ތުލުސްދޫގައި ޗުއްޓީ ހޭދަކުރަން ގޮސް ހުރި އިޒުރޭލު ޓޫރިސްޓަކު އެ ރަށުން އިއްޔެ ބާލައިފިއެވެ.

ތުލުސްދޫއިން "ހަތާވީސް"އާ ވާހަކަ ދެއްކި މީހަކު ބުނީ އެ ރަށަށް އިޒުރޭލު ޓޫރިސްޓަކު އައިސްގެން އުޅޭކަން އެނގުނީ "ތުލުސްދޫ" ހޭޝްޓެގުން ކަމަށާއި އެކަން އެނގިގެން އޭނާ ހުރި ގެސްޓުހައުސްއަށް ގޮސް، ރަށުން އޭނާ ބޭލުމުގެ މަސައްކަތް ފެށި ކަމަށެވެ.

"އަޅުގަނޑުމެން ގޮސް، ގެސްޓުހައުސް އޯނަރާ ވާހަކަ ދެއްކީ. ގެސްޓްހައުސްގެ ވެރިޔާ އަޅުގަނޑުމެންނަށް އެއްބާރުލުން ދިން. އިޒުރޭލު ޓޫރިސްޓަށް އެންގީ ޕަބްލިކް ހިންހަމައެއް ނުޖެހެއޭ މިތަނުގައި ހުންނާކަށް،" ތުލުސްދޫއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

"އެންމެ އަވަހަށް ހުޅުލެއަށް ފުރަން އޮތް ލޯންޗުން އޭނާ ވެސް ފޮނުވާލަދިން،"

ތުލުސްދޫއިން ބޭލި ޓޫރިސްޓަކީ އިޒުރޭލުގެ ބްލޮގަރެކެވެ. އެ އަންހެން މީހާ އެ ރަށަށް ގޮސް އުޅުނީ އެކަންޏެވެ. އޭނާ ރަށުން ބޭލުމުގައި އެއްވެސް ކަހަލަ ހަމަނުޖެހުމެއް ނުހިނގައެވެ.

ފަލަސްތީނަށް ތާއިދުކޮށް، ތުލުސްދޫގައި ހިންގާ ހަރަކާތްތައް

ތުލުސްދޫއަކީ އިޒުރޭލު ޓޫރިސްޓުގެ މެދުގައި މަގުބޫލު މަންޒިލެކެވެ. އެ ރަށަށް އާންމުކޮށް އަންނަނީ ރާޅާ އަޅަން އަންނަ ޓޫރިސްޓުންނެވެ. ނަމަވެސް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އެ ރަށަށް އިޒުރޭލު ޓޫރިސްޓުން އެރުން މަނާކޮށް، ރަށުގެ އެކި ތަންތަނުގައި "އިޒްރޭލު ނޮޓް އެލޯވްޑް" ޖަހާފައިވެއެވެ. އަދި ރަށުގެ މަލަމަތީގައި ފަލަސްތީނު ދިދަ ނަގާފައިވެއެވެ.

އިޒުރޭލު ފަތުރުވެރިން ރާއްޖެ އައުން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ގަރާރެއް ފާސްކޮށްފައެވެ. ނަމަވެސް މަޖިލީހުގެ އެ ނިންމުމަށް ސަރުކާރުން އަދި އަމަލެއް ނުކުރެއެވެ.