީސްގެ ޢަޒުމްފުޅަކީ، ދިވެހި ކޮންމެ މަސައްކަތްތެރިއަކަށް، ފުދުންތެރި، ތަނަވަސް އަދި ފާގަތި ދިރިއުޅުމެއް މި ފަސް އަހަރުގެ ތެރޭ ހޯދައިދެއްވުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ ޚިޠާބުގައި، މަސައްކަތްތެރިންނަށްޓަކައި ސަރުކާރުން ކޮށްދެއްވަމުން ގެންދަވާ ކަންކަމުގެ މައްޗަށް ތަފުޞީލީ ގޮތެއްގައި އަލިއަޅުވާލައްވާފައިވެއެވެ. އެގޮތުން ސަރުކާރުގެ އެކި ޚިދުމަތްތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް މުސާރަ ބޮޑުކޮށްދީ، އިނާޔަތްތައް އިތުރުކޮށްދެއްވަން މިހާރު ފަށްޓަވާފައިވާކަން ފާހަގަކުރައްވާފައިވެއެވެ.
މަސައްކަތްތެރިންނަށްޓަކައި މިސަރުކާރުން ކުރިއަށް އޮތް ދުވަސްތަކުގައި ގިނަ ކަންކަން ކުރުމަށް އިސްކަން ދެއްވާކަން ބަޔާންކުރައްވަމުން، މަސައްކަތްތެރިކަން އުނގަންނައިދިނުމާއި، އެކި ދާއިރާތަކުން މީހުން ތަމްރީނުކުރުމަށް މި ސަރުކާރުން އިސްކަންދެއްވާނެކަމަށާއި، ޑޭކެއާ ސެންޓަރުތައް ފަދަ ޚިދުމަތްތައް ޤާއިމުކޮށް، ޢާއިލާތަކަށް ފުދުންތެރިކަން އިތުރުކުރުމަށް ފަސޭހަކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ. މިއަދުގެ ޚިޠާބު ނިންމަވާލައްވަމުން، ރައީސް ވަނީ ސަރުކާރުގެ އުންމީދީ މަސައްކަތްތަކާއެކު ދިވެހި މަސައްކަތްތެރީންނަށް އުޖާލާ ކުރިމަގެއް އޮތްކަމުގައި ވިދާޅުވެފައެވެ. އަދި މަސައްކަތްތެރިންނަށް ތިޔާގިކަމުގެ އެތައް ފުރުޞަތުތަކެއް ފަހިވެގެންދާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ދިވެހި ޤައުމަށް މަންފާލިބޭ އެކި ދާއިރާތަކުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަސައްކަތްކޮށްދެއްވަމުން ގެންދަވާ ހުރިހާ ދޭސީންނާއި ބިދޭސީންނަށް ބައިނަލްއަޤްވާމީ މަސައްކަތްތެރީންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވާފައިވެއެވެ.